ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެންމެ ފޯރިއާއި އެކު ކުޅެވޭ އޮންލައިން ގޭމުތަކުގެ ތެރެއިން ޕްލޭޔާސް އަންނޯން ބެޓްލް ގްރައުންޑް (ޕަބްޖީ) ހިމެނިފައިވާއިރު، މި ގޭމަށް ދޭތެރެއަކުން އަންނަ ބަޑީގެ ސްކިންތައް ހޯދަން ގިނަ ބަޔަކު އަންނަނީ ފައިސާ ހަރަދު ކުރަމުންނެވެ. ގޭމަށް ގިނަ ބަޔަކު ފައިސާ ހަރަދު ކުރަމުން އަންނަނީ ހަމަ އެކަނި ބަޑި ހޯދުމަކަށް ނޫނެވެ. ރީތި ކާރާއި ހެދުންތައް ހޯދަން ވެސް ފައިސާ ހަރަދު ކޮށްފައިވެއެވެ.

ގޭމަށް އައި ބަޑީގެ ސްކިންތަކުގެ ތެރެއިން ވެސް އެންމެ ގިނަ މީހުންގެ ލޮލުގައި އަޅައިގަތީ ގްލޭޝިއާ ސްކިން ނުވަތަ އެހެން ނަމަކުން ނަމަ އައިސް M4 އެވެ.

ޔޫސީ އަޅައިގެން ވެސް ގިނަ ބަޔަކު މި ގްލޭޝިއާ ސްކިން ހޯދުމަށް މަސައްކަތް ކޮށްފައިވާއިރު، އެންމެ ފުރަތަމަ މި ސްކިން އައިސް ފައިވަނީ ކްރޭޓަކުން ކަމަށްވާތީ އެދުވަސް ކޮޅު ގިނަ ބަޔަކަށް އެ ސްކިން ނުލިބުމުން ފެނިގެން ދިޔައީ މާޔޫސް ކަމެވެ.

އެކަމާއި ހެދި ޕަބްޖީން ވަނީ އެހެން ފަރާތްތަކަށް ވެސް މި ސްކިން ލިބޭނެ ގޮތަށް ކްލެސިކް ކްރޭޓަށް ސްކިން ލާފައެވެ. އެހެން ނަމަވެސް އަދި ވެސް ގިނަ ބަޔަކު މި ސްކިން ނުލިބިގެން އުޅޭތަން ފެނެއެވެ.

މީޑިއާ ރިޕޯތްތައް ބުނާ ގޮތުގައި ޕަބްޖީ ކުޅޭ މީހުން ވަނީ މިހާތަނަށް 7 ބިލިއަން އެމެރިކާ ޑޯލަރަށްވުރެ ގިނަ ފައިސާ އެ ގޭމަށް ހަރަދު ކޮށްފައެވެ.

2017 ވަނަ އަހަރު އުފައްދައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ގޭމަށް އާއްމުންގެ ގިނަ މީހުން އެހާ ބައިވަރު ފައިސާ ހޭދަކޮށްފައިވުމާއި އެކީ އެގޭމު ވެފައިވަނީ އައިއޯއެސް އަދި އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކުން މިހާތަނަށް އެންމެ ގިނަ ފައިސާ ހަރަދު ކުރި ގޭމަށެވެ.