ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހް ރުކް ހާނަށް 55 އަހަރު ފުރުމާއި ގުޅިގެން އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ބުރުޖް ހަލީފާގެ ހިތްގައިމު ކުލަތަކުން އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި އެވެ. އެކި ކުލަތަކުން ދިއްލާފައިވާ އުސް އިމާރާތުން ޝާހް ރުކް ހާންގެ ފޮޓޯއެއްވެސް ދައްކާލާފައިވާއިރު ޝާހް ރުކް ހާން ވަނީ އެވަގުތު އެތަނުގެ ކައިރިޔަށް ގޮސް ފޮޓޯ ނަގައި މީސް މީޑިޔާގައި އެ ފޮޓޯ ހިއްސާ ކޮށްފަ އެވެ.

https://twitter.com/BurjKhalifa/status/1323357466436972551

އާއިލާ އާއި އެކު ޝާހް ރުކް ހާން ދުބާއީގައި ޗުއްޓީ ހޭދަކުރަމުންދާއިރު އުފަންދުވަހުގައި ލިބުނު ސަޕްރައިޒް އާއި އެކު އޭނާ މީސް މީޑިޔާގައި ފޮޓޯ ހިއްސާކުރަމުން ބުނީ ދުނިޔޭގެ އެންމެ އުސް އިމާރާތުގައި އޭނާގެ ފޮޓޯ އާއި އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި ވުމުން އުފާކުރާ ކަމަށެވެ.

ފިލްމު އުފެއްދުމުގައި މަޝްހޫރު ކަރަން ޖޯހަރް ވެސް މިހާރު ދުބާއީގައި ހުރި އިރު އޭނާވެސް ވަނީ ޝާހްރުކް ހާން ބުރުޖް ހަލީފާ ކައިރީ ހުރި ވީޑިޔޯއެއް ހިއްސާކޮށްފަ އެވެ. ބޮލީވުޑްގެ މަޝްހޫރު ތަރީން ޝާހް ރުކް އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި ވާއިރު އެ ތަރީންގެ ތެރޭގައި އާމިރް ހާން، ދީޕިކާ ޕަދުކޮން، އަޔުޝްމަން ހުރައްނާ، ކަރީނާ ކަޕޫރް ހާން، އަނުޝްކާ ޝަރްމާ، ޝިލްޕާ ޝެޓީ، ފިލްމު އުފެއްދުމުގެ ދާއިރާގައި އުޅޭ ފަރަހް ހާން ފަދަ ފަންނާނުން ހިމެނެ އެވެ.

މިހާތަނަށް ޝާހްރުކް 80 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާއިރު އޭނާ އަށް ވަނީ 14 ފިލްމް ފެއާ އެވޯޑް ލިބިފަ އެވެ. އިންޑިޔާ ސަރުކާރުންނާއި ފްރާންސް ގެ ސަރުކާރުންވެސް އޭނާ އަށް އެވޯޑު ދީފައި ވެއެވެ. 1988 ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޝާހް ރުކް ހާންގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ކުޗް ކުޗް ހޯތާ ހޭ، ކަބިހުށި ކަބިގަމް، ބާޒީގަރް، ދަރް، އަންޖާމް، މުހައްބަތެއިން ފަދަ ފިލްމުތައް ހިމެނެ އެވެ.