މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަކީ އޭގެ ޒާތުގައި ކިހާ ނުރައްކާތެރި ބައްޔެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ބަލި ޖެހިގެން މީހާއަށް އެކި ކަހަލަ އަސަރުތައް ކުރާކަންވެސް ގިނަ ބަޔަކަށް އެނގެއެވެ.

މީގެ ކުރިން ބަލި ޖެހިފައިވާ ފަރާތްތަކަށް ދިމާވާ ސީރިއަސް ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި، ހަރަކާތް ކުރަން އުނދަގޫވުމާއި ވާހަކަ ދައްކަން އުނދަގޫވުން ހިމެނެއެވެ. އެހެން ނަމަވެސް އެ ބަލީގެ ސަބަބުން ގުނަވަނެއް މަސައްކަތް ކުރުން ހުއްޓިދާނެ ކަމަކަށް ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.

ދާދިފަހުން ކޮވިޑް-19 ޖެހުނު އަންހެނެއްގެ ކަނާތު ކަންފަތް ބީރުވެފައިވާ ވާހަކަ އަޑުއިވުމުން ގިނަ ބަޔަކަށް ދިޔައީ ހައިރާން ކަމެއް ލިބިގެންނެވެ.

މެރެޑިތް ހަރެލް ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނެފައިވަނީ އޭނަގެ ކަނާތު ކަންފަތުން އަޑު ނުއިވޭ ކަން އިހުސާސް ކުރެވިފައިވަނީ އޭނާ ގޭގައި ހުއްޓާ ކަމަށާއި އޭރު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގިފައި ނުވާ ކަމަށެވެ. އޭގެ ފަހުން އޭނާ ހެދި ޓެސްޓުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

އެހެން ކަމުން އޭނާ ބެލި ޑޮކްޓަރު ބުނެފައިވަނީ އެފަދަ ކަމެއް ދިމާވެފައިވަނީ އެ ބަލީގެ ސަބަބުން ކަމަށެވެ.

"މީސެލްސް، މަމްޕްސް ފަދަ ވައިރަސް ތަކަކީ އޭގެ ޒާތުގައި ކަންފަތް ބީރުވެދާނެ ބަލިތައް. ހެކިތައް ދައްކާގޮތުން ކޮވިޑް-19 ވެސް އެ ލިސްޓަށް އިތުރު ކުރަން ޖެހޭނެ" އޭނާ ބެލި ޑޮކްޓަރު ބުނެފައި ވެއެވެ.

އޭނާ ބުނީ، ފަހަކަށް އައިސް، ބަލީގެ ސަބަބުން ކަންފަތް ބީރުވާ މީހުންގެ އިންސައްތަވެސް އިތުރުވާ ކަމަށާއި ބަލި ޖެހިގެން އެފަދަ ހާލަތެއް ދިމާވާން މެދުވެރިވާ ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 😰

    ޔާﷲ