ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އާއިލާގެ ތެރޭގައި މައްސަލަ ޖެހި ދެބަސްވުންތައް އުފެދެނީ ހަމައެކަނި ދިވެހިރާއްޖެއަކު ނޫނެވެ. އެންމެ ކުރިއަރާފައި އޮތް، ހުރިހާ ކަމެއްގައި ވެސް ވިސްނުމާއި އަދި އެހެން ކަންކަން ވެސް އެންމެ ތަހްޒީބު ވެފައިވާ އެމެރިކާގައި ވެސް ކަންތައް އޮތީ ރާއްޖެ އާއި ދާދިއެއް ގޮތަށެވެ. މިކަން މިހާރު މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ މައްސަލަ އިން އިތުރަށް ސާފުވެއެވެ.

އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ އަންހެނަކު މިވަނީ އޭނާގެ ފިރިމީހާ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވޯޓް ދީފިނަމަ ކައިވެނި ރޫޅާލާނެ ކަމުގެ އިންޒާރު ދީފައެވެ.

ބެވަލީ ނަމަކަށް ކިޔާ އަންހެން މީހާ ކުރި ޓްވީޓެއްގައި ބުނީ ފިރިމީހާ ވޯޓް ދޭން ޖެހޭނީ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އަށް ކަމަށެވެ.

ވަރަށް ސީރިއަސްކޮށް ދައްކާ ވާހަކައެއްކަން ފާހަގަކޮށް ބެވަލީ ކުރި ޓްވީޓްގައި ބުނެފައި ވަނީ އޭނާ ކައިވެނި ކުރީ ޓްރަމްޕް ވެރިކަމަށް އައުމުގެ ކުރިން ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ބެވަލީ ވޯޓް ދީފައި ވަނީ ޑިމޮކްރަޓިކް ޕާޓީއަށެވެ. އެއީ ހިލަރީ ކްލިންޓަން ވެރިކަމަށް ގެންނާށެވެ.

ޓްރަމްޕްގެ ވެރިކަމުގައި ފާއިތުވެގެން ދިޔަ ހަތަރު އަހަރަށް އިޝާރާތްކޮށް ބެލަވީ ބުނީ ފާއިތުވެގެން ދިޔައީ ވަރަށް އުނދަގޫ ހަތަރު އަހަރު ކަމަށެވެ.

ބެވަލީގެ ޓްވީޓަށް ރިޕްލައި ކުރި އެމެރިކާގެ ގިނަ މީހުން ވެސް ވަނީ ސިޔާސީ ވިސްނުމުގެ ސަބަބުން އެމީހުންގެ އާއިލީ ގުޅުންތަކަށް ހީނަރުކަން އައިސްފައިވާ ކަމަށް ބުނެފައެވެ. ބައެއް މީހުން ވަނީ ހަމަހަމަކަމާއި އެކު ކަންކަމާއިމެދު ނުވިސްނާތީ އާއިލާ މެންބަރުންނަށް އިހްތިރާމް ނުކުރާ ކަމަށް ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު