އިންޑިއާގެ އަންދްރާ ޕްރަދޭޝްއަށް ނިސްބަތްވާ ކުއްޖަކު، ނުކައި ނުބޮއި މާބޮޑަށް ޕަބްޖީ ގޭމާއި އުޅުމުގެ ތެރޭގައި ކުއްލި ގޮތަާށް މަރުވެއްޖެއެވެ.

ކޮވިޑް-19 އާ ހެދި އިއުލާނުކޮށްފައިވާ ފުރަބަންދާއި ގުޅިގެން އެ ކުއްޖާ އުޅުނީ ގޭގައެވެ. އަދި އޭނާ ފެށީ ޕަބްޖީ ކުޅޭށެވެ. އެއަށް އޭނާ ގެއްލި، އެކަމަށް ހުރިހާ ވަގުތެއް ހުސް ކުރިއެވެ.

އޭނާ އެ ގޭމަށް ގެއްލިފައި ހުރުމުގެ ސަބަބުން އޭނާއަށް ކެއުމަށާއި، ބުއިމަށްވެސް ހަނދާން ނުހުރެއެވެ އެގޮތަށް ގޮސް އެތައް ދުވަހެއް ވަންދެން އޭނާ ނުކައި އުޅުނު ކަމަށް ވެއެވެ.

ދަ ހިންދޫން ރިޕޯޓްކޮށްފައިވާގޮތުން، އެ ކުއްޖާއަކީ ވެސްޓް ގޮޑަވަރީއަށް ނިސްބަތްވާ ކުއްޖެކެވެ. އަދި ކުއްލިއަކަށް އެ ކުއްޖާގެ ހާލު ގޯސްވެގެން އެ ކުއްޖާ އެލުރު ޓައުންގައި ހުންނަ އަމިއްލަ ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށާއި، އެ ކުއްޖާ ކޮވިޑް-19 އަށް ޓެސްޓު ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.

އަދި އެ ކުއްޖާ މާބޮޑަށް ބޮޑުކަމުދެވިގެން ގޮސް މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް މިފަދަ ގޭމްތައް ކުޅުމުގައި އުޅުނު ބައެއް ޒުވާނުން ސިއްހީ އެކި މައްސަލަތަކާއި ދިމާވެގެން ވަނީ މަރުވެފައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަސް ތެރޭގައި އިންޑިއާގައި ޕަބްޖީ ކުޅެން އުޅުނު އުމުރުން 25 އަހަރުގެ މީހަކު ވަނީ ސިކުނޑިއަށް ޖެހުނު ސްޓްރޯކެއްގެ ސަބަބުން މަރުވެފައެވެ.