އަންހެނުން ދަރިން ހޯދަން އެންމެ ރަނގަޅު އުމުރަކީ 23 އަހަރާއި 32 އަހަރާއި ދެމެދުގެ އުމުރު ފުރާ ކަމަށް އައު ދިރާސާތަކުން ދައްކައިފިއެވެ.

މިއީ އެމެރިކާގެ ޔުނިވާސިޓީއަކުން 31،000 އަށް ވުރެ ގިނަ އަލަށް ވިހޭ ކުދިން ހިމަނައިގެން ކުރި ދިރާސާއެއްގެ މައްޗަށް ބިނާކުރި ހޯދުމެކެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި އުމުރުން 23 އަހަރާއި 32 އަހަރާ ދެމެދުގެ އަންހެނުންނަށް ލިބޭ ކުދިން ގައިގައި އުފަންވުމުގައި ނުކުޅެދުންތެރިކަން ނުވަތަ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑައެވެ.

ފުރާވަރުގެ މައިންނާއި ވިހި އަހަރުގެ ކުރީކޮޅު ވިހާ އަންހެނުންނަށް ލިބޭ ދަރިންގެ ނާރުތަކުގެ ނިޒާމުގައި އުނިކަން ހުރުމާއި، ސިކުނޑިއާއި ސްޕައިނަލް ކޯޑްގެ ތަރައްޤީ ފަދަ ކަންކަމަށް އަސަރުކުރާއިރު، އުމުރުން 40 އަށްވުރެ މަތީ އަންހެނުން ބަލިވެ އިނދެ ލިބޭ ދަރިންގެ އެކި ގުނަވަންތައް އުފެދުމުގައި މައްސަލަތައް ދިމާވެ ނުކުޅެދުންތެރިކަމަށް މަގުފަހިކުރުވާ ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ފުރާވަރާއި އުމުރުން 23 އަހަރަށްވުރެ ދަށް އަންހެނުންގެ ހަށިގަނޑު މާބަނޑުވުން ފަދަ ބޮޑު ބަދަލަކަށް ފުރިހަމައަށް ތައްޔާރެއް ނުވާނެއެވެ. އަދި އެ އުމުރުފުރާގައި ގިނަ މީހުން ރަނގަޅު ސިއްހީ އާދަތަކާއި ދުރުހެލިނަމަ އެކަމުގެ ނޭދެވޭ އަސަރު ލިބޭ ދަރިފުޅަށް ކުރުން އެކަށީގެންވެއެވެ.

އުމުރުން ދުވަސް ވާ ވަރަކަށް މާހައުލު ތެރޭގައި ހުންނަ ކެމިކަލްތަކުގެ އަސަރު އަންހެނުންގެ ހަށިގަނޑަށް ކުރުމާއިއެކު، 40 އިން މަތީ އުމުރުފުރާގެ އަންހެނުންގެ ހަށިގަނޑުގައި މި މާއްދާތައް ގިނަ ދުވަސްވަންދެން ހުރުމުން، ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުން ގާތް ކަމަށް މި ދިރާސާގެ ހޯދުންތައް ދައްކުވައެވެ.

މީގެ އިތުރަށްވެސް، ޒުވާން އަންހެނުންނަށްވުރެ މި އުމުރުފުރާ އަންހެނުންގެ ބިހުގެ ކޮލިޓީ ދަށް ވާނެއެވެ. އޭގެ ސަބަބުން ޑީއެންއޭއަށް އަސަރުކޮށް، ނުކުޅެދުންތެރިކަން ހުންނަ ކުދިން ލިބުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށް ބުނެފައި ވެއެވެ.