ސައުދި އަރަބިއްޔާގެ ޖެއްދާގެ ކޯޓަކުން އެ ގައުމަށް ނިސްބަތްވާ ފިރިހެނެއްގެ މައްޗަށް، އޭނާގެ އަނބިމީހާ ވަރިކޮށްދޭން އަމުރުކޮށްފިއެވެ. އެ އަމުރުގައި ދެމަފިރިންގެ ދަރިން އަންހެން މީހައާ ހަވާލުކުރަންވެސް އަމުރުކޮށްފައި ވެއެވެ.

އެ އަންހެން މީހާ ވަރިކޮށްދޭން ފިރިހެން މީހާގެ މައްޗަށް އަމުރުކޮށްފައި ވަނީ، ފިރިހެން މީހާ އަންހެން މީހާއަށް އަނިޔާ ކުރާ މައްސަލާގައި ވެއެވެ.

އެ ކޯޓުން ވަނީ، އެ ފިރިހެން މީހާ ކޯޓަށް ހާޒިރުވެފައި ނުވާތީ، ކޯޓަށް ހާޒިރުވުމަށް އޮންލައިން ވޮރެންޓެއްވެސް ނެރެފައެވެ.

އަދި އެ ކޯޓުން ވަނީ އެ އަންހެން މީހާ ވަރިކޮށްދީ، އެ މީހުންގެ ފަސް ދަރިންގެ ހުރިހާ ކަމެއް އަންހެން މީހާއާ ހަވާލުކުރަން އަންގާފައެވެ.

މީގެ ކުރިން އެ އަންހެންމީހާ ވަނީ އޭނާގެ ފިރިމީހާ ކަައިރިން ވަރިވާން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ އަންހެން މީހާ ބުނެފައިވާގޮތުން، ފިރިހެން މީހާ އޭނާއަށް ވަރަށް އަނިޔާކޮށް، ހަދައެވެ.

އެ އަންހެން މީހާ ވަރިކޮށްދޭން ކޯޓުން އެންގީ، އެ ފިރިހެން މީހާ އެތައް ފަހަރެއްގެ މަތިން އެތައް ކުށަކަށް އަރާފައިވާކަންވެސް ސާބިތުވުމާއި ގުޅިގެންނެވެ. އެގޮތުން އެ ފިރިހެން މީހާ މަސްތުވާތަކެތި ބޭނުންކޯށް އެތަކަތި ވިއްކާ، އެ އަންހެން މީހާއަށް އަނިޔާކުރާކަން ވަނީ ސާބިތުވެފައެވެ.

އެ އަންހެން މީހާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އޭނާ، އެ ފިރިހެން މީހާއާ ކައިވެނި ކުރިއިރު، އޭނާއަކީ އެކަހަލަ މީހެއްކަން ނޭނގޭ ކަމަށެވެ. އަދި އޭނާއަކީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހެއްކަމުން އެފަދަ ކަމެއް އޭނާގެ ފަރާތުން ފެނިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށްވެެސް އޭނާ ބުންޏެވެ.

އަދި ކައިވެނި ކުރި ފަހުން، ފިރިމީހާ އޭނާއަށް އެއްވެސް ގޮތަކަށް ރަނގަޅަށް ކަންތައްކޮށްފައި ނުވާ ކަމަށާއި، އޭނާއަށް މަރުގެ އިންޒާރުވެސް އެތައް ފަހަރަކު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާއާ ދެކޮޅަށް ޕޮލިސް ސްޓޭޝަނަށާއި، އިތުރު ތަންތަނަށްވެސް މައްސަލަ ހުށަހަޅާފައެވެ.

އެ އަންހެން މީހާ ވަނީ، އެ ފިރިހެން މީހާ ކޯޓަށް ގެނެސް ވަރީގެ ހުރިހާ ކަމެއް ނިންމުމަށް ކޯޓުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު