ކަނޑުމަހުން ކޮވިޑް-19 ޖެހިދާނެ ކަމުގެ ބިރުވެރިކަން ކަނޑުވާލުމުގެ ބޭނުމުގައި ސްރީލަންކާގެ ކުރީގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް ޑިލިޕް ވެއްޑަރައްޗީ މީޑިއާ ކުރިމަތީގައި ރޯ މަހެއް ކާލައިފިއެވެ.

އިދިކޮޅު ލީޑަރު އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، މަސްވެރިންގެ ހައްގުގައި އާއްމުންނަށް ކުރެވޭނެ ކަަމަކީ ކަނޑުމަހުގެ ބާވަތްތައް ގަތުން ކަމަށެވެ.

އަދި ކޮވިޑް-19 އާ ހެދި މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، އެ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނީ އާއްމުން މަސްގަތުން ކަަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެކަމާއި ގުޅޭގޮތުން ސަރުކާރުންނާއި ސިއްހަތާއި ބެހޭ މިނިސްޓްރީންވެސް އާއްމުން މަސް ގަތުމަށް ހިތްވަރު ދޭން ޖެހޭނެ ކަން ފާހަގަކޮށްފައެވެ.

އޭނާ އޭނާ އެ ނޫސްވެރިންގެ ބައްދަލުވުމަށް ގެންދިޔަ މަސް ކާލާފައި ވަނީ މީޑިއާތައް ކުރިމަތީގައެވެ.

ލަންކާގައި މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައްވެސް ދަނީ މައްޗަށެވެ. މިހާތަނަށް އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުތައް ވަނީ 17,674 އަށްވުރެ މައްޗަށް އަރާފައެވެ. އަދި އެ ބަލީގައި 61 މީހަކު ވަނީ މަރުވެފައެވެ.