ބޮލީވުޑުގެ ކުރީގެ އެކްޓަރ ބިޝާމް ކޯލީ، ފިލްމީ ދުނިޔޭގެ ނަމުން ނަމަ ވިޝާލް އާނަންދު ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު، މިދިޔަ އާދީއްތަ ދުވަހު (އޮކްޓޫބަރު 4 ވަނަ ދުވަހު) މަރުވެއްޖެއެވެ.

ވިޝާލްއަކީ ހަމައެކަނި އެެކްޓު ކުރުމުން ފާހަގަ ކޮށްލެވޭ ފަންނާނެއް ނޫނެވެ. ފިލުމު ޑައިރެކްޓް ކުރުމާއި ޕްރޮޑިއުސް ކުރުމުގައި ވެސް ހަރަކާތްތެރި ވެފައިވާ ފަންނާނެކެވެ.

ސިމީ ގުރެއިވަލްއާއި އެކު ވިޝާލް ކުޅެފައިވާ ޗަލްތޭ ޗަލްތޭއަކީ ވެސް ވިޝާލް ޕްރޮޑިއުސް ކޮށްފައިވާ ފިލުމެކެވެ.

ވިޝާލް ވަނީ ބޮލީވުޑުގެ 11 ފިލުމެއްގައި މަސައްކަތް ކޮށްފައެެވެ. އަދި އަޝޯކް ކުމާރު، ސިމީ ގުރެއިވަލް، އަދި މެހެމޫދު ފަދަ އެތައް ފަންނާނުންނަކާއި އެކު ވަނީ މަސައްކަތް ކޮށްފައެވެ.

ވިޝާލް ކުޅެފައިވާ ފިލުމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފިލުމުތަކަކީ 1976 ވަނަ އަހަރުގެ ޗަލްތޭ ޗަލްތޭއާއި ޓެކްސީ ޑްރައިވަރއެވެ. ވިޝާލު ކުޅެފައިވާ ބައެއް ފިލުމުތަކަކީ ''ސާރީގަމަޕަ''، ''ދިލްސޭ މިލޭ ދިލް''، ''ހަމާރާ އަދިކާރު''، ''ހިންދުސްތާނުކީ ކަސަމް''، ''ކިސްމަތު'' ފަދަ ފިލުމުތައް ގުމެނެއެވެ.

މިޔުޒިކް ޑައިރެކްޓަރ ބައްޕީ ލަހިރީއަށް އޭނާގެ ކެރިއަރުގައި ކުރިއަށް ދިޔުމަށް ވެސް އެޙިތެރިވެދީފައިވާ މީހުންގެ ތެރެއިން އެކަކީ ވިޝާލްއެވެ.

''ރޮކް އޮން'' ''ރޮކް އޮން 2'' އިން ފާހަގަ ކޮށްލެވުނު އެކްޓަރ ޕޫރަބް ކޯލީއަކީ ވިޝާލްގެ އާއިލާ މީހެކެވެ.

މި އަހަރަކީ ބޮލީވުޑަށް ވަރަށް ހިތްދަތި އަހަރެކެވެ. ބޮލީވުޑުގެ އެތައް އަގުހުރި ހުނަރުވެރި އެކްޓަރުންނެއް ވަނީ މަރުވެފައެެވެ. އޭގެ ތެރޭގައި ރިޝީ ކަޕޫރު، އިރުފާން ޚާން ސުޝާންތު ސިންގ ރާޖުޕޫތު ފަދަ ތަރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު