ޑިސްނީގެ "ފްރީކީ ފްރައިޑޭ" އާއި "މީން ގާލްސް" ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ބަތަލާ ލިންޑްސޭ ލޯހާން ފިރިހެން ކުއްޖަކު ވިހައިފިއެވެ.

ލިންޑްސޭ މި ވާހަކަ އިއުލާންކުރީ ހޯމަ ދުވަހުގައިއެވެ. އެހެން ނަމަވެސް، ކުއްޖާ އުފަންވި ތާރީހެއް ހާމަކޮށްފައިނުވެއެވެ. މި ކުއްޖާއަކީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ. ލިންޑްސޭ ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ލޫއާއިއެވެ.

އެ އާއިލާއާއި ގާތް މީހަކާއި ހަވާލާދީ ޔޫއެސް ވީކްލީ އިން ރިޕޯޓްކުރިގޮތުންނަމަ، މި އަހަރު އުމުރުން 36 އަހަރު ފުރެން އުޅޭ ލިންޑްސޭ އިތުރު ދަރިންވެސް ހޯދަން ބޭނުންވެއެވެ.

ދުބާއީއަށް ދިރިއުޅުން ބަދަލުކުރި ލިންޑްސޭއާއި ފިރިމީހާ ބަދްރް ޝައްމާސްއާއި ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ބަދްރު އާއި ލިންޑްސޭ ކައިވެނިކުރީ ތިން އަހަރު ދުވަސް ވަންދެން ލޯބީގެ ގުޅުމެއް ބޭއްވުމަށްފަހު ޢާންމުންނަށް ސިއްރުންނެވެ. ލިންޑްސޭ ކައިވެނިކޮށްގެން އުޅޭ ކަންވެސް އެނގުނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ. އެ ޕޯސްޓުގައި ލިންޑްސޭ ވަނީ ބަދްރުއަށް ނިސްބަތްކޮށް 'ފިރިމީހާ' ކެޕްޝަނަކަށް ޖަހާފައެވެ. ބަދްރްއަކީ އަކީ ކުވައިތު މީހެކެވެ.

ފިލްމީ ދާއިރާއާއި ގިނަ ދުވަސްކޮޅެއް ވަންދެން ދުރަށް ޖެހިލާފައިވާ ލިންޑްސޭއަކީ އެކްޓް ކުރުމާއި ލަވަ ކިޔުމުގެ އިތުރަށް ވިޔަފާރިވެރިއެއްވެސްމެއެވެ. ވަރަށް ކުޑައިރުގައި ފިލްމީ ދާއިރާއަށް ތައާރަފްވުމަށްފަހު ލިންޑްސޭ ބޮޑުވެގެންއައިއިރު މީހުންގެ ފަރާތުން ލިބުނު ސަމާލުކަން އޭނާއަށް އުނދަގުލަކަށް ވިއެވެ.