ބަނޑުގައި އިންފެކްޝަން ހެދިގެން އޮކްޓޯބަރު އަށް ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އިންޑިއާގެ މަޝްހޫރު އެކްޓަރ ފަރާޒް ޚާން މަރުވެއްޖެ އެވެ.

އޭނާ މަރުވެފައި ވަނީ، މުމްބާއީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އޭނާ މަރުވިއިރު، އުމުރަކީ 46 އަހަރެވެ.

އޭނާ ބަލިވުމާއެކު ކޮއްކޮ ފަހްމާން ޚާން ވަނީ އޭނާގެ ފަރުވާއަށް ފައިސާގެ ގޮތުން އެހީވެދިނުމަށް އެދިފައެވެ. އަދި އޭނާއަށް ގިނަބަޔަކު އެހީތެރިވެސް ވެފައެި ވެއެވެ. އޭގެ ތެރޭގައި އެކްޓްރެސް ޕޫޖާ ބަޓްވެސް ހިމެނެއެވެ.

އޭނާ ވަނީ ފަރާޒް ޚާން މަރުވެއްޖެ ކަން ޓްވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ. އަދި އޭނާއަށް އެހިތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ފަރާޒް ޚާންގެ ހާލު ދެރަވެގެން އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ފަރާޒް ޚާން އަކީ އެކްޓަރ ޔޫސުފް ޚާންގެ ދަރިފުޅެވެ. ޔޫސުފް ޚާން ވަނީ މަރުވެފައެވެ.

ފަރާޒް ޚާން ފެނިގެން ދިޔަ ބައެއް ފިލްމްތަކަށް ބަލާއިރު، ފަރެބް، ޕްރިތްވީ، މެހްންދީ، ދުލްހާން ބާނޫ، މެއީ ތެރީ، ޗާންދް ބުޖް ގަޔާ ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯވތަކަށް ބަލާއިރު، ސިންދޫރް ތެރެ ނާމް ކާ، ޝްޝްޝް ކޮއި ހޭ، ރާތް ހޯނޭ ކޯ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު