ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަން ގައި ފެނިގެންދާ ކްލޯއި ކާޑޭޝިއަން ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވިކަމަށް އޭނާ ބުނެފި އެވެ.

ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންގެ ކުރިޔަށް އޮތް އެޕިސޯޑުގެ ޓީސާ ގައި 36 އަހަރުގެ ކްލޯއި ބުނީ ކޮވިޑް-19 ޖެހިގެން އޭނާ ވަރަށް ބަލިވި ކަމަށެވެ. އެމެރިކާގެ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ ކްލޯއި ބުނީ އޭނާ ކޮވިޑް ޖެހިގެން ހޮޑުލަވާ ބޮލުގައި ރިއްސި ކަމަށެވެ.

ކްލޯއި ކޮވިޑަށް ފައްސިވިއިރު އޭނާ އާއި އެކު އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅު، ޓްރޫ ތޮމްޕްސަން އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން ލޮސްއެންޖަލިސްގައި ލޮކްޑައުންގައި އެކީގައި ތިއްބެވެ. ކްލޯއި ފައްސިވިކަމުގައި ވިޔަސް އޭނާގެ ދަރިފުޅާއި އޭނާގެ ލޯބިވެރިޔާ ކޮވިޑަށް ފައްސިވިކަން އަދި ހާމައެއް ނުކުރެއެވެ.

ކްލޯއި ބުނީ އޭނާ ކޮވިޑަށް ފައްސިވިކަން އެނގުނު ހިސާބުން ފެށިގެން އޭނާ ހުރީ ކޮޓަރީގައި ކަމަށާއި ދުވަސްކޮޅެއް ވަންދެން އޭނާގެ ހާލަތު ވަރަށް ދަށްވި ކަމަށެވެ. ކްލޯއި ބުނީ ހޮޑުލަވައި ގައިގައި ރިއްސާ ފިނިވެ އަދި ހުންއައިސް އިތުރު އުނދަގޫތައް ވިއެވެ. އޭނާ އަކީ ކުރިން ވެސް މައިގްރޭން ހުންނަ މީހަކަށް ވާތީ ދޭތެރެ ދޭތެރެއިން ބޮލުގައި ރިއްސަމުން ދިޔަ ކަމަށާއި އަދި ކޮވިޑް-19 އަށް ފައްސިވި ދުވަސްކޮޅު މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސުން އިތުރުވި ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ ކެއްސުމުގެ ސަބަބުން އޭނާގެ ކަރުތެރެ ހަލާކުވެފައިވާއިރު އަދިވެސް ކަރުތެރެ ރަނގަޅުނުވާކަމަށް ކްލޯއީ ބުނެ އެވެ.

މިހާތަނަށް އެމެރިކާގައި 8.8 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު 227 ހާސް މީހުން ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މިހާތަނަށް 44 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 1.17 މިލިއަން މީހުން ވަނީ އެކި ކަންކޮޅުތަކުން ބަލި ޖެހިގެން މަރުވެފަ އެވެ.

ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންގެ އާ އެޕިސޯޑެއް ދެން ފެންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މީގެ ކުރިން އެ ސިލްސިލާ އެއްކޮށް ނިންމާލަން އުޅޭ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. މި ސިލްސިލާގެ އެންމެ ފަހު ސީޒަން ދައްކަން ހަމަޖެހިފައި ވަނީ 2021 ވަނަ އަހަރުއެވެ.