ކޮވިޑް-19 އަށް ޚާއްސަކޮށްގެން އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޯޑާނާއިން އުފައްދާ ވެކްސިން ދިނުމުން ވަގުތުން ބަލިން ރައްކާތެރިކޮށްދޭން ފަށާނެ ކަމަށް އެޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒެސްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ޑރ. ފައުޗީ ވިދާޅުވީ އެމެރިކާގައި މިވަގުތު އުފައްދަމުން އަންނަ ކޮވިޑް-19 ގެ ހަ ވެކްސިންގެ ތެރެއިން ހަތަރު ވެކްސިނެއްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމުގެ އުންމީދު އޮތް ކަމަށެވެ. އޭގެތެރެއިން އެންމެ ރަނގަޅު ނަތީޖާ ދައްކާފައިވާ ވެކްސިންތަކުގެ ތެރޭގައި މޮޑާނާގެ ވެކްސިން ހިމެނޭ ކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ ވިދާޅުވީ، މޮޑާނާގެ އިތުރުން، ބޭސް އުފެއްދުމުގައި ތަޖުރިބާކާރު "ޕްފިޒާ" ކުންފުނިން އުފައްދާ ވެކްސިން އިންވެސް އެހެން ވެކްސިންތަކަށްވުރެ ރަނގަޅު ނަތީޖާތަކެއް މިހާތަނަށް ދައްކާފައިވާ ކަމަށެވެ. އަދި މި ވެކްސިންވެސް ދޭތާ ގިނައިރުތަކެއް ނުވެ އޭގެ އަސަރު ހަށިގަނޑަށް ކުރަން ފަށާއި ކޮވިޑް-19 އިން ރައްކާތެރިކޮށްދޭން ފަށާނެ ކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

ޑރ. ފައުޗީ ވިދާޅުވީ މި ދެ ވެކްސިން ހިމެނޭހެން މިހާރު އެމެރިކާގައި އުފައްދަމުން އަންނަ ހަތަރު ވެކްސިނެއްގެ ތިންވަނަ ފޭސްގެ ފަހުގެ މަރުޙަލާތައް ދަނީ ކުރިޔަށެވެ. އެހެންކަމުން ދެން މި ވެކްސިންތަކުގެ މަސައްކަތް ނިމެން މާގިނަ ދުވަސްތަކެއް ހޭދަ ނުވާނެ ކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

އެމެރިކާ ވެކްސިންތަކުގެ އިތުރުން އިނގިރޭސިވިލާޔުގެ އަސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާ ވެކްސިން އަދި ޖޯންސަންސް އެންޑް ޖޯންސަންސްގެ ވެކްސިންގެ ވެސް ފަހުގެ މަރުޙަލާތައް ވަނީ ފެށިފައެވެ.

ސިއްޙީ މާހިރުން ވިދާޅުވާގޮތުން މިހާރު ކުރިޔަށްދާ ތަހުލީލުތަކުގެ ފަހުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެ ނަމަ މިއަހަރުގެ ފަހުކޮޅަށް ވެކްސިން ތައްޔާރުކުރެވޭއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅަށް ދުނިޔޭގެ އެކި ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށާނެ ކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވަމުން ދެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުން މިވަގުތު ސަތޭކައަށްވުރެ ގިނަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އޭގެތެރެއިން ފަހުގެ މަރުޙަލާތައް ކުރިޔަށްދާ 9 ވެކްސިނެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    އެމެރިކާއިން ތިޔަ ވެކުސިންތައް ވިއްކަން މިހާރު މުޅިދުނިޔޭގަ ވައިރަސް ފަތުރަމުން އެބަދުއްވާ ، މިހަފުތާ މިދިވެހިގައުމައްވެސް އެވަހިރަހެއް ހިފައިގެން އައިސް އެދިޔައީ.

  2. ވަހުތާނު އަހުމަދު

    ކެމްޕެއިން ވެކްސިން .. ތިކަހަލަ އެއްޗެއް އާޓިފިޝަލްބީޗުސަރަހައްދުގަ އަންނިވެސްހެދި ..

    7
    2
  3. ބޯކިބާ

    ހުޅަނގުގެ ޕުރޮޕެގެންޑާ ހަބަރު ތަރުޖަމާކޮށްފަ މިހުންނަނީ. މިކަހަލަ ހަބަރުތައް ކިޔާދީދީ އެފުރިކާ ބައްރުމީހުން އަދިވެސް ދަނެތިބީ އެމެރިކާނުންނާއި އިނގިރޭސިންނޫނީ ވެކްސިނެއްވެސް ހަދަންދަންނަ ބަޔަކު ދުނިޔޭގަ ނެތްކަމަށް، މިއިރު ރަޝިއާ ޗައިނާފަދަ ގައުމުތަކުން ވެކްސިންހަދައިގެން އާންމުންނަށް ދެމުންދާތާ އެތައް ދުވަހެއް ވެއްޖެއޭ.