ބަރުދަން ލުއިކުރުމަކީ ބުނަން ފަސޭހައަސް ކުރަން އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެނީ ހިކުމަކީ ވެސް ފަލަ ވުމަށް ފަހު ބޮޑު ގޮންޖެހުމަކަށް ވުމެވެ. އަދި ބައެއް ފަހަރު މި މަރުހަލާއަކީ ވަރަށް ހިތްދަތިވާ މަރުހަލާއެއްވެސްމެއެވެ. އެއް ފަހަރު ހިކުމަށް ފަހު ދެވަނަ ފަހަރު ފަލަ ވެއްޖެ ނަަމަ އަމުދުން މިއީ އުދަނގޫ ކަމަކަށް އޮންނީ ވެފައެވެ.

ބަރުދަން ލުއިކުރުމަށް ވުރެ އުދަނގޫ ކަމަކީ ބަރުދަން ލުއިކޮށް ހިފެހެއްޓުމެވެ. ޤަބޫލު ކުރަން ދަތިވި ނަމަވެސް ހިކުމަށް ފަހު އަލުން ފަލަވުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. ސަބަބަކީ ކެއުމާއި، ދިިރިއުޅުމުގެ އާދަތަކާއި، އުމުރާއި ޖިންސު އަދި ޖެނެޓިކްސްގެ ސަބަބުން މެދުވެރިވާ ކަމަކަށް ވެދާނެއެވެ. އާއްމުކޮށް ވަރަށް އެކްސްޓްރީމް ޑައިޓް ކުރާ މީހުންނަށް މިކަހަލަ ކަންކަން ދިމާވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާތަކުން އެނގޭގޮތުން ދެވަނަ ފަހަރަށް ހިކެން އެހާބޮޑަށް އުދަނގޫވާ ސަބަބަކީ ހޯމޯނަލް އަދި ސައިކޮލޮޖިކަލް ސަބަބުތަކެވެ.

ކޮންމެ މީހަކު ވެސް ހިކެން މަސައްކަތް ފަށާނީ ވަކި ގޯލްތަކެއް ސެޓްކޮށްގެން ވަކި ޝެޑިއުލްއަކަށެވެ. އެ އަމާޒަށް ވާސިލްވުމުގައި ހީނުކުރާ ދައްޗެއް ދިމާވުމަކީ ވަރަށް ގިނަ ފަހަރު މާޔޫސްވެ ހިކެން ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމެކެވެ.

ދެވަނަ ކަމަކަށް އަވަހަށް ހިކެން ވަރަށް މަދުން ކާންޖެހޭ ޑައިޓަކުން ހިކުނު ނަމަ ދެވަނަ ފަހަރަށް ފަލަވުމުން ހަށިގަނޑުގައި ލެޕްޓިން (ހަށިގަނޑު ފުރިފައިވާ ކަމުގެ އިހުސާސް ކުރެވޭ ހޯމޯން) ދަށްވެ ގްރެލިން (ބަނޑުހައިކަން އިހުސާސްކޮށްދޭ) ހޯމޯން އިތުރުވެއެވެ. އެހާބޮޑަށް ބަނޑުހައިވެ ޑައިޓް ކުރުން މަތީގައި ހިފަައްޓާލަން ދެވަނަ ފަހަރު އުދަނގޫވާ ކަމަކީ މިއީއެވެ.