އަނބިމީހާ އައިޝްވާރިޔާ ރާއީ ދެކެވަނީ ނިމުމެއް ނެތް އަދި އަބަދަށް ދެމިގެންދާނެ ލޯތްބެއް ކަމަށް އޭނާގެ ފިރިމީހާ އަބީޝޭކް ބަޗަން ބުނެފިއެވެ.

ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު ހޯދި އެކްޓްރެސް އައިޝްވާރިޔާ އަށް އަބީޝްކް އުފަންދުވަހުގެ ތަހްނިޔާ ކިޔައި ފޭސްބުކްގައި ކުރި ރޮމޭންޓިކް ޕޯސްޓެއްގައި ބުނީ ހުރިހާ ކަމަކަށް ޝުކުރު އަދާކުރާ ކަމަށެވެ. "އަހަރެމެންނަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރިއްޔާ. އަބަދުވެސް ކަލާ އުފަލުގައި އަދި ހިނިތުންވެފައި ހުރުން އެއީ ދުއާ." އަބީޝޭކް ބުންޏެވެ.

ބައި މިލިއަނާއި ގާތައް ލައިކްސް ލިބިފައިވާ އިންސްޓަގްރާމް ޕޯސްޓަށް ކޮމެންޓް ކުރި ވަރަށް ގިނަ ބަޔަކު ވަނީ އައިޝްވާރިޔާ އަށް އުފަންދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ. ފިލްމީދާއިރާގެ ނަން މަޝްހޫރު ފަންނާނުން ވެސް ވަނީ އައިޝްވާރިޔާ އަށް މީސް މީޑިއާ މެދުވެރިކޮށް އުފަންދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދްކޯން ކެޓްރީނާ ކައިފް ފަދަ ފަންނާނުން ވެސް ހިމެނެއެވެ.

1973 ވަނަ އަހަރުގެ ނޮވެމްބަރ 01 ވަނަ ދުވަހު އުފަންވި އައިޝްވާރިޔާ އިއްޔެ ފާހަގަ ކޮށްފައި ވަނީ އޭނާގެ 47 ވަނަ އުފަންދުވަހެވެ. 1994 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ މަގާމު ހޯދި އައިޝްވާރިޔާ ފިލްމީ ކެރިއަރު ފެށީ 1997 ވަނަ އަހަރުއެވެ.

2007 ވަނަ އަހަރު އައިބީޝޭކް އާއި އައިޝްވާރިޔާ ކައިވެނި ކުރިއެވެ. އެދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.

މިއަހަރަކީ އަަބީޝޭކް އާއި އައިޝްވާރިޔާއަށް ވެސް އެންމެ އުނދަގޫ އެއް އަހަރެވެ. އަބީޝޭކް އާއި އޭނާގެ ބައްޕަ އަމީތާބު ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރިފަހުން އައިޝްވާރިޔާ އާއި ދަރިފުޅު ވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނު ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނުވެއެވެ.