ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތަކަކަކުން ވަނީ އެތައް ދުވަހެއް ވަންދެން ފުރަ ބަންދުކުރުމަށް ނިންމާފައެވެ. އެއާއި އެކު ބޭރަށް ނިކުމެ މީހުންނާއި ބައްދލުވެ އުޅުން އެއްކޮށްހެން ގިނަ ގައުމުތަކުގައި މަޑުޖެހިގެން ދިޔަ އިރު ހިތް ހަމަ ޖައްސާލުމަށް ހަމައެކަނި ނިކުމެވެން އޭރު އޮތީ ބެލްކަނިތަކަށެވެ.

އިޓަލީ އަކީވެސް ހަލުވިމިނުގައި ކޮވިޑް-19 ފެތުރުނު ގައުމުތަކުގެ ކުރީ ސަފުގައި އޮތް ގައުމެކެވެ. އެގައުމު ވަނީ ގިނަ ދުވަސްތަކެއް ވަންދެއް ފުރަބަންދުގައި ބާއްވާފައެވެ. ފުރަބަންދު ކޮށްފައި އޮތްއިރު ބެލްކަންޏަށް ނިކުމެ ތިބޭއިރު އެއް ބަޔަކަށް ރަހުމަތްތެރިން ލިބޭ އިރު އަނެއް ބަޔަކަށް ލޯބިވެރިން ލިބޭ ވާހަކަ އަކީ އޭރު ވަރަށް މަޝްހޫރުކޮށް ދެކެވެމުން ދިޔަ ވާހަކައެކެވެ. ކުރިމަތީ ގޭގެ ބެލްކަނިން، އަޑު ފޯރާ ހިސާބުގައި ތިބޭ ދެމީހުން އެކި ގޮތްގޮތަށް މުއާމަލާތުކޮށް ގުޅުމެއް ގާއިމު ކޮށްފައެވެ.

މިއީވެސް އެފަދަ ދެ ލޯބިވެރިންނެވެ.

ޤާނޫނީ ވަކީލެއްގެ ވަޒީފާ އަދާކުރަމުން އަންނަ އިޓަލީގެ ރައްޔިތެއް ކަމުގައިވާ ޕައޮލާ އެގެނެލީ އާއި އުމުރުން 38 އަހަރުގެ މައިކަލް ޑީއަލަޕޯސް ވެސް ބައްދަލުވީ މިފަދަ ގޮތަކަށެވެ. ދެމީހުން ވެސް ބެލްކަންޏަށް ނިކުތީ ފުރަބަންދުގެ ސަބަބުން ބޭރަށް ނުނިކުމެވި ތިބުމުގެ ސަބަބުން ބޮލަށް ވެރިވި ނުތަނަވަސްކަމާއި ބޭކާރު ހިޔާލުތަކުން އެއްކިބާވެ ހިތްހަމަ ޖައްސާލާށެވެ. އެއްވެސް ހާލަތެއްގައި ލޯބިވެރިޔަކު ލިބޭނެ ކަމަކަށް މި ދެމީހުންވެސް އުންމީދެއް ނުކުރެއެވެ.

މީޑިއާތަކުގައި މި ދެ ލޯބިވެރިންގެ ވާހަކަ ދެކެވެމުން އަންނަ އިރު އެ ދެމީހުން ސިފަކޮށްފައި ވަނީ "މޮޑާން ރޯމިއޯ އެންޑް ޖޫލިއަޓް"ގެ ގޮތުގައެވެ. އަދި އެއީ ރޯމިއޯ އާއި ޖުލިއެޓްގެ އުފާވެރި ނިމުން ކަމަށްވެސް ސިފަކޮށްފައި ވެއެވެ.

"ދަ ޓައިމްސް" ނޫހަށް މައުލޫމާތު ދެމުން މައިކަލް ވަނީ އެދެމީހުން ވެސް ކައިވެންޏަށް ތައްޔާރުވެފައިވާ ކަމަށާއި، މިހާރު ހަމައެކަނި ބޭނުންވަނީ ކައިވެނިކުރާނެ ތާރީހެއް ކަނޑައެޅުން ކަމަށް ބުނެފައެވެ.

މައިކަލް ވަނީ އެ ދެމީހުން ދިމާވި ގޮތްވެސް އެ ނޫހާއި ހިއްސާކޮށްފައެވެ.

"އެއީ ހަވީރު ވަގުތު. އަހަރެމެންނަކަށް އޭރު ހިތް ހަމަ ޖައްސާލަންވެސް ދާނެ އިތުރު ދިމާލެއް ނެތީމަ ކޮފީއެއް ގިރައިގެން އަހަރެން ނިކުތީ ބެލްކަންޏަށް. ނިކުމެ ހުއްޓާ ޕައުލާ ނިކުތީ. ދެން އަހަރެން އަތް ހޫރާލިން ޕައުލާއަށް. އޭނާވެސް އަހަރެންނާ ދުރުން ސަލާންކޮށްލި. އެހިސާބުން ރަހުމަތްތެރިކަމެއް ފެށުން. އަހަރެމެންނަށް އެނގޭ އެންމެ ފުރަތަމަވެސް އަހަރުމެން ދެމީހުންގެ ގުޅުން އެއަށްވުރެ ކުރިއަށްދާނެކަން" މައިކަލް ވަނީ ބުނެފައެވެ.

މައިކަލް ބުނި ގޮތުގައި އެމީހުން ކައިވެނިކުރުމަށް ނިންމާފައި ވަނީ އޭނާ ދިރިއުޅެމުން އަންނަ އިމާރާތުގެ ބެލްކަނީގައެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސ

    އެމީހުން ނުކުތީ ބެލްކަނީ ކޮންސަޓް އަށް. ކީއްވެ އެހެން ނުލިޔުނީ

    3
    1
  2. ތާރާ

    ފުރަބަންދު ހެޔޮގޮތުގައި ހިފައިފި!

  3. ފައްޔާޒު

    ދެން ބެލުކަނީގަ ހުރިހާ ގަނޑެއްގަނޭ އަންނި ބުނާހެން.

    3
    2
  4. Anonymous

    ސަޅި އެއްނު

  5. ސަންފަ

    ޢުމުރުން 8 އަހަރުގެ ހާދަކުޑަ ވާނެއޭ.

  6. އިޓާލިއާނޯ

    ވަރަށް ރީތި ލޯބީގެ ވާހަކައެއް.