ހޮލީވުޑަަށް މުޅިން އަލަށް ނެރެން އުޅޭ "ވޮންކާ" ފިލްމުގެ ޓްރެއިލާ ނެރެފިއެވެ.

މަޝްހޫރު ބަތަލު ޓިމޯތޭ ޝަލަމޭ ފެނިގެންދާ މި ފިލްމުގައި ވިލީ ވޮންކާ އޭނާގެ ޒުވާން އުމުރުފުރާގައި ޗޮކްލެޓް ފެކްޓްރީ އުފެއްދުމަށް ކުރި އުނދަގޫ ދަތުރު ދައްކާނެއެވެ. އެގޮތުން، އޭނާއަށް ފެށުނު ކޮޅުގައި ވާދަވެރި ކާޟިޔާބު ޗޮކްލެޓް ފެކްޓްރީތަކުން ދިމާވި ދަތިތަކާއި އެ ހުރިހާ ކަމެއްގެ ޚުލާސާ މި ޓްރެއިލާއިން ފެނިގެންދެއެވެ.

ޖެނެރޭޝަން އެކްސް ނުވަތަ މިލޭނިއަލްސް ކުޑައިރުގައި ހަމަ ގައިމުވެސް ބަލާފައި ވާ އެންމެ މަގްބޫލު އެއް ފިލްމަކީ "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" އެވެ. މަޝްހޫރު ކުޑަކުދިންގެ ފޮތްތައް ލިޔާ ރޯލްޑް ޑާހްލްގެ ޚިޔާލީ ވާހަކަ ފޮތް "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" އަސްލަކަށް ބަލައިގެން ތައްޔާރުކުރި މި ވާހަކައިގެ މައްޗަށް 2 ފިލްމެއް މިހާތަނަށް ނެރެފައިވެއެވެ.

މި ފިލްމުގައި މައިގަނޑު ޝަހްސަކީ ވިލީ ވޮންކާއެވެ. ވިލީ ވޮންކާގެ ރޯލުން މިފަހަރު ހޮލީވުޑަށް ނިކުންނަން އުޅޭ އައު ފިލްމު "ވޮންކާ" ކުޅުމަށް މަޝްހޫރު ޒުވާން ފިލްމީ ތަރި ޓިމޯތޭ ޝަލަމޭ ހަމަޖައްސައިފިއެވެ. ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީގެ ޕްރީކުއެލް ފިލްމު "ވޮންކާ" އަށް ޝަލަމޭ ހަމަޖެހުނީ އޮޑިޝަންއަކާއިވެސް ނުލާއެވެ. ރިޕޯޓްތައް ބުނާގޮތުން މި ރޯލްއަށް އޭނާ ހޮވުނީ ސްކޫލް ދައުރުގައި އޭނާ ހުށަހަޅައިދިން ތަމްސީލެއް ފިލްމުގެ ޕްރޮޑިއުސަރަށް ފެނި، އެ ހުށަހެޅުން ކަމުގޮސްގެނެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަމުން ގެންދަނީ މަޝްހޫރު ފިލްމު ސިލްސިލާ "ހެރީ ޕޮޓާ" ގެ ޕްރޮޑިއުސަރެވެ.