އުމުރުން 70 އަހަރުގެ މެކްސިކޯ އަންހެނަކު އަށްވަނަ ދަރިފުޅަށް ބަލިވެ އިނުމާއި އެކު ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މާރިއާ ޑި ލޫޒް ކިޔާ އަންހެން މީހާ ބުނާ ގޮތުން އޭނާގެ ބަނޑަށް މިހާރު ހަމަސް ދުވަސް ވެއްޖެއެވެ. ބަނޑުގައި އޮތީ އަންހެން ކުއްޖެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް މާރިއާ ބުނެއެވެ.

"ޑޮކްޓަރުން ބުނި އަންހެން ކުއްޖެއް ކަމަށް." ސްކޭންގެ ފޮޓޯތައް ދައްކަމުން މާރިއާ ބުންޏެވެ.

މާރިއާ އިނީ ބަލިވެ ކަމަށް ވާނަމަ އޭނާ ވަނީ އެންމެ ދޮށީ އުމުރެއްގައި ދަރިއަކު ލިބޭ އަންހެނާއަށެވެ.

މިހާރު އެންމެ ދޮށީ އުމުރެއްގައި ދަރިއަކު ލިބިފައި ވަނީ އުމުރުން 66 އަހަރާއި 358 ދުވަސް ވެފައި ވަނިކޮށް 2006 ވަނަ އަހަރު ދަރިއަކު ލިބުނު ބޮއުސާޑާ ލާރާ ކިޔާ އަންހެނަކަށެވެ. އެއީ އިންޑިއާގެ އުއްތަރަ ޕްރަދޭޝް އަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ އަށް ވަނީ އެފަހަރު އެއްމާބަނޑު ދެކުދިން ލިބިފައެވެ.

މާރިއާ ބަލިވެ އިނީ އައިވީއެފް ބޭނުން ކޮށްގެންނެވެ. އޭނާ ބަލިވެ އިނީ ޑޮކްޓަރަށް އުމުރު އޮޅުވާލައިގެން ކަމަށް ވެއެވެ. މާރިއާ ބުނާ ގޮތުން އޭނާ ބަލިވެ އިނުމުން އޭނާގެ ދަރިން ތިބީ އެކަމާއި ހިތްހަމަނުޖެހިފައެވެ. އެއީ އުމުރުން އެހައި ދޮށި ވެފައި ވަނިކޮށް ދަރިއަކު ހޯދާތީއެވެ.

ކިޔުންތެރިންގެ ހިޔާލު