އެޕަލް ބުރޭންޑުގައި ގަޑީގައިވާ އިލެކްޓްރޯކާޑިއަގުރާމް (އީސީޖީ) ފީޗާގެ ސަބަބުން އިންޑިޔާގެ 61 އަހަރުގެ މީހެއްގެ ފުރާނަ ސަލާމަތްވެއްޖެއެވެ. އެޕަލް ކުންފުނީގެ ސިއީއޯ ޓިމް ކުކް ވަނީ މި މީހާއަށް އަވަސް ޝިފާއަކަށް ވެސް އެދިފައެވެ.

އުމުރުން 61 އަހަރުގެ އާރު ރާޖަންސްއަށް އެޕަލް ބުރޭންޑުގެ މި ގަޑި ހަދިޔާ ކޮށްފައިވަނީ ހާވާޑު ޔުނިވަސިޓީގައި ކިޔަވަމުންދާ އޭނާގެ ދަރިފުޅު ސިދާތުއެވެ. ސިދާތު ވަނީ އެތައް ޓެކް ކޮމްޕެނީއެއްގައި މަސައްކަތް ކޮށްފައެވެ.

މި އަހަރުގެ މާރޗު މަހު ރާޖަންސްގެ ހާލަތު ގޯސްވުމުން އޭނާ ނިންމީ ގަޑިން އޭނާގެ އީސީޖީ ޗެކް ކޮށްލުމަށެވެ. އެއީ ގަޑިން ވެސް އީސީޖީ ޓެސްޓް ކުރެވޭތީއެވެ.

އަދި އެއްރެއެއްގެ ދަންވަރު ދެތިން ފަހަރަށް ރާޖަންސް އޭނާގެ އީސީޖީ ޗެކް ކުރި ކަމަށާއި ހިތުގެ ހިނގުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވި ކަމަށް އޭނާ ބުންޏެވެ. އަދި ދެތިން ފަހަރަށް ޗެކް ކުރުމުން ވެސް ރާޖަންސްގެ ހިތުގެ ހިނގުން ނޯމަލް ނުވުމުން ޑޮކްޓަރަކާއި އެ ވާހަކަ ހިއްސާ ކުރި ކަމަށް ރާޖަންސްގެ ދަރި ސިދާތު ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ރާޖަންސްގެ ސާޖަރީ ވެސް ވަނީ ފަސް ކުރެވިފައެވެ. ނަމަވެސް އެޕަލް ގަޑި ބޭނުން ކޮށްގެން ބަރާބަރަށް ދިޔައީ އޭނާގެ އީސީޖީ ޗެކް ކުރަމުންނެވެ.

ސިދާތު ބުނެފައިވަނީ ހިތުގެ ބޮޑު އޮޕަރޭޝަނަކަށްފަހު ވެސް އޭނާގެ ބައްޕަ ދިޔައީ ގަޑި ބޭނުން ކޮށްގެން ވެސް އީސީޖީ ޗެކް ކުރަމުންނެވެ.

އަދި ބައްޕަގެ ހިތުގައި މައްސަލައެއް އުޅެމެ، ވަގުތުން އޮޕަރޭޝަނެއް ކުރަން ޖެހޭކަން އެނގުނީ އެގަޑީގެ ސަބަބުން ކަމަށްވެސް ސިދާތު ބުނެފައި ވެއެވެ.

މި ސާޖަރީއަށްފަހު ސިދާތުވަނީ އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްއަށް ޝުކުރު އަދާކޮށްފައެވެ.