ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ހާން އަށް މާދަމާ 55 އަހަރު ފުރޭއިރު އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބާއްވާ ޕާޓީގައި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިބެގެންވެސް ބައިވެރި ވެވޭނެ ކަމަށް ޝާހް ރުކް ހާންގެ ފޭން ކުލަބުން ބުނެފި އެވެ. ޝާހް ރުކްގެ ފޭން ކުލަބުން ބުނީ ލައިވް ސްޓްރީމމްކޮށް ބާއްވާ މި ޕާޓީއާއި އެކު ދުވަހުގެ އުފަލުގައި ސަދަގާތް ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެހެން އަހަރު ތަކުގައި ޝާހްރުކް ހާންގެ އުފަންދުވަހުގައި އޭނާގެ ފޭނުންނަށް ދެކިލުމަށް ގޭގެ ބެލްކަންޏަށް ނިކުމެ ފޭނުންނާއި ފެނިލަ އެވެ. އެތައް ސަތޭކަ ބަޔަކު ޝާހް ރުކް ހާން ދެކިލުމަށް އޭނާގެ ގޭގެ ކުރިމައްޗަށް އެއްވެފައި ތިބެ އެވެ. ޝާހްރުކް ހާން މިހާރު ހުރީ އޭނާގެ އާއިލާއާއި އެކީ ޔޫއޭއީ ގައި އެވެ. އޭނާ ވަނީ ފޭނުންގެ ފަރާތުން މިފަހަރު ދުރުގައި ތިބެގެންވެސް ލޯބިވާކަން ހާމަކުރުމަށް އެދިފަ އެވެ.

ޝާހްރުކް ހާންގެ ފޭނުންނާއި ހަވާލަދީ މުމްބައި މިރާ އިން ނެރުނު ރިޕޯޓެއްގައި ބުނީ މިފަހަރު ޝާހް ރުކްގެ އުފަންދުވަހުގައި ކޭކު ފަޅާނީ އެމީހުންގެ ގޭގައި ތިބެގެން ކަމަށާއި ކޭކު ފަޅާ ވާޗުއަލް މި ހަފްލާގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި އަހަރު ހުރިހާ ހަރަކާތެއްވެސް ވާޗުއަލްކޮށް ބާއްވާއިރު ހުރިހާ ހަރަކާތެއްވެސް ވަރަށް ކުލަގަދަކޮށް ބޭއްވޭތޯ މަސައްކަތް ކުރާނޭ ކަމަށް އެ ކުލަބުން ބުނެފައި ވެއެވެ.

ޝާހްރުކްގެ ފޭން ކުލަބުގެ ފަރާތުން ވާހަކަ ދައްކަމުން އެ ކުލަބުގެ މެމްބަރު ޔަޝް ޕަރްޔަނި ބުނީ މިފަހަރު 5555 ކޮވިޑް ކިޓްސް އާއި މާސްކު އަދި ސެނިޓައިޒާން ހަދިޔާ ކުރާނޭ ކަމަށެވެ. އަދި ބޭނުންޖެހިފައިވާ ފަރާތްތަކަށް 5555 ކާތަކެތި ހަދިޔާކޮށް ކުދިން ބަލަހައްޓާ ތަންތަނަށް ޒިޔާރަތް ކުރުމާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ކައިރިޔަށް ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޝާހްރުކް ހާން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމަކީ 2018 ވަނަ އަހަރު ނެރުނު 'ޒީރޯ' އެވެ.