ކާމިޔާބު ލަވަ ކިއުންތެރިޔާ އަދި އެކްޓަރު އަރިއާނާ ގްރާންޑޭއަކީ ފުރާވަރުގެ އުމުރު ފުރާގެ ކުދިންގެ މެދުގައި ޚާއްސަ މަގުބޫލު ކަމެއް ލިބިފައިވާ އަދި އިންސްޓަގްރާމުގައި ފުރަތަމަ ފަހަރަށް 200 މިލިއަން ފޮލޯވަރުން ލިބުނު އަންހެނާގެ ޝަރަފު ހޯދި މީހެކެވެ.

އަރިއާނާގެ އެންމެ ޚާއްސަ އެއް ސިފައަކީ އޭނާގެ ތަފާތު އިސްތަށިގަނޑެވެ. ޚާއްސަކޮށް އެ އިސްތަށިގަނޑު ސްޓައިލް ކުރުމުގައި އަރިއާނާ ގެންގުޅޭ ގޮތް ގިނަ ބަޔަކަށް އޮންނަނީ ކަމުގޮސްފައެވެ.

އެކަމަކު އެ ސްޓައިލްގެ ފަހަތުގައި ވަނީ ހިތި ހަގީގަތްތަކެކެވެ. އޭގެ ތެރެއިން އެއްކަމަކީ މިއީ ބަލާލަން ކިތަންމެ ރީތި ނަމަވެސް ބޮލަށް ވަރަށް ތަދުވާ ގޮތެކެވެ.

ޕޯނީ ޓެއިލްގެ ނަމުން މަޝްހޫރު މިސްޓައިލަށް އިސްތަށިގަނޑު ބެހެއްޓުމުން ބޮލަށް ތަދުވުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމާއި އާއްމުކޮށް ވެސް ދިމާވާކަން އަރިއާނާ ވަނީ އެކި އިންޓަވިއުތަކުގައި ފާހަގަކޮށްފައެވެ.

ދެން ސުވާލަކީ އެހާ އުނދަގޫވާ ނަމަ އޭނާ މިހެން އިސްތަށިގަނޑު ބަހައްޓަނީ ކީއްކުރަންތޯއެވެ. އެހެން ސްޓައިލެއް އޭނާ އަށް ކަމު ނުދަނީބާއެވެ. ނޫނީ ސްޓައިލްއާ މެދު ރިސްކެއް ނަގަން ބޭނުން ނުވަނީބާއެވެ.

އެހެނެއް ނޫނެވެ. އަރިއާނާ މިގޮތަށް އިސްތަށިގަނޑު ސްޓައިލްކުރަން ފެށީ އެހެން ގޮތެއް ނެތުމުންނެވެ.

އެއީ 2010 އިން ފަށައިގެން 2013 އަށް ކެޓް ވެލެއިންޓެއިންގައި އޭނާ އަދާ ކުރި ރޯލަށް އޭނާގެ އިސްތަށިގަނޑުގައި ތަކުރާރުކޮށް ކުލަ ޖެއްސުމުން އިސްތަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އަދި އިސްތަށިގަނޑު ފިސްވެ، ހަރުވެފައި ވާތީ އަދިވެސް އޭނާގެ އަސްލު އިސްތަށިގަނޑު ދައްކައިގެން އުޅެން ލަދު ގަންނަކަމަށް އަރިއާނާ ބުނެއެވެ.

ދެހާސް ސާދައިގައި މައްޗަށް އެއްސުމަށް ފަހު ވިގެއް އަޅައިގެން އިސްތަށިގަނޑު ސްޓައިލްކުރަން ފެށި އަރިއާނާ ބުނާ ގޮތުން މިހާރު އެއީ އޭނާގެ ސިގްނޭޗަ ސްޓައިލަކަށް ވަނީ ވެފައެވެ. އެހެންކަމުން އެ ސްޓައިލް އިން އޭނާ އަށް ހިތްހަމަޖެހުން ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝިހާމްބެ

    އާން މިހާރު އެނގިއްޖެ. އެކަމު އޭނަ އަރައިގެން ހުރި ފައިވާނުގެ ދަށްފުށް ހުރި ގޮތެއް އަދި ނޭންގެ. އެކަން ވެސް އެނގިދާނެބާ.

    12
    2
  2. ތަންޑު

    ދެން އަސްލު އިސްތަށިގަނޑު ބާލަންވީނު. އޭރުން ރީތި އިސްތަށި ގަނޑެއް ފަޅާނެ.

    14
    3
  3. ހުސޭނުބޭ

    ސުރުޚީ ކިޔާފަ މަ ހީކުރީ މިކޮއި އިސްތަށިގަނޑު އައްސާފައި ހުންނަނީ ހަމަ އިސްކޮޅަސްވުރެ 4 ފޫޓް މަތީގައިކަމަށް

    13
    1