ބްލެކް ވިޑޯގެ އެކްޓަރު ސްކާލެޓް ޖޯންސަން އޭނާގެ ފިއަންސޭ ކޮލިން ޖޮސްޓް އާއި ކައިވެނިކޮށްފި އެވެ. 35 އަހަރުގެ ސްކާލެޓް ޖޯންސަލް އާއި 38 އަހަރުގެ ކޮލިން ޖޮސްޓް ކައިވެނިކޮށްފައި ވަނީ ސިއްރު ރަސްމިއްޔާތެއްގައި އެވެ. މިދެމީހުން އެންގޭޖްވެފައި ވަނީ 2019 ވަނަ އަހަރުއެވެ.

މީލްސަ އޮން ވީލްސް އެމެރިކާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސްކާލެޓް ޖޯންސަން އާއި ކޮލިން ޖޮސްޓު ކައިވެނި ކޮށްފައިވާ ކަމަށާއި ދެމީހުންގެ ކައިވެނި ސިއްރުން ކުރެވިފައިވާއިރު ކައިވެންޏަށް ދަޢުވަތު ދެވިފައި ވަނީ ޢާއިލާގެ ކާރި މީހުންނާއި ގާތް އެކުވެރިންނަށް އެކަނި ކަމަށެވެ.

ސްކާލެޓް ޖޯންސަންގެ ކައިވެނީގައި ކޮވިޑާއި ގުޅިގެން ސީޑީސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީފައިވާކަމަށް ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. އަދި އެމީހުންގެ ކައިވެނީގައި އެންމެ ނާޒުކު ހާލުގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެހީތެރިވުމުގެ ހަރަކާތެއް ބާއްވާފައި ވެއެވެ.

ހޮލީވުޑްގެ ތަރި ސްކާލެޓް ޖޯންސަން އާއި އޭނާގެ މިހާރުގެ ފިރިމީހާ ޑޭޓް ކުރަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. ކޮލިން ވަނީ ސްކާލެޓް ޖޯންސަން އަށް 11 ކެރެޓުގެ އެންގޭޖްމެންޓް ރިންގެއްވެސް ދީފަ އެވެ.

ސްކާލެޓް ޖޯންސަން ފުރަތަމަ ކައިވެނި ކުރި ރަޔާން ރޭނޮލްޑް

ސްކާލެޓް ޖޯންސަން ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފަ އެވެ. އެގޮތުން އޭނާ ފުރަތަމަ ކައިވެންޏެއް ކޮށްފައި ވަނީ ރަޔާން ރޭނޮލްޑް އާއި 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށެވެ. ރަޔާން މިހާރު ކައިވެނިކޮށްގެން އުޅެނީ ބްލެކް ލައިވްލީ އާއި އެވެ.

ސްކާލެޓް ޖޯންސަން ދެވަނައަށް ކައިވެނިކުރި ރޮމައިން ޑައުރިއަކް

ސްކޯލެޓް ޖޯންސަން ދެން ކައިވެނިކޮށްފައި ވަނީ ފްރާންސުގެ ނޫސްވެރިޔެއް ކަމަށްވާ ރޮމެއިން ޑައުރިއަކް އާއި އެވެ. މިދެމީހުން 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ކައިވެނިކޮށްގެން އުޅުނެވެ. ދެމީހުންނަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީލާވަތީ

    ހާދަކާމިޔާބޭ

    5
    1
  2. އަންނި

    މަށާ ގުޅޭނަމޭ ކިޔާފަ ކިހިނެތް ތިޔަހެދީ...😭

    5
    2
  3. ބުރުމާ ގާސިމް

    ދެން މަ ކީއްކޮޮށްދޭންވީ، މަގޭ ޚަރަދުގައި ކަލޭމެން ހަނީމޫނަށް ފޮނުވަންވީތަ؟. އުނހު، މާރަނގަޅު ޕްލޭނެއް އެބޮތް. މަގޭ އެންމެ ހަގު އަތްބާއި މަށާއި ކަލޭމެން ދެމަފިރިން ދާނީ، މައްސަލައެއް ނެތެެްނު،
    މަޖާކޮށްލާ ހަދާފަ އަންނާނީ، ެއެއްބަސް ވެބަލަ