ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ޖަރާސީމު މަހެއްހާ ދުވަސް ވަންދެން ތަކެތީގައި ހިފާފައި ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެެވެ.

އަލަށް ހެދި މި ދިރާސާގައި ބުނެފައި ވަނީ ކޮވިޑުގެ ޖަރާސީމު ހިފާފައި ހުންނަ ތަކެތީގެ ތެރޭގައި ފައިސާ އާއި ފޯނު ސްކްރީން އަދި ސްޓެއިންލެސް ސްޓީލް ހިމެނޭ ކަމަށެވެ.

އޮސްޓްރޭލިއާގެ ޤައުމީ ސައިންސު އެޖެންސީން ކުރި ދިރާސާގައި ފާހަގަ ކުރެވުނު ގޮތުގައި ކޮވިޑް-19ގެ ޖަރާސީމު 28 ދުވަސް ވަންދެން މި ތަކެތީގައި ހުރެ އެވެ. އަދި އޮސްޓްރޭލިއާގެ ސެންޓަރ ފޯ ޑިސީސް ޕްރިޕެއާޑްނެސް (އޭސީޑީޕީ) އިން ހެދި ދިރާސާގައި ފާހަގަ ކުރެވުނީ ކޮވިޑުގެ ޖަލާސީމު ފިނި ތަންތަނުގައި ބޮޑަށް ހަރުލާފައި ހުންނަ ކަމަށެވެ. އަދި ފާހަގަ ކުރެވުނު އަނެއް ކަމަކީ ޖަރާސީމު ހިފާފައި ހުންނަ އިތުރު ތަންތަނުގެ ތެރޭގައި ބިއްލޫރި އާއި ސްޓެއިންލެސް ސްޓީލް ހިމެނޭ ކަމަށެވެ/

ދިރާސާގައި ފާހަގަ ކުރެވުނު އިތުރު ކަމަކީ ވައިރަހުގެ ޖަރާސީމު ވައިގެ ތެރޭގައި ގާތްގަނޑަކަށް ތިން ގަޑިއިރަށް ހިފާފައި ހުރެއެވެ. ޖަރާސީމުގެ އަސަރު ފިނި ތަންތަނުގައި ހިފާފައި ހުންނަ ވަގުތު އިތުރުވާކަމަށް ދިރާސާއިން ދައްކާއިރު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްގައި ހުންނަ ތަންތަނުގައި ޖަރާސީމުގެ އަސަރު ހިފާފައި ހުންނަ ވަގުތު މަދެވެ.

ވައިރަހުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމުގެ ތެރޭގައި ގިނަގިނައިން އަތް ދޮވުމާއި ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއް ދިނުން ހިމެނޭއިރު ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަ ފަރާތްތަކަށް ވައިރަހުގެ އަސަރު ކުރާމިންވަރު މަދު ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތު ކުރުން މުހިންނެވެ.

ކޮވިޑް-19އަށް ފައްސިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކެވެ. މިއަދާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 37.4 މިލިއަން މީހުން ފައްސިވެފައިވާއިރު 26 މިލިއަން މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅު ވެފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް ދުނިޔޭގެ ކަންކޮޅުތަކުން 1.08 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ޖަރާސީމު މަހެއްހާ ދުވަސް ވަންދެން ތަކެތީގައި ހިފާފައި ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެެވެ.
    ————————————
    ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ޑިމޮކްރެސީއޭ ކިޔާ ނުރައްކާތެރި ވަބާގެ ވައްތަރެއްކަމަށްވާ އެޖެންޑާ 19 ޖެހިއްޖެނަމަ ނުރައްކާތެރި ޖަރާސީމުތަށް ހިތާއި ލެޔާއި އަދި ސިކުންޑީގައި އެތަށްޒަމާނެއްވަންދެން ނުފިލާ ހުންނަކަމަށް އެވަބާ ޖެހިފައިތިބޭ މީހުން ބަލާލީމަ ހާމަވެގެން ދެއެވެ.
    ————————————