ބޮލީވުޑްގައި ލޯބީގެ ގޮތުން ގިނަ މީހުންނާއި ގުޅިފައިވާ ކަމަށް މަޝްހޫރު ޝާހިދު ކަޕޫރް އޭނާ ކައިވެނިކުރަން އުޅޭ ވާހަކަ އެންމެ ފުރަތަމަ ހިއްސާ ކުރީ ކާކާއި ކަން އެނގޭތަ؟ އޭނާ އެ ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރި ފަރާތަކީ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރްއޭ ބުނުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިގެންދިޔައެވެ.

މި ފަހުން އިންޑިޔާގެ ޗެނެލަކަށް ކަރީނާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މީޑިއާއާއި ސަޕޯޓަރުންނަށް ކައިވެނީގެ ޚަބަރު އިއްވުމުގެ ކުރިން ޝާހިދު ވަނީ ކަރީނާއަށް އެ ޚަބަރު ދީފައިކަމަށެވެ.

"އަހަރެމެން ފެމިނާގެ އިވެންޓެއްގައި ބައިވެރިވާން ގޮސް ހުއްޓާ ޝާހިދު އަހަރެން ކައިރީގައި ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ވާހަކަ ބުނެލީ. އޭރު އޭނަ އެ ވާހަކަ ޢާންމުކޮށްފައެއް ނުވޭ، އަހަރެންނަށް ޔަގީން ޝާހިދުއަށް އުފާވެރި ކައިވެންޏެއް ދެމެހެއްޓޭނެކަން" ކުރީގެ ލޯބިވެރިޔާއާއި ބެހޭގޮތުން ކަރީނާ ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ފިލްމު އިންޑަސްޓްރީގައި އެކީގައި މަސައްކަތްކުރާ ވަރަށް ގިނަ ތަރިން އެކަކު އަނެކަކާއި ލޯބީގެ ގޮތުން ގުޅުމަކީ އައު ކަމެއް ނޫނެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ކައިވެންޏަކާއި ހަމައަށް ދެވުނީ ވަރަށް މަދު ޖޯޑަކަށެވެ. ކިތަންމެ ލޯބިން އުޅޭ އަދި އާންމުންގެ ތެރޭގައި އެހާމެ މަޤްބޫލުކަން ހޯދާފައިވާ ފިލްމީ ތަރިންވެސް ވަނީ ރުޅިވެފައިއެވެ. އޭގެ އެއް މިސާލަކީ ކަރީނާއާއި ޝާހިދް ކަޕޫރެވެ. ކަރީނާ އާއި ޝާހިދް ރުޅިވީ ސީދާ ސަބަބެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެހެން ނަމަވެސް، އެ ދެ މީހުން ދަނީ އެކުވެރިކަމުގެ ފުރިހަމަ މިސާލެއް ދައްކާ، އެ އެކުވެރިކަން އަދިވެސް ދަމަހައްޓަމުންނެވެ.