ދިރިއުޅުމަށް އަހަރެން ވެސް ހުވަފެންތަކެއް ދެކުނީމެވެ. އަހަރެންގެ ވެސް އުއްމީދުތަކެއް ވިއެވެ. ހިތް ފުރެންދެން ކިޔަވާނީއެވެ. މަތީ މަގާމެއްގައި ހުރެ ވަޒީފާ އަދާކުރާނީއެވެ. ލޯބިވާ މީހަކާ ކައިވެނިކޮށް އުފާވެރި ޒަވާޖީ ހަޔާތެއް ފަށާނީއެވެ. އަމިއްލަ ގެއެއްގައެވެ. ހޯދާނީ ދެ ދަރިންނެވެ. އަންހެން ކުއްޖަކާ، ފިރިހެން ކުއްޖެކެވެ. އެ ދެކުދިންނަށް ވެސް ދެވުނު އެންމެ ފުރިހަމަ ތަރުބިއްޔަތެއް ދޭނަމެވެ. އަހަރެން ދުނިޔެއިން ނިމިދާނީ ލާމަސީލު ކުދިން ތަކެއް މި ދުނިޔެއަށް ދޫކޮށްފައެވެ. ކޮންމެވެސް ހެޔޮ ކަމެއް މި ދުނިޔެއަށް ކޮށް ދީފައެވެ. ކިޔެވުމުގެ މައިދާނަށް އަހަރެން ނިކުތީ މިހުރީ އަޒުމު ތަކަކާއެކުއެވެ.

ނަމަވެސް ހުވަފެނަކީ ބިލާހެކޭ ކިޔާ އަޑު އަހަމުހެއްޔެވެ؟ އުއްމީދުތަކަކީ ފެނަށް ވާން ހުންނަ އެއްޗެކެވެ. އަހަރެންނަކީ މި ބުނެވުނު ބަހަށް ދެއްކެން އޮތް އެންމެ ފުރިހަމަ މިސާލެވެ. އަހަރެންގެ މުޅި ދިރިއުޅުމުން ވެސް އެކަން ހާމަވާނެއެވެ.

އޭލެވެލް ކިޔަވާ ނިމިގެން އިންޑިޔާ އަށް އަހަރެން ފުރީ މަތީ ތައުލީމު ހާސިލް ކުރުމަށް ލިބުނު ސްކޮލަޝިޕަކާއެކުއެވެ. މައިންބަފައިންގެ ހުވަފެންތައް ކޮނޑުމަށްޗައް ލާ ބަރު ކޮށްގެން އަހަރެން އަމިއްލަ ގައުމާ އަލްވަދާއު ކީ ތައުލީމީގޮތުން ބަސްވިކޭ މީހަކަށް ވެގެން އަނބުރާ އައުމުގެ ފޮނި ހުވަފެނުގައެވެ. އަހަރެން ފުރުވަން އެއާ ޕޯޓަށް އައިސް ތިބި މީހުން ތަކު ތެރޭ އަހަރެންގެ ލޯބިވެރިޔާ ހުޝާމް ހިމެނެއެވެ. ހުޝާމް އަހަރެންގެ އަތުގައި ހިފައިންހުރެ ނުކުރާ ވަޢުދެއް ނޯންނާއެވެ. ދުރުގައި ތިއްބަސް އަހަރެމެންގެ ލޯތްބަށް ބަދަލެއް ނާންނާނެއެވެ. އަހަރެން އައީ ޑުއަލް ޑިގްރީ އަކަށް ކަމުން ކިޔަވާ ނިމޭނީ ފަސް އަހަރުން ކަން ހުޝާމްއަށް މާ ރަނގަޅަށްވެސް އެނގޭނެއެވެ. ނަމަވެސް އޭނާ ކެނޑިނޭޅި ކިޔަމުން ދިޔައީ އަހަރެންނާ ވަކިނުވާނޭ ވާހަކައެވެ. އަހަރެންގެ މައުސޫމު ހިތް ދިޔައީ އޭނާ ދެއްކިހާ ވާހަކައަކަށް ލެނބެމުންނެވެ. ބުނިހާ އެއްޗެއް ގަބޫލުކުރަމުންނެވެ.

އަހަރެން ކިޔަވަމުން ދިޔައީ ދިއްލީގައެވެ. ހޮސްޓެލްގައި ފުރަތަމަ ދެތިން މަސް ކަނޑައްތުކުރީ ކިހާ ހިތްވަރުން ކަން އެނގޭނީ ހަމަ އަހަރެންނަށެވެ. އަހަރެންނާ އެކު ހައެއްކަ ދިވެހިން އަހަރެން ކިޔަވަމުންދާ ޔުނިވަރސިޓީގައި އުޅެއެވެ. އެހެންކަމުން ފުރަތަމަ ސެމިސްޓަރ ނިމެން ކައިރި ވުމުން ޔުނިވަރސިޓީ އާ މާ ދުރުނޫން ހިސާބަކުން ތިން ކޮޓަރީގެ އެޕާޓުމަންޓެއް ހޯދީމެވެ. ތިން އަންހެން ކުދިން އެކަނި ތަނެއް ހިފުމުން އަހަރެމެންނާ ޑީ.އެޗް.އީ އިން ހަވާލުވެ ހުރި އިންޗާޖުގެ ހިތްހަމަނުޖެހުން އަމާޒުވިއެވެ. ދިއްލީ އަކީ އިންޑިއާ ގެ ރޭޕް ކެޕިޓަލް ކަމުގައި ބުނެ ސަމާލުވުމަށް ބާރުއެޅިއެވެ. އަދި ވަކިން އުޅުނަސް މާ ރޭ ވަންދެން ބޭރުގަ ނޫޅުމަށްވެސް ނަސޭހަތްތެރިވިއެވެ. އިންޗާޖަކަށް ހުރި ކުއްޖާ ނުބުންޏެއް ކަމަކު ދިއްލާ އަހަރެންނަށް ހިތު ދަހެވެ. އެއް ސެމިސްޓަރ ނިމިގެން ދާއިރު ލައްކަ އެއްޗެއް ދަސްވެފައި ހުންނާނެ އެއް ނޫން ހެއްޔެވެ؟ މިތާނގެ މީހުންގެ ގޮތާއި، ވާހަކަ ހުންނަ މިޒާޖާ އެމީހުންނާ މުޚާތަބު ކުރަން ޖެހޭ ގޮތާ އަހަރެން ހިތުން އަހަންނަށް އެނގެއެވެ.

މުޅި ކުލާހުންވެސް އަހަރެން ވާހަކަ ދައްކަނީ ހަ ވަރަކަށް ކުދިންނާއެވެ. އަލަށް ބޭރު ގައުމަކަށް ކިޔަވަން އައުމުން އަދި އަހަރެން އެތަނުގެ ގަވާއިދުތަކަށާއި ކިޔަވައިދިނުމުގެ އުކުޅުތަކަށް ނުހޭނޭތީ އެހާ ބައިވަރު ރައްޓެހިން ހޯދަން ބޭނުން ނުވީޢެވެ. އަނެއްކޮޅުން އަހަރެންގެ ކުލާސް ކުދިންނަކީ އެހާ ދުރު ވިސްނޭ ބައެއް ނޫނެވެ. އެމީހުންގެ ހުންނަނީ މާ ކްލޯސް މައިންޑެއް ގޮތް ގަނޑެކެވެ. ބޭނުންވާ މިނިވަންކަމާއެކު މުހިންމު މައުޟޫތަކަށް ވާހަކައެއް ނުދެއްކެއެވެ. އަހަރެން ބަލާ ފިލްމުތަކާ އަހަރެންނަށް ކަމުދާ ލަވަތައް އެނގޭ ބަޔަކަށް ތިބެނީ ވެސް އަތުން ގުނާ ލެވޭހާ މަދު ބައެކެވެ. އެހެންކަމުން އަހަރެންނާ އެމީހުންނާ ދެމެދު އެއްގޮތް އެއްވެސް ކަމެއް ނުހުރެއެވެ.

މިހުރިހާ ކުދިންގެ ތެރެއިންވެސް ކުލާހުން އަހަރެން އެންމެ ވާހަކަ ދައްކާ އުޅެނީ ރިޝަބް ކިޔާ ކުއްޖަކާއެވެ. އަހަރެމެން ދެމީހުން ވާހަކަ ދެއްކުން އެންމެ ފުރަތަމަ ފެށުނީ ކުލާހުގެ ފުރަތަމަ ދުވަހު ގޭމް އޮފް ތްރޯންސް އަށް ދެމީހުންވެސް ޝައުގުވެރިވާކަން އެނގުނީމައެވެ. ބަލާ ބެލުމަށްވެސް ކުލާހުގެ އެހެން ކުދިންނާ އޭނާ ތަފާތެވެ. އިންޑިޔާ އަށް އުފަން ނަމަވެސް އޭނާގެ ހުންނަނީ ހުޅަނގުގެ ގޮތް ގަނޑެވެ. ލާ އެއްޗެހިންނާއި، ވާހަކަ ދައްކާ ގޮތުންނާއި، ޝައުގުވެރިކަން ހުންނަ ދާއިރާތަކުންވެސް އެކަން ހާމަވެގެން ދެއެވެ. އޭނާ އާ ވާހަކަ ދައްކަން ފަސޭހަ ވެފައި ވާހަކަތައް ގަދަ ކަމުން އުފައްދާކަށް ނުޖެހެއެވެ. އޮމާން އަމާން ކަމާ އެކު އެކި އެކި މައުޟޫތަކަށް ބަހުސް ކުރެވެއެވެ. އަހަރެން ރަހުމަތްތެރިން ގޮތުގައި ގެންގުޅޭ ހިތްވަނީ އެ ފަދަ ޒަމާނަށް ފެތޭ، ތަންދޮރު ދަންނަ ކުދިންނެވެ. އެހެންކަމުން ދާދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއަކަށް ރިޝަބް ވެއްޖެއެވެ.

އެއް ސެމެސްޓަރ ނިމިގެން ދިޔައިރު ހުޝާމް އާ އަހަރެންގެ ގުޅުމަށް ބޮޑެތި ބަދަލުތަކެއް އައިއްސިއެވެ. ސެމެސްޓަރ ބަންދަށް ލިބުނީ ދިހަ ވަރަކަށް ދުވަސް ކަމުން އަހަރެން ނިންމީ ސަމަރ ބްރޭކް އަންނަން ދެން ރާއްޖެ ނުގޮސް ހުންނާށެވެ. ސްކޮލާޝިޕް ލިބުނެއްކަމަކު ދަތުރު ފަތުރުގެ ޚަރަދުތައް ބަލަހައްޓަން ޖެހެނީ އަމިއްލައަށެވެ. އެހެންކަމުން އެންމެ ދިހަ ދުވަހަށްޓަކައި ބޮޑު ޚަރަދެއް ނުކުރުމަށް އަހަރެން ނިންމީއެވެ. މިކަމާ ހުޝާމް ހުރީ ހިތްހަމަ ނުޖެހިފައެވެ. އަހަރެންގެ ކިޔެވުމުގެ ކަންތަކުގައި މާ ބުރަ ކޮށް އުޅޭތީ އޭނާއަށް ދެވޭ ވަގުތު އޮންނަނީ މަދު ވެފައެވެ. ހެނދުނު އަށަކުން ފެށިގެން ހަވީރު ވަންދެން އަހަރެން އުޅެނީ ޔުނިވަރސިޓީގައެވެ. ގެއަށް އައިސް ކައްކާ، ކައި ހަދައިގެން ފިލާ ވަޅުތައް ހަދާ ނިމޭ އިރު ވަރުބަލިވެގެން ހުންނަނީ ދެލޯ މެރިމެރި އެވެ. ގިނަ ފަހަރު ނިދެނީ ދުވަހުން ދުވަހަށް ދަސްކުރަން ނިންމައިގެން ހުންނަ ފިލާވަޅު ތަކުގައި އަތްވެސް ނުލެވިއެވެ. ހުޝާމް ވީޑިއޯ ކޯލް ކުރަން ބޭނުންވާތީ އެކަމަށް ވަގުތު ދެވޭތޯ ވެސް އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ދެތިން ދުވަހު ވީޑިއޯ ކޯލް ގެ މެދުތެރެއިން އަހަރެން ނިދަން ފެށުމުން ހުޝާމް މިހާރުވަނީ އެކަންތައް މުޅިން ހުއްޓާލާފައެވެ. ނަމަވެސް އަހަރެންނަށް ވާހަކަ ނުދައްކާ ނިދުނަސް ކޮންމެ ދުވަހަކު ލޯބީގެ މެސެޖަކުން ނޫނީ ރޭ ނިންމާ ނުލާނެއެވެ. އަހަރެން ހެނދުނު ތެދުވެ ފޯނު ބަލާލާ ކޮންމެ ފަހަރަކު މޫނު މައްޗަށް ހިނިތުން ވުމެއް ގެނުވައެވެ. ކިތަންމެ ދުރުގަ ހުއްޓަކަސް، ކިތަންމެ އުނދަގުލަސް އަހަރެމެން ދެމީހުން އެކަކު އަނެކަށް ވާ ލޯތްބަށްޓަކައި މު ގުޅުން ދަމަހައްޓަން ބޭނުންވީއެވެ.

ފުރަތަމަ ސެމެސްޓަރ ގެ ޓެސްޓުގެ ނަތީޖާ ލިބުނު އިރު އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެންމެ މާއްދާ އެއް ފިޔަވާ ހުރިހާ މާއްދާއަކުން ލިބިފައިވަނީ ވަރަށް ރަނގަޅު ނަތީޖާއެކެވެ. އަހަރެންނާ ޚިލާފަށް ރިޝަބް ގެ ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ކިތަންމެ މޮޅު ސިކުނޑިއެއް ދެއްވާފައި ހުއްޓަސް އޭގެ ބޭނުން ހިފުމަށް ވުރެ އޭނާ ގެ ނަންނެތް ކަން މާ ބޮޑެވެ. ރިޝަބް ގެ ފަރާތުން އެހެން ކަންތައްކައް ވެސް އަހަރެންނަށް ފާހަގަވިއެވެ. ކުލާސް ތެރޭގައި އަހަރެންނާ ދިމާލަށް ވަށްކަޅިން އޭނާ ބަލާކަން އަހަރެންނަށް އެނގެއެވެ. ޔުނިވަރިސިޓީ އިން ގެއަށް އަތުވެއްޖެއްޔާ އަބަދު ގުޅާނެއެވެ. ނޫނީ ވަޓްސްއެޕް އިން މެސެޖް ކުރާނެއެވެ. ހުޝާމް އާ މި ވާހަކަ ހިއްސާ ކުރުމުން ހިނިގަނޑެއް ޖަހާލާފައި އޭނާ ބުނީ ރިޝަބް އަހަރެންނާ ހިތާ ވެގެން އުޅޭ ވާހަކައެވެ. އަހަރެން ހުރީ އެ ވާހަކަ ޤަބޫލު ކުރަން ތައްޔާރަކަށް ނޫނެވެ. އަހަރެމެންގެ ރަހުމަތްތެރި ކަން މިހާރު އޮތް ހިސާބު އަހަރެންނަށް ކަމުދެއެވެ. އިތުރު ހީ ތަކެއް ސިކުނޑީގައި އުފައްދައިގެން މި ގުޅުން އިތުރަށް އުނދަގޫ ކުރާ ކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން ހުޝާމް ގެ ވާހަކަ ތަކަށް އަހަރެން ދިނީ ބީރު ކަންފަތަކެވެ.

ދޭތެރެ ދޭތެރެއަކުން ރިޝަބް އަހަރެންނަށް މާ ގެނެސްދީ ހަދައެވެ. ފެބްރުއަރީ މަސް ފެށީއްސުރެ ކޮންމެ ދުވަހަކު ހެން އަހަރެންނަށް އޭނާގެ ފަރާތުން ކޮންމެވެސް އެއްޗެއް ލިބެއެވެ. ހުޝާމްގެ ބުނި ވާހަކަ އަކީ އަނެއްކާ އަސްލަށް ވެސް ހަގީގަތެއް ބާވައޭ އެތަކެއް ފަހަރަކު ހިތަށް ވެސް އެރިއެވެ. އެހެންކަމުން ރިޝަބް ގާތުގައި އަހަރެން ވަރަށް ލޯބިވާ ކުއްޖެއް ހުންނަ ވާހަކަ ވެސް ބުނީމެވެ. ރިޝަބް ވެސް އޭނާ އިންތިހާ އަށް ލޯބިވާ ކުއްޖަކު ހުންނަ ކަމާއި ވަރަށް އަވަހަށް އެކުއްޖާ އާ އަހަރެންނާ ބައްދަލު ކުރުވާނަން ކަމުގައި ބުންޏެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ހީކުރި ކަހަލަ އިހުސާސުތަކެއް ރިޝަބް އަހަރެންނާ ދޭތެރޭ ނުބާއްވާތީއެވެ. ހަފްތާގެ ބާކީ ދުވަސް ތައް ނިމިގެން ދިޔައީ ހިތްހަމަ ޖެހުމުގައެވެ.

ފެބްރުއަރީ ސާދަ ވަނަ ދުވަހުގެ އިރު އަރައިގެން އައި އިރު އަހަރެން އިނީ ކޮޓަރީގެ ކުޑަދޮރު ކައިރީ އުޑުމައްޗަށް ބަލަހައްޓައިގެން ފޯނެއްގައެވެ. ހުޝާމް ހެނދުނު ހެނދުނާ ތެދުވެ އަހަރެންނަށް ގުޅީ ވެލެންޓައިންސް ޑޭ ވިޝް ކުރާށެވެ. މިއީ އަހަރެމެން ދެމީހުންގެ ގުޅުމަށް އެއް އަހަރު ފުރުނު ދުވަސް ކަމުން ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް ލޯބީގެ އަހަރީ ދުވަސް އެތައް މޭލެއް ދުރުގައި ކަނޑައްތު ކުރަން ޖެހިފައިވުމުން ދެރަ ވެސް ވިއެވެ. މެއި މަހަށް ދެން މާ ގިނަ ދުވަހެއް ނެތޭ ހިތާ ކެތް ކޮށްލައިގެން ތިބީއެވެ.

ޔުނިވަރސިޓީއަށް އަހަރެން ވަދެގެން ދިޔަ އިރު ފެނިގެން ދިޔައީ ހުސް ލޯބިވެރިން ނެވެ. ރަތް ކުލައިގެ ގަމީސް ލައިގެން ތިބި ފިރިހެން ކުދިން އާދަޔާ ޚިލާފަށް ގިނައެވެ. އަންހެން ކުދިން ފެންނަމުން ދިޔައީ ކޮންމެވެސް ބުދެއް ނޫނީ މާ ބޮނޑިއެއް ހިފައިގެން އުޅޭތަނެވެ. އަތުގައި ހިފައިގެން ހިނގާފާ ރަކި ހިނިތުންވުން ދައްކަމުން ދާ ލޯބިވެރިން ވެސް މަދެއް ނޫނެވެ. ޔުނިވަރސިޓީއިން ފެނުނު މި މަންޒަރުތަކުން ހުޝާމް މަތިން އިހުނަށްވުރެ ބޮޑަށް ހަނދާން އާވަން ފެށިއެވެ.

ފުރަތަމަ ކުލާސް އޮތީ އޮޑިޓޯރިއަމް ގައި ކަމުން އަހަރެން މިސްރާބު ޖެހީ އެދިމާލަށެވެ. އޮޑިޓޯރިއަމް އަކީ ބޮޑު ހޯލެއް ކަމުން މިއަދު އޮންނާނީ ތަންކޮޅެއް ބޮޑު ލެކްޗާއެއްކަން އަހަރެންނަށް އެނގެއެވެ. ސެކްޝަން ގެ އެކި ކުލާސްތަކުގެ ކުދިން މިއަދުގެ ލެކްޗާގައި ބައިވެރިވާނެއެވެ. އަވަސް ހިނގުމެއްގައި އަހަރެން ހޯލުގެ ތެރެއަށް ވަދެގެން ދިޔައީ ތަންކޮޅެއް ކުރީގެ ގޮނޑިއަކުން ޖާގަ ލިބޭނެތޯއެވެ. ނަމަވެސް ހޯލަށް ވަނުމާއެކު އަހަރެންގެ ދެފައި ގަނޑުވިއެވެ.

ހޯލު އޮތީ ފުރިފައެވެ. ހުރިހާ އެންމެންގެ ލޯތައް އަހަރެންނާ ދިމާލަށް އަމާޒުވެފައި ހުރި އިރު އަހަރެންގެ ލޯ ހުރީ ހޯލް ގެ މެދުގައި ރަތް ކުލައިގެ ގަމީހެއްގައި ރަތް ފިނިފެންމާ ބޮނޑިއެއް އަތަށް ލައިން އަހަރެންނާ ހަތަރުކަޅި ހަމަކޮށްގެން ހުރި ރިޝަބްއެވެ. އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. މި ނުބައި ހުވަފެނުން ހޭލެވޭނެނަމައޭ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް މިއީ ހުވަފެނެއް ނޫނެވެ. ހަގީގަތެކެވެ. ނުފެންނަ ކަމަށް ހަދާ އަހަރެން ގޮނޑިއެއް ލިބޭތޯ ހިނގައިގަތީމެވެ. ދެން އިވެން ފެށީ ހިންދީ ލަވައެކެވެ. އަހަރެންގެ ނަން ގޮވުމުން ހުއްޓުން އެރިއެވެ.

އަހަރެން ހުރީ ފަހަތަށް އެނބުރި ބަލަން ވެސް ނުކެރިފައެވެ. އޮޑިޓޯރިއަމް އިން ނިކުމެގެން ދާނަމޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ދޮރު ވެސް ނުފެންނަ ވަރަށް ކުދިންތައް ވަދެއްޖެއެވެ. އެންމެންގެ މުނިފޫހި ފިލުވާ ކުޅިގަނޑަކަށް އަހަރެންގެ މޫނު ވެއްޖެއެވެ.

ރިޝަބް އައިސް އަހަރެންގެ އަތުގައި ހިފާ އަނެއް ފަރާތަށް އަނބުރާލިއެވެ. އޭނާގެ އަތް ޖެހުމާއެކު ބޭ އިޚްތިޔާރުގައި އަހަރެންނަށް އަތް ހޫރުވާލެވުނެވެ. އަހަރެން ހުރީ ރުޅިއައިސް ރަތް ވެފައެވެ. އެހާމެ ލަދުވެސް ގަނެފައެވެ. ރިޝަބް އޭނާގެ އެއް ކަކޫ މައްޗަށް ތިރިވެ ކުރީ އެންމެ ސުވާލެކެވެ. އޭނައާ ރައްޓެހިވާން އެހީއެވެ. މުޅި އޮޑިޓޯރިއަމް އެކީ އެކައްޗަކަށް “ސޭ ޔެސް” އޭ ކިޔާ ގޮވަމުން ދިޔައެވެ. މިއީ އެޕްރީލް ފޫލްސް ބާވައެވެ. އެހެން ވާނޭ ނަމަ ކިހާ ރަނގަޅު ހެއްޔެވެ. ގިނަ މީހުން ތިބީ ފޯނުތައް ނަގައިގެން ވީޑިއޯ ކުރާށެވެ. ރިޝަބް ގެ މޫނުމަތިން ފެންނަމުން ދިޔަ ިހިނިތުން ވުން އެކަށް ފިލުވާލީ އަހަރެންގެ ޖަވާބެވެ.

"ނޯ"

މުޅި ހޯލްތެރެ ހަމަ ހިމޭން ވެއްޖެއެވެ. ރިޝަބް ގެ ދެ ލޯ ބޮޑުގެ ދެ ބުމަ ގޮށް ޖެހިއްޖެއެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތާކު މަޑު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެއް ކުއްޖަކު ޖެހިގެން އިން ކުއްޖާ ކަންފަތް ކައިރީގައި އޭތި މީތި ކިޔަން ފަށައިފިއެވެ. އަހަރެން ހިނގައިގަތީ ދޮރުން ނިކުންނާށެވެ. ނަމަވެސް ރިޝަބް އަހަރެންގެ އަތުގައި ހިފާ އޭނާގެ މެޔާ ބޮނޑި ކޮށްލިއެވެ. އޭނާގެ އަތުން އަހަރެންގެ އަތުގައި ފިރުމަމުން މޫނު އަހަރެންގެ މޫނާ ކައިރި ކުރަމުން ދިޔައެވެ. އައިސް ހުރި ރުޅީގައި އަހަރެން އޭނާ ދުރަށްލީމެވެ. ރިޝަބް ގެ މޫނު ކަންކަށި މަތީ އަހަރެން ޖެހީ އަމިއްލަ އިޚްތިޔާރުގައެވެ. އަހަރެންގެ ހަށިގަނޑުގައި އަހަރެންގެ ހުއްދައާ ނުލާ އަތްލާން ކެރުނުކަމޭ ވެސް ހިތަށް އެރިއެވެ. ދެން އަހަރެން ގައިގަ އަތްލައި ފިއްޔާ ނިމުނީ އޭ ބުނި ނިކުންނަން ހިނގައިގަތީމެވެ. އެންމެ ފަހު އަޑަކަށް އަހަރެންނަށް އިވުނީ މަލާމާތުގެ ބަސްތަކާއެކު ރިޝަބް އާ ދިމާލަށް ކުދިންތައް ބަލާ ހީނަގަމުން ދިޔަ އަޑެވެ.

އަހަރެން ނިންމީ ދުވަހުގެ ބާކީ ކުލާސްތަކަށް ނުދާށެވެ. ފުރަތަމަ ގަޑިއަކީ ފްރީ ގަޑިއެއްކަން އެނގި ހުރެ ރިޝަބް އެ ކުޅެލި ޑްރާމާ ގަނޑުން އަހަރެންގެ މުޅި މޫޑް ހިނގައްޖެއެވެ. އަހަރެންނަކީ އެހެން މީހެއްގެ ލޯބިވެރިޔެކޭ އޭނާގާތު ބުނާނީ ކިތައް ފަހަރު ހެއްޔެވެ؟ ނޫނެކޭ ބުނުމުން އެކަންތައް ހިންދާލި ނަމަވެސް ރަނގަޅެވެ. ނަަމަވެސް އޭނާ ނިންމީ އެ ފިރިހެންވަންތަ ބާރުން އަަހަރެން އާނއެކޭ ބުނުވަން ހެއްޔެވެ؟ ހަމަ ހިލާ އެފަދަ ކަމެއް ވިޔަކަ ނުދޭނަމެވެ. ކުރިން ރިޝަބް އާ ދޭތެރޭ ދެކެމުން އައި ގޮތް އަހަރެން މުޅިން ބަދަލުކޮށްލީމެވެ. އޭނާ އަކީ ހޭލުންތެރި މީހެއް ނަމަ އެހެން ކަންތައް ނުކުރީހެވެ. ފައްކާ އިންޑިޔާގެ ފިލްމީ ރޯމިއޯ އަކަށް ވާން ނޫޅުނީހެވެ.

އަހަރެން ރިޝަބް ގެ ކަންކަށި މައްޗަށް ދިން ހަދިޔާގެ ހިތި ރަހަ ތަޖުރިބާ ކުރީ ޖެހިގެން އައި ދުވަހުއެވެ. އަހަރެންގެ ދެ ރޫމް މޭޓުންނާ އެކު ޔުނިވަރސިޓީގެ ބޭރުގައި ތިބީ ރާޢްޖޭގެ އިތުރު ދެކުއްޖެއްްގެ އިންތިޒާރު ގައެވެ. އެކަންތައް ހިނގައިދިޔައީ ހިތަށް ނުގެނެވޭހާ އަވަހަށެވެ. އެއް ސިކުންތުގައި ފޯނަށް ބަލަން ހުރި އަހަރެން ދެވަނަ ސިކުންތުގައި އޮތީ ބިންމަތީގައެވެ. މޫނުގައި އަތް އަޅައިން ދުވަހަކުވެސް އިހުސާސް ނުކުރާހާ ވޭނެއްގައެވެ. މޫނު ނިވާ ކޮށްގެން ތިބި ދެކުއްޖަކު ސައިކަލުން ދަމުން އަހަރެންގެ މޫނަށް އެސިޑް ޖެހީއެވެ. މުޅި މޫނު ހީވަނީ އަލިފާން ރޯވެފަ ހުރިހެންނެވެ. ނަގަމުން ދިޔަ ދިލައާ އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވި އަހަރެންގެ ހޭވެރިކަން ދިޔައީއެވެ.

އަަހަރެންގެ މޫނުމަތީގަައި ފޮތި ގަނޑެއް އަޅާފައި އޮންނަތާ ތިން ދުވަސް ވެއްޖެއެވެ. އަދިވެސް މޫނުން ދިލަ ނުފިލާ ކަހަލައެވެ. ހިތަށް ވެރިވެފައިވަނީ އާދަޔާ ޚިލާފް މާޔޫސް ކަމެކެވެ. އެ ދުވަހަށް ފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނޭ ކަން އެނގޭތީއެވެ. އަހަރެންގެ މައިންބަފައިން ތިބޭ އިންޑިޔާ އަހެވެ. ރާއްޖޭގެ ނޫސްތަކުގަޔާ ބައެއް އިންޑިޔާ ނޫސްތަކުގައި އަހަރެންގެ ވާހަކަ ލިޔެވިފައި އޮތެވެ. ލޯބީގެ މައްސަލައެއްގައި އަށާރަ އަހަރުގެ ފިރިހެން ކުއްޖަކު ހަމަ އެ އުމުރުގެ އަންހެން ކުއްޖެއްގެ ގަޔަށް އެސިޑް ޖެހި ވާހަކައެވެ. ކަންތައް ކުރީ ރިޝަބް ކަން އެނގުނު ދުވަހު އޭނާގެ ދުވަސް ދުއްވާލާނަމޭ ބުނެ އަހަރެންނަށް ހަޅޭލެވުނެވެ. އަހަރެންގެ ދިރިއުޅުމަށް ވުރެ އޭނާއަށް މުހިންމުވީ ކުޑަ ހިނދުކޮޅެއްގެ ހަސަދައެވެ. އޭނާ ގަތް ލަދުގެ ބަދަލު ހިފާށެވެ. އަހަރެން ދެކެ ވާ ކަމަށް ބުނެ ދައުވާކުރި ލޯތްބަކީ އެއީ ހެއްޔެވެ؟ އަހަރެން އެއްވެސް މީހަކާ ވާހަކަ އެއް ނުދައްކަމެވެ. ރައްޓެހިން ކޮންމެ ދުވަހަކު ޔުނިވަރސިޓީ ނިންމާ އަހަރެންގެ ހާލު އަހުވާލު ބަލާލަން އާދެއެވެ. މަންމަ އާ ބައްޕަ އަބަދާ އަބަދު އަހަރެން ގާތުގައި ހިތްވަރުދިނުމަށް ތިބެއެވެ. ދޭތެރ ދޭތެރެއަކުން ފުލުހުންގެ މީހަކު ބަޔާން ނަގަން އަންނާނެއެވެ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ވެއްޖެކަން އެނގުނު ދުވަަހަކީ މޫނުން ބެންޑޭޖް ނެގި ދުވަހެެވެ.

މުޅި ސިފަ ވަނީ ބަދަލުވެފައެވެ. މޫނުމަތި ވަނީ ރޫ ޖެހި އަނަރޫފަވެފައެވެ. ހަމުގެ ކުލަ ބަދަލުވެފައެވެ. އަނގައިގެ ބައްޓަނުން ފެށިގެން ބުމަ އަށް ދަންދެން ވަނީ ބަދަލުވެފައެވެ. ލޯ ގަނޑުން އަހަރެން އެންމެ ފުރަތަމަ ފެނުނު ދުވަހު ރޮމުން ރޮމުން ގޮސް އަޑު ބެދިގެން ދާ ވަރަށް ރުއީމެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ގެ ހާލަކީވެސް އެއީއެވެ. ޑޮކްޓަރުންނާ ވަރަށް ވާހަކަ ދެކެވުނެވެ. އަހަރެންގެ މޫނަށް އިތުރު ބަދަލެއް ނުގެނެވޭނެއެވެ. އެ ރޭ ވަރަށް ވިސްނުމަށް ފަހު އަހަރެން ގޮތެއް ނިންމީމެވެ. ކިޔަވާށެވެ. ކުރިއަށް އޮތް ތިން އަހަރު ނިންމާނަމެވެ. އަދިވެސް އަަހަރެންގެ ހުވަފެނުގައި ކުލަ ޖެހޭނެއެވެ. މުޖުތަމައު އަހަރެން ބަލައިގަންނާނެއެވެ. އަހަރެންނަކީ ސަވައިވާ އެކެވެ. އަހަރެންގެ އަށާރަ އަހަރުގެ ޅަ ސިކުނޑިއަށް ދުނިޔެ ކުޑަކޮށްވެސް ދަސްވެފައި ހުރި ނަމަ ހިޔަންޏަށް މުޑި ނުނެގީހެވެ.

ކިޔަވާ ނިމިއްޖެއެވެ. ވަރަށް ހާލުންނެވެ. ޑިގްރީ ނިންމާ މާސްޓާސް ވެސް ހެދީމެވެ. ލޯބިވި ލޯބިވެރިޔާ އަހަރެންނަށް ދިމާވި ހާދިސާއަށް މާ ގިނަ ދުވަހެއް ނުވަނީސް ދޫކޮށް ގޮސްސިއެވެ. ކިޔަވައިގެން ރާއްޖެ އަނބުރާ އައިސް ވަޒީފާ އެއް ލިބޭތޯ ލައްކަ މަސައްކަތެއް ކުރީމެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ތަނަކުން އަހަރެންނަށް ވަޒީފާ އެއް ދޭކަށް އެއްވެސް މީހަކު އެއްބަހެއް ނުވިއެވެ. އަހަރެންގެ މޫނު ފެނި ކުޑަ ކުދިންގެ ހިނިތުން ވުންތައް ފަނޑުވެއެވެ. ހިނގާ ފައި ދާ މަގުތަކުން އެންމެންގެ ލޯތައް އަމާޒުވެއެވެ. އާއިލާ މީހުންގެ ނަސޭހަތަކީ އަހަރެން މޫނު ބުރުގާ އަޅާށެވެ. އަހަރެންގެ މި “އައިބު” މީހުންގެ ލޯތަކުން ފޮރުވާށެވެ. މީހުންގެ ބަސްތަކުން ދެރަ ނުވާން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އެކަނިވެރިކަން އަހަރެން ދުލެއް ނުކޮށްލައެވެ. އަބަދަކު މައިންބަފައިން ކައިރީގައެއް ވެސް ނޫޅެވޭނެއެވެ. އުމުރުން ތިރީސް ތިން އަހަރުވަނީއެވެ. އިންނާނެ މީހަކު ކީއްކުރަން، ވާހަކަ ދައްކާލާނެ ރަހުމަތްތެރިޔަކުވެސް އަހަރެންގެ ނެތެވެ.

ދަބަހަށް އެއްޗެހި އަޅާ ފޮށިތައް ތައްޔާރު ކޮށްފީމެވެ. މި ޤައުމާ އަލްވަދާއު ކިޔާށެވެ. އަހަރެން އަށާރަ އަހަރުގައި ދުށް ހުވަފެންތަށް ކަފުންކުރުމަށް ފަހުއެވެ. މައިންބަފައިންނަށް އަހަރެންގެ ހިތް ހެވެވެ. އެވަރު ހެޔޮ ބައެއް މި ދުނިޔެ މަތީ ނުތިބޭނެއެވެ. ނަމަވެސް އަހަރެންގެ ސަބަބުން އެމީހުންނަށް ވެސް ލިބެނީ ލަދުވެތިކަމެވެ. ކުރިމަތިލާން ޖެހެނީ ކަންމަތި ތަކުގައި މަޑުކޮށްގެން ދައްކާ މީހުންގެ މަލާމާތާއެވެ. އެމީހުންނަށް އެހާލު ޖައްސާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އަހަރެން މި ދަނީއެވެ. މި އަނިޔާވެރި މުޖުތަމައާ ދުރަށެވެ. އަހަރެންގެ މި ސިފަ ޤަބޫލުކޮށް ބަލައިގަންނާނޭ ހިސާބަކަށެވެ. މިފަދަ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލާށެވެ. އެފަދަ ކަމެއް ތަހައްމަލު ކޮށްފައިވާ ބަޔަކަށް އަހަރެންގެ ފަރާތުން ދެވެން އޮތް ހިތްވަރެއް ދޭށެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު