އިންޑިއާގައި ކުރިއަށް އޮތް އިންތިހާބާއި ދިމާކޮށް ކެމްޕޭނު ހަރަކާތްތައް ކުރިއަށް ދަނިކޮށް ނޭޝަނަލް ޑިމޮކްރެޓިކް އެލިއެންސްގެ (އެންޑީއޭ)ގެ ކެނޑިޑޭޓަކު ބިހާރު ސްޓޭޓްގައި ވިހައިފިއެވެ.

އުމުރުން 35 އަހަރުގެ ޝުޝުމްލަތް ކުޝްވަހާ މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އޭނާގެ ކެމްޕޭނު ހުރިހާ ހަރަކާތެއް މިހާރު ހިންގަމުން އަންނަނީ އާއިލާ މީހުންނާއި ރަހުމަތްތެރިންގެ އިތުރުން ޕާޓީގެ މީހުންނެވެ.

އޭނާ ވިހާފައިވާ ތުއްތު އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

އޭނާ ވިހާފައިވާކަން އިއުލާނު ކޮށްފައިވަނީ އާދިއްތަ ދުވަހު އެގައުމުގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން ޗީފް މިނިސްޓަރ ނިތިޝް ކުމާރެވެ.

"އަޅުގަނޑުމެންގެ ކެނޑިޑޭޓްއަށް ވަނީ ތުއްތު އަންހެން ކުއްޖަކު ލިބިފައި. މިއީ ވަރަށް އުފާވެރި ހަބަރެއް" ޗީފް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ޝުޝުމްލަތްގެ ފިރިމީހާ މަންޖީ ޗައުދްރީ ބުނީ، އޭނާ ނެތުން ވާނީ ކެމްޕޭނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެކަމާއި މެދު އޭނާ ވިސްނާ ކަމަށެވެ.

"ކެމްޕޭނާއި މެދު ޝުޝުމްލަތް ވިސްނަނީ. އަޅުގަނޑު ވާނީ އެކަމާއި ނުވިސްނުމަށް އެދިފައި" މަންޖީ ބުންޏެވެ.

އޭނާ ބުނެފައިވަނީ ޝުޝުމްލަތް އަކީ ހިތްވަރު ގަދަ އަންހެނެއް ކަމަށާއި އޭނާ އެންމެ ފަހުން ކެމްޕޭނަށް ނިކުމެފައިވަނީ ހޮނިހިރު ދުވަހު ކަމަށާއި އެއީ އޭނާ ވިހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ. ޝުޝުމްލަތް ތުއްތު އަންހެން ކުއްޖަކު ވިހާފައިވާއިރު، މިހާރުވެސް އެމީހުންގެ 7 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕްރައިވެޓް

    ތިޔަ ކަމާ މަގުމައްޗައް ނުކުމެ އިހުތިޖާޖު ކުރަން ފެނޭ.