ނަގުދު ފައިސާ އާއި ފޯނުގައި ކޮވިޑް-19 28 ދުވަހަަށް ހަރުލާފައި ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

"އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާގެ ނެޝަނަލް ސައިންސް އެޖެންސީ އިން ދާދި ފަހުން ހެދި ދިރާސާއަކުން ވަނީ ފޯނާއި، ނަގުދު ފައިސާގައި ކޮވިޑް-19 ވައިރަސް 28 ދުަވަހަށް ހަރުލާފައި ހުންނާނެ ކަމަށް ދައްކާފައެވެ. އަދި މި ދެ ވަސީލަތުގެ ސަަބަބުން ބަލި ފެތުރޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުވުމުގެ ފުރުސަތު އޮތް ކަމަށް އެ ދިރާސާއިން ވަނީ ދައްކާފައެވެ.

މިކަމުން ރައްކާތެރިވުމަށް ފައިސާގައި އަތް ލުމަށްފަހު ރަނގަޅަށް އަތް ދޮވުން ނުވަތަ ރަނގަޅު ސެނިޓައިޒާއެއް ބޭނުން ކުރުން ރަނގަޅެވެ. އަދި ފޯނަކީވެސް ނުހަނު ފަސޭހައިން މި ބަލި ފެތުރިދާނެ ވަސީލަތެއް ކަމުން ފޯނުގެ ބޭރުގައިވެސް ސެނިޓަައިޒާ ބޭނުންކޮށްގެން ޖަރާސީމު ނައްތާލުމަށް އެ އެޖެންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ދިރާސާއިން ވަނީ 20 ޑިގްރީ ސެލްސިއަސް އަށްވުރެ ފިނިގަދަ ތަންތަނުގައިވެސް މި ވައިރަސް ގިނައިރަށް ހަރުލާފައި އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފައެވެ. މޯބައިލް ފޯނުގެ ޑިސްޕްލޭ ފަދަ އޮމާން ތަންތަނުގައި އަދި ފައިސާގައި މި ވައިރަސް ވަރަށް ގިނައިރު ވަންދެއް ހަރުލާފައި ހުންނާނެ އެވެ.

އާދައިގެ ރޯގާއެއްގެ ވައިރަހެއް ނަމަ އެފަދަ ތަނެއްގައި ހަރުލާފައި ހުންނާނީ 17 ދުވަސްވަދެއްނެވެ. އެއީ ކޮވިޑް-19 އިގެ ވައިރަހާ އަޅައި ބަލާއިރު 11 ދުވަސް މަދު މުއްދަތެކެވެ.

ކޮވިޑް-19 އަކީ އަދި ވަރަށް އާވައިރަސް އަކަށްވުމުން ވައިރަސް އާއި ގުޅޭ ވަރަށް ގިނަ މައުލޫމާތު އަދި ސައިސްވެރިންނަށް ވެސް ނޭނގެއެވެ. ވައިރަސް އާއި ގުޅޭ ދިރާސާތައް ހުއްޓުމެއްނެތި ސައިންސްވެރިން އަންނަނީ ކުރަމުންނެވެ. މިދިރާސާތަކުން އިތުރު މައުލޫމާތުތައް އަންނަނީ ހާމަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު