ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ މޯބައިލް ގޭމް، ޕްލޭޔާ އަންނޯންސް ބެޓްލް ގްރައުންޑްސް (ޕަބްޖީ)، ކުޅުން އިންޑިއާގައި މަނާކޮށްފައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށް އެޤައުމުގެ ސަރުކާރުން ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވަމުން އެޤައުމުގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވެފައި ވަނީ، ޕަބްޖީ އާއި އެޤައުމުން "ބޭން" ކޮށްފައިވާ ޗައިނާގެ އިތުރު 117 އެޕްލިކޭޝަންވެސް ބޭނުންކުރުމުގެ ހުއްދަ އަލުން ދޫކުރުމަށް ނުނިންމާ ކަމަށެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވަނީ، އިންޑިއާއިން ވެސް ޕަބްޖީ އަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވުމާއެކު އެޤައުމުގައި މި ގޭމް ކުޅޭ އެތައް ހާސް ބަޔަކު އުޅޭތީ ޕަބްޖީ ގޭމް އުފެއްދި ކުންފުނިން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާތަކެއް ކޮށްފައިވާ ކަމުގެ ޚަބަރު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގައި ޕަބްޖީ މަނާކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މީގެ އިތުރުން ވެސް ޗައިނާއިން އުފައްދާފައިވާ މަޤުބޫލު ގިނަ އެޕްލިކޭޝަންތަކާއި ގޭމުތައް އެދުވަހު އިންޑިއާގައި މަނާކޮށް ބޭނުން ނުކުރެވޭގޮތް ހަދާފައި ވެއެވެ. މިގޮތުން އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށްވެސް މި އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.

އިންޑިއާއިން ޗައިނާގެ އެޕްލިކޭޝަންތައް "ބޭން" ކޮށްފައި ވަނީ ޗައިނާއިން އެޕްތައް މެދުވެރިކޮށް އިންޑިއާގެ ސިއްރު މަޢުލޫމާތުތައް އެއްކުރަމުންދާ ކަމަށް ބުނެއެވެ. ނަމަވެސް މި ނިންމުމާއި މެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކު ބުނާގޮތުން އިންޑިއާއިން މި ފިޔަވަޅު އެޅީ ޗައިނާ އާއި މެދު ސަރުކާރުން އޮންނަ ރުޅިވެރިކަމުގެ ސަބަބުން އެޤައުމުގެ ކުންފުނިތަކަށް ގެއްލުން ދިނުމުގެ މަޤުސަދުގައި ކަމަށެވެ.