ބައެއްގެ ބުރަ މަސައްކަތުން، އުމުރުން ހަ އަހަރުގެ ކުއްޖަކު، ރަހީނުނުވެ ސަލާމަތްވެއްޖެއެވެ. ކުޑަ ކުޑަ މި ކުއްޖާ ރަހީނުކުރަން މަސައްކަތްކޮށްފައިވަނީ ކުރޮޅި ދުއްވާ ޑްރައިވަރެކެވެ. އަދި، ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކޮށްފައިވަނީ ކުއްޖާގެ މަންމައާއި މަގުމަތިން ފެނުނު ނުވެސް ދަންނަ މީހެކެވެ.

މި ކުއްޖާގެ މަންމަ "ޓައިމްސް އޮފް އިންޑިޔާ" އަށް ކިޔައިދީފައިވާ ގޮތުގައި، އޭނާ އޭނާގެ ދަރިފުޅު ކުރޮޅިއަށް ނުވަތަ އޮޓޯ ރިކްޝާއަށް އެރުވީ ސްކޫލަށް ގެންދިޔުމަށެވެ. ކުރޮޅީގައި ރީތިކޮށް ދަރިފުޅު ބޭންދުމަށްފަހު، އޭނާއަށް ނޭރިގެން އުޅެނީސް ޑްރައިވަރު ވަނީ ކުރޮޅި ސްޓާޓުކޮށްފައެވެ.

މި ގޮތަށް ޑްރައިވަރު ކަންތައް ކުރުމުން، ކުރޮޅީގައި އިން ކުއްޖާ ވަރަށް ބާރަށް ރޯން ފެށިކަމަށްވެސް މަންމަ ބުނެފައިވެއެވެ. އަދި، ލެވުނު އެންމެ ބާރަކަށް އޭނާވެސް ހަޅޭލަވަމުން ދިޔަކަމަށްވެސް ބުނެފައިވެއެވެ.

މި މަންޒަރު ދެން ފެނިފައިވަނީ އެވަގުތު ކާރެއްގައި މަގުމަތިން ދިޔަ އެހެން އަންހެނަކަށެވެ. އޭނާގެ އިންސާނިއްޔަތުކަމުގެ ސަބަބުން، ކުރޮޅީގެ ފަހަތުން، ކުއްޖާގެ މަންމަ އަރުވައިގެން ދުއްވަން ފެށިއެވެ. އަދި، ކުރޮޅި ޕާކުކޮށްފައި އޮތް ތަނަކަށްވެސް ދެވުނެވެ.

މި ތަނަށް ގޮސް، ކުއްޖާ ސަލާމަތް ކުރެވުނުކަމުގައިވިޔަސް، އެކުރޮޅި ދުއްވަން އިން މީހާ އަތުޖެހިފައި ނުވެއެވެ. އެހެންކަމުން، މި މައްސަލަވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުން، މި މައްސަލަ ތަޙުޤީޤު ކުރަމުން ދަނީވެސް، ކުއްޖަކު ރަހީނުކުރަން އުޅުމުގެ މައްސަލައެއްގެ ގޮތުގައެވެ.