ތިން ހަފްތާ ވަންދެން ވޭޕް ކުރުމުން އަންހެންގެ ފުއްޕާމޭގައި މައްސަލަ ޖެހިއްޖެއެވެ.

އެމެރިކާގެ ޕެންޒެލްވޭނިއާގެ ރެސްޓޯރެންޓެގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 18 އަހަރުގެ އަންހެނަކަށް ވަނީ 3 ހަފްތާ ވަންދެން ވޭޕް ބޭނުން ކުރުމުގެ ސަބަބުން ފުއްޕާމޭގައި ނުރައްކާތެރި ސިމްޓޯން އެއް އުފެއްދި ހޮސްޕިޓަލްގެ އެމެޖެންސީ ގައި ފަރުވާދޭން ފަށާފައެވެ.

އެ އަންހެން މީހާއަށް ފަރުވާދެމުންދާ ޑރ ޑެނިއަލް ވެއިނަރ ވިދާޅުވީ އެ އަންހެންމީހާގެ ރެސްޕިރޭޓަރީ ސިސްޓަމް ފެއިލްވެފައިވާ ކަމަށާއި އަދި އޭނާއަށް ރަނގަޅަށް އޮކްސިޖަން ނުލިބޭތީ ވެންޓީލޭޓަރުގެ އެހީގައި ނޭވާލަމުންދާ ކަމަށެވެ.

އެ އަންހެންމީހާގެ ފުއްޕާމޭގައި އުފެދިފައިވާ ފްލުއިޑް ބޭރު ކުރުމަށް ޑޮކްޓަރުން ވަނީ ހަށިގަނޑުގެ ދެފަރާތުން މޭގަނޑަށް ދެ ހޮޅިއެއް ގުޅާލާފަައެވެ.

ވޭޕް ކުރުމަކީ މިހާރަކަށް އައިސް ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވެފައިވާ އާދައެކެވެ. މިގޮތުން އަގުބޮޑުކޮށް ވޭޕް ފްލޭވާރ އަދި އެހެނިހެން ވެސް ވޭޕްކުރުމާއި ގުޅުންހުރި އެއްޗެހި ގަންނަނީ ސިނގިރެޓް ބުއިމާއި ދުރަށް ދިޔުމުގެ ގޮތުންކަމަށް ބައެއް މީހުން ބުނެއެވެ. އެހެންނަމަވެސް ވޭޕް ކުރުމަކީވެސް ހަމަ ސިނގިރޭޓް ބުއިމާއި އެއްފަދަ ކަމެކެވެ. ސިނގިރޭޓް ބުއިންވެސް ހުއްޓާލަންޖެހޭ ފަދައިން ވޭޕް ކުރުމަކީވެސް އެކަމަކާއި ދުރުވުން އެންމެ ބުއްދިވެރި ކަމެކެވެ.

ވޭޕް ކުރުމުންވެސް ނިކޮޓިން ހަށިގަނޑަށް ލިބޭއިރު ސިނގިރޭޓް ބުއިމުން ވެސް ހަށިގަނޑަށް ލިބެނީ ހަމަ ނިކޮޓިންއެވެ. ނިކޮޓިން އަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި އަދި އެހާމެ ފަސޭހައިން ދެވިހިފައި އޭގެން ސަލާމަތްވުން އެހާ އުނދަގޫ މާއްދާއެއްކަން އެއީ މި ޒަމާނުގައި އެންމެންވެސް ދަންނަ ވަރަށް އާންމު މައުލޫމާތެކެވެ.

ވޭޕް ކުރުމުގެ ސަބަބުން ހައިޕޯޓެންޝަން، ހިތުގެ މައްސަލަ އަދި ނިއުމޯނިއާ ފަދަ މައްސަލަތަކާއިވެސް ކުރިމަތިވުމަކީ ވަރަށް ގާތްކަމެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިއީ ވޭޕް ކުރުން ވީހާވެސް އަވަހަށް ހުއްޓާލުމަށް އޮންނަ ސަބަބުތަކުގެ ތެރެއިން މަދު ސަބަބުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު