ބޮލީވުޑްގެ ގިނަ ތަރިންނަކީ ފުޓްބޯޅައަށް ހާއްސަ ސަމާލުކަމެއް ދޭ ބައެކެވެ. މަޝްހޫރް ފުޓްބޯޅަ ކުޅުންތެރިންނާއި ބައްދަލުކޮށްލާ ސެލްފީއެއް ނެގުމަކީ އަޅުގަނޑުމެން ފަދައިން ބޮލީވުޑްގެ ތަރިންވެސް ދެކޭ ހުވަފެނެކެވެ. މިގޮތުން ކުޅަދާނަ އެކްޓަރު އަރުޖުން ކަޕޫރް މިވަނީ މި ހުވަފެނުގައި ކުލަ ޖައްސާ، މަޝްހޫރް ފުޓްބޯލް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެކު ސެލްފީއެއް ނަގާފައެވެ.

ޚަބަރުތައް ބުނާ ގޮތުން އަރްޖުން އާއި ރޮނޯލްޑޯ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ. އަދި އަރުޖުން ވަނީ ޗެންޕިއަންސް ލީގްގެ ފައިނަލްގައި ރިއަލް މެޑްރިޑާއި ލިވަޕޫލް ކުޅޭ މެޗްގައި ރަނގަޅު ކާމިޔާބީ އެއް ހޯދުމަށް ހިތްވަރުދީފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

"ރޮނޯލްޑޯ އާއި އަރުޖުން ބޮޑަށް ވާހަކަ ދައްކާފައިވަނީ ދުނިޔޭގެ ފުޓްބޯޅައާއި ރިއާލް މެޑްރިޑް ކަޕް ކާމިޔާބު ކުރުމާއި ބެހޭގޮތުން. ދެން އަރުޖުން ވަނީ ރޮނާލްޑޯއަށް އިންޑިއާއަށް އައުމަށް ދައުވަތުވެސް ދީފަ. އަދި އިންޑިއާގަ ރޮނޯލްޑޯގެ ފޭނުންގެ ގިނަ ކަމާއި އެމީހުންގެ މެހުމާންދާރީ ބަލާލުމަށްވެސް އައުމަށް އަރުޖުން ވަނީ އެދިފައި" ލަލީގާ ޓީމްގެ އޮފިޝަލަކު ބުނެފައިވެއެވެ.

"އަރުޖުން އަކީވެސް ރޮނާލްޑޯގެ ބޮޑު ފޭނެއް. ދެން އަރުޖުންއަށް ފުޓްބޯޅައާއި ގުޅޭ އެކިއެކި ކަންކަން އެނގޭތީ ވަރަށް ސަޅިކޮށް އެމީހުން އެކި ކަންކަމާއިމެދު ވާހަކަ ދެއްކީ." އޮފިޝަލް އިތުރަށް ބުނެފައިވެއެވެ.

މިވަގުތު އަރުޖުން ކުރަމުން ދަނީ ފިލްމު "ނަމަސްތޭ އިންގްލޭންޑް" ގެ ޝޫޓިންގެ މަސައްކަތެވެ.