މާލޭގެ ފިހާރައެއް ތެރޭގައި ވިޔަފާރިކުރަން ގޮސް ހުރި އަންހެނަކަށް އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީ ސޭޓަކު ބެހުނު ކަމަށް ބުނާ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ފިހާރައަށް ދިޔަ ކަސްޓަމަރަކާއި ބެހުނު މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ މުހައްމަދު ޝަކީލް ހޮސައިން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ހާދިސާ ހިނގާފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު، މެންދުރު ފަހުގެ ވަގުތެއްގައެވެ.

މިގޮތުން، އަންހެން މީހާ ފިހާރައަށް ގޮސް، ރޯމިރުސް ނަގައިދިނުމަށް އެދުމުން، ފްރިޖް ކައިރިއަށް ގޮސް ރޯމިރުސް ނެގުމަށް ފަހުގައި ކައުންޓަރާއި ދިމާއަށް ދިޔަ މަގުމަތީ އޭނާ ވަނީ އަންހެން މީހާގެ އުރަމަތީގައި އަތްލާފައެވެ.

އެކަމަކު، ޝަކީލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެހެންވެ، ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ ތިން ހެއްކެއް ހުށަހަޅާފައެވެ. އެއީ، އަންހެން މީހާގެ ކޮއްކޮއަކާއި، ފުލުހަށް ގުޅުމުން އެ ދުވަހު ފިހާރައަށް ދިޔަ ދެ ފުލުސް އޮފިސަރުންނެވެ.

އަންހެން މީހާ ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު އޭނާ ކައިރީގައި އޭނާގެ ކޮއްކޮ ހުއްޓެވެ. ނަމަވެސް، ޝަރީއަތަށް ހާޒިރުކުރުމުން އޭނާގެ ކޮއްކޮ ބުނެފައިވަނީ ހެކިބަސް ދޭން ބޭނުންނުވާ ކަމަށާއި މައްސަލައަށް ގިނަ ދުވަސް ވެފައިވާތީ ކަންތައް ހިނގި ގޮތް މިހާރު ހަނދާނެއް ނެތް ކަމުގައެވެ.

ހެކިބަސް ދެމުން ސީން އަށް ދިޔަ ދެ ފުލުސް އޮފިސަރުން ވިދާޅުވީ އެ ދުވަހު ފިހާރައަށް ދިޔައިރު އެ އަންހެން މީހާ އާއި ބިދޭސީ މީހާ ވެސް ފިހާރާގައި ތިބި ކަމަށެވެ. އެކަމަކު، އެކަން ހިނގި ގޮތުގެ އިތުރު ތަފްސީލެއް އޭގެ ދެމީހުންނަކަށް ވެސް ނޭނގެއެވެ.

ފިހާރައިގާ ސީސީޓީވީ ކެމެރާ ވެސް ހުއްޓެވެ. އެކަމަކު، ކެމެރާ މަސައްކަތް ނުކުރާ ކަމަށް ބިދޭސީ މީހާ ބުނުމުން، އިތުރަށް އެ ކަމުގައި ކެމެރާ މަސައްކަތް ކުރާ ކަމެއް އަދި ނުކުރާ ކަމެއް ވެސް ނުބަލާ ކަމަށް ފުލުހުން ބުންޏެވެ.

އެފަދަ މައްސަލައެއްގައި ދައުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބުމުގެ ފުރުސަތު ބޮޑު ވާނީ ސީސީޓީވީ ފުޓޭޖް ހޯދުމުންނެވެ. ނަމަވެސް، ފުލުހުން އެ ފުޓޭޖް ހޯދަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެހެންވެ، ޖީނާއި ކުށެއް ސާބިތުކުރަން ބޭނުންވާ މިންވަރަށް އެކަށޭނެ ހެކި ނެތުމުގެ ސަބަބުން ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ޝަކީލްގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފޯއްވަޅި އަލީ

    އޮން ސްޕޮޓް މިހާރު ފައިސަލާ ކުރަން ޖެހޭ! ފުލުހުން ނަކީ ސިޔާސީ ބަޔެއް ، ކޮޑު މަތީ ޓުޕުރޮޓެކުޓު އެންޑު ސަާވު ޖަހައިގެން އުލޭނީ އެމީހުން ގެމުސާރަ ދެނީ ރައްޔިތު މީހާގެ އަތުން ނަގާ ޖީއެސްޓީ އިން،،،

  2. މުހައްމަދު އަންޖުމް

    ނޫނޭވާ ކުޅިވަރެއް އެބަހުއްޓެއްނު މިޤައު އަދި ބޮޑުނަމަ ކަންތައްތައް ކިހާވަރަކުން ދިޔައީސްބާ ޤައުމުކުޑަވެފައި މީސްކޮޅު ނިސްބަތުން މަދުއިރުވެސް މިއުޅެނީ މާފިއާ ހަރަކާތް އިންތިހާއަށް ގޮސްގެން އެކަން ހައްލުކުރުމުގެ ބަދަލުގައި ކުރާހާވެސްކަމަކީ ހަރުކައްޓެއް މަޑުކަށްޓަކަށް ބަދަލުކުރުން އެނޫން އެއްވެސްކަމެއް ނުކުރޭ ފުރަތަމަ ވަހުޝީއަމަލުތަކުން ތާހިރުކޮށް ކުއްވެރީންނައްތާލެވިގެން
    ޟެނުވީ ދެންލާހިކެއްނޫން އަހަރެމެންނަށް ނޭވާއެއްވެސް
    ލާކަށް މިކަމަށް އަހަރެމެން ވެއްޖެ ގޮތެއްއަވަހަށް ނިން މަން ދެއްތޯ

  3. ކޮރަލް

    ކުއްވެރީން ދޫކޮށްލައިގެން ބަޔަކު މުއްސަނދި ވަނީ އެވެ.

  4. ގަލަން

    ފުލުހުންގެ އިހުމާލުން ހެކި ނުލިބުނު ކަމައްވާނީ ތިޔަފިހާރަ ވެދާނެ ފުލުހަކު ބަންގާލު މީހާލައްވާ ކުރުވާ ވިޔަފާރިއއަކަށް .