ސާބިއާގެ ޒުލެއްގައި ގެންގުޅޭ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ކިނބުލަށް 83 އަހަރު ފުރިއްޖެ އެވެ.

ސާބިއާގެ ވެރިކަންކުރާ ބެލްގްރޭޑުގެ ޒުލެއްގައި އޮތް މި ކިނބުލަށް 83 އަހަރު ފުރިފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފައި ވީނަމަވެސް، ކިނބޫ އުފަންވި ސީދާ ދުވަހެއް އެފަރާތްތަކަށް ވެސް ކަނޑައެޅިގެން ބުނާކަށް ނޭނގެއެވެ. "މުޖާ" ގެ ނަން ދެވިފައިވާ މި ކިނބުލަކީ ޖަރުމަންވިލާތުގެ ޒުލަކުން 1937 ވަނަ އަހަރު ސާބިއާއަށް ގެންދިޔަ ކިނބުލެކެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ ކިނބުލެއްގެ ގޮތުގައި ސާބިއާގެ ޒުލުގައި އޮތް ކިނބޫ ވެފައި ވަނީ، ރަޝިޔާގެ މޮސްކޯގެ ޒުލެއްގައި ގެންގުޅުނު 1936 ވަނަ އަހަރު އުފަންވި ކިނބޫ، މަރުވުމުންނެވެ. "ސެޓާން" ގެ ނަމުން ނަންދީފައިވާ އެ ކިނބޫ މަރުވެފައި ވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ.

އޮފިޝަލުން ބުނާގޮތުން "މުޖާ" އެންމެ ފުރަތަމަ ޖަރުމަންވިލާތުން ސާބިއާއަށް ގެންދިޔައިރު ވާނީ ދެވަރަކަށް އަހަރެވެ. ނަމަވެސް އެކަން ޔަޤީން ނުކުރެވޭތީ އެފަރާތްތަކުން އޭގެ އުމުރު ބަލަނީ ސާބިއާއަށް ގެންދިޔަ އަހަރުން ފެށިގެންނެވެ. އެހެންކަމުން މި ކިނބުލަށް މިހާރު 83 އަހަރަށްވުރެ ގިނަ އަހަރު މިހާރު ވެދާނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މި ކިނބޫ އޮތް ޒުލަށް ވެސް ބޮމުގެ ހަމަލާތައް އަމާޒުވެފައި ވެއެވެ. އެ ހަމަލާތަކުގައި ޒުލުގައި ގެންގުޅުނު ގިނަ ޖަނަވާރުތައް މަރުވި ނަމަވެސް "މުޖާ" ވަނީ ސަލާމަތްވެފައެވެ.

އުމުރުން 83 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވީނަމަވެސް "މުޖާ" ސިއްޙީ ގޮތުން ހާލު ރަނގަޅު ކަމަށް، ބްލްގްރޭޑް ޒޫ ބަލަހައްޓާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް 2012 ވަނަ އަހަރު، އިންފެކްޝަނެއްގެ ސަބަބުން ހާލު ދެރަވެގެން ފަރުވާދިން ކަމަށް ވެއެވެ.

އާންމު ގޮތެއްގައި ކިނބޫ ދިރިއުޅެނީ 70 ވަރަކަށް އަހަރަށެވެ. ނަމަވެސް މަދު ފަހަރެއްގައި 100 އަހަރާއި ހަމައަށްވެސް ދިރި ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު