އަނިޔާގެ ނިޝާންތަކަކާއި އެކު މެކްސިކޯގެ ހޮސްޕިޓަލަކަށް ގެންދިޔަ ކުޑަ ކުއްޖަކު އޭނާ މަރުވާން ދޫކޮށްލަން އޭނާގެ ޑޮކްޓަރު ކައިރީގައި އެދިއްޖެއެވެ. އެ ކުއްޖާގެ ފުށުން ފެނުނު އާދަޔާ ޚިލާފު ކަންކަމަށް ފަހު ޑޮކްޓަރުން ވަނީ އޭނާ އާއި އިތުރަށް ސުވާލުކޮށްފައެވެ.

ޔަޒް ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ ގައިން އަނިޔާގެ ނިޝާންތަކާއި ޖިންސީ ގޯނާގެ ނިޝާންތައް ފެންނަން ހުރި ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފައެވެ.

" އެ ކުޑަ ކުއްޖާ ބުނީ އަހަރެން ބޭނުންވަނީ މަރުވާންށޭ" އެ ޑޮކްޓަރާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ގޭގައި އޭނާ އަށް ލިބެމުންދާ އަނިޔާތަކަށް ކެތް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ޑޮކްޓަރުން ކައިރީގައި ބުނެފައެވެ.

ކްރައިމް އޮންލައިންގައި ވާގޮތުން އެ ކުޑަ ކުއްޖާ އަށް އަނިޔާ ކުރުމުގެ ސަބަބުން އެތެރެހައްޓަށް ލޭ އެޅި، ފުއްޕާމެ އަށް ވެސް ވަނީ އަސަރުކޮށްފައެވެ. އަދި އެ ކުއްޖާގެ ގައިގައި ސިގެރެޓް ޖައްސާފައި ހުރި ތަންތަނާއި، އަލިފާން ޖައްސާފައި ހުރި ތަންތަންވެސް ހުއްޓެވެ.

އެ ކުޑަކުއްޖާ ތަކުރާރުކޮށް، ގެއަށް ދާން ބޭނުން ނުވާކަމަށް ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން މިހާރު މި މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، އެ ކުޑަ ކުއްޖާގެ މަންމައާއި ބައްޕަ ހައްޔަރުކޮށް އެ ދެ މީހުންނަށްވެސް ގެވެށި އަނިޔާގެ ދައުވާ ކުރަން ވަނީ ނިންމާފައެވެ.

އެ ކުޑަ ކުއްޖާގެ ސީދާ އުމުރު މީޑިއާއިން ރިޕޯޓްކޮށްފައި ނުވިނަމަވެސް ބެލެވޭގޮތުން އެއީ ފުރާވަރުގެ އުމުރުފުރާއަށް ނާރާވަރުގެ ކުޑަކުއްޖެކެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އަނިޔާތަކަކާއި އެކު ފެނުމުން، އޭނާގެ އަވަށްޓެރިއެކެވެ.