(އެއްވަނަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

އަސަދުﷲ ޙާމީން – މާފަހި/ ހއ. އިހަވަންދޫ

ދުވަހަކީ އުޑުމަތި ބަނަ ދުވަހެކެވެ. އިރުއިރުކޮޅުން ވާރޭ ކަނި ޖަހާލައެވެ. ޖެހެމުން ދިޔަ ވައިން ގަސްތަކުގެ ފަތްތަކުން އަޑުލައްވާލައެވެ. ވައިގައި ހިފާފައި ހުރީ ތެތް ފިނިކަމެކެވެ. އެ ތެތްފިނި ވައި މޫނުގައި ބީހުމުން ހިތަށް ފުން އަސަރުތަކެއް ކުރުވައެވެ. މީހާގެ ހަށިގަނޑަށް ފިނިކަން ގެނުވައިދެއެވެ. ރޭގައި ވެހުނު ވާރެއިން މުޅި ބިންގަނޑު އޮތީ ތެމިފައެވެ.

ފަރުހާދު ދަބަސް ކޮނޑުގައި އަޅުވާގެން ގެއިން ނުކެމެގެން ދިޔައީ އައު ފެށުމަކުން އޭނާގެ ހަޔާތް އާރާސްތުކުރުމުގެ ފޮނި އުއްމީދުގައެވެ. ބުރަކޮށް މަސައްކަތްކޮށް ރަނގަޅަށް ފައިސާ ލިބުމުން ދިރިއުޅުމެއް ފަށައިގެން އޭނާގެ ހަޔާތް ކުރިއަށް ގެންދިއުމުގެ ނިޔަތުގައެވެ. އަދި އެ ފައިސާއިން މުސްކުޅިވެ ގައިބާރު ދޫވާން ކައިރިވެފައިވާ އޭނާގެ މައިންބަފައިންނަށް ފުރިހަމައަށް ޚަރަދުކުރުމުގެ ބޭނުމުގައެވެ. ވީރާނަވާން ކައިރިވެފައިވާ ގެ ރަނގަޅު ފެންވަރުގައި ދެތިން ބުރިއަށް ހިއްލުމުގެ ހުވަފެން ދެކެމުންނެވެ.

ފަރުހާދު ކުރިޔަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކުން އޭނާގެ މާޒީ އޭނާއަށް އުނދަގޫކުރަމުން ދިޔައެވެ. ސުކޫލް ދުވަސްވަރުގައި ކިޔެވުމުގެ ބަދަލުގައި، ނުކިޔަވާ އުޅެވުނު ގޮތުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުލިބުމުގެ ހިތާމައެވެ. އޭނާޔާއެކު ކިޔަވަން އުޅުނު ކުދިންތައް ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަޤާމްތަކުގައި ތިބުމުން، އޭނާގެ އަމިއްލަ ނަފުސު އޭނާއަށް މަލާމާތްކުރެއެވެ. ކިޔަވާށޭ ކިޔައި މައިންބަފައިން ދިން ނަޞޭހަތާއި، އާދޭސްކުރި ކުރުން އޭނާގެ ކަރުބުޑުގައި ހިތިރަހަ ފަދައިން ހިފާފައި ހުއްޓެވެ.

އެހެންނަމަވެސް މިއަދު ފަރުހާދު ލާންޗަށް އެރީ މާޒީވެ ދިޔަ ކަންކަން ދޫކޮށް އައު ފެށުމަކުން ފަށާށެވެ. އަމިއްލަ އުފަން ރަށް ދޫކޮށް ކައިރީގައި އޮތް ރިޒޯޓަށް ގޮސް މަސައްކަތްކޮށްގެން އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. ފަރުހާދު ލާންޗަށް އެރުމާއެކު ލާންޗް ރިޒޯޓާ ދިމާއަށް ދުއްވައިލިއެވެ. އެޔާއެކު ރިޒޯޓްގެ ކަންކަން ހުރިނެތް ގޮތް ކިޔައި ދިން މައިންބަފައިންގެ ނަޞޭހަތުގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަން ފެށިއެވެ.

ފަރުހާދު ރިޒޯޓްގައި މަސައްކަތް ކުރަން ފެށީ ތަށި ދޮންނަ މީހެއްގެ ވަޒީފާއެވެ. ނިކަން ފަރުވާތެރިކަމާއެކުގައެވެ. ނަމަވެސް ނަމާދު ވަގުތު ވަނުމުން އޭނާ ނަމާދު ކުރެއެވެ. ނަމާދު ކުރަނީ އެކަމަށް ވަގުތު ހުސްކޮށްގެންނެވެ. ވަޒީފާއިން އަވަދިވުމުން ޤުރްއާން ކިޔެވުމުގައި ފަރުހާދު ވަގުތުތައް ހޭދަކުރެއެވެ. ކޮންމެ ދުވަހަކު އޭނާގެ މައިންބަފައިންނަށް ގުޅާގެން ވާހަކަދައްކައެވެ. އެއީ އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅަކީ ފަރުހާދުކަން އޭނާއަށް އެނގޭތީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށްވެސް އުފާވެރިކޮށެވެ. ފަރުހާދަށް ރިޒޯޓްގެ މެނޭޖަރުންގެ ފަރާތުން ގިނަގުނަ ތައުރީފްތައް ލިބެމުންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފަރުހާދުގެ ވަޒީފާއަކަށް ފަހު ވަޒީފާއެއްގައި ކުރިއަރައިގެން ގޮސް އެސިސްޓެން މެނޭޖަރުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުޞަތު އޭނާއަށް ލިބުނެވެ. އެ މަޤާމުގައި އޭނާ ވަރަށް ފުރިހަމައަށް މަސައްކަތްތައް ކުރަމުން ދިޔައީ ރިޒޯޓަށް އެންމެ މަންފާވާނޭ މަގުންނެވެ.

ކުއްލިއަކަށް ތަށިތަކެއް ތަޅައިގެން ދިޔަ އަޑަށް ފަރުހާދު ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަސް އަވަހަށް ބަދިގެ ތެރެއަށް ވަދެގެން ދިޔައެވެ. ހަރު ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭނާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އެތަކެއް ބަޔަކު ރެސްޓޯރެންޓްގައި ކާން ތިއްބައި އެގޮތަށް އަޑުފައްގަނޑެއް އިވުމުން އޭނާގެ ރުޅި މަތަނުކުރެވުނީއެވެ.

"މަޢަފްކުރައްވާ!" އެ ތަށިތައް ނެގުމުގައި އިށީދެ އިން އައު މުވައްޒަފު ފަރުހާދާ ވާހަކަދެއްކީ ވަރަށް އަދަބުވެރިކަމާއެކުގައެވެ.

"އަހަންނަށް ކަލޭއަށް ދެވޭނީ ކޮން މަޢަފެއް! ތިއީ އަހަރެންގެ އަމިއްލަ މުދަލެއް ނޫން! ކަލޭގެ އަންމަ ބައްޕަ މުދަލެއް ނޫން!" ފަރުހާދު ވާހަކަދެއްކީ ދެ ބުމަ ގޮށް ޖަހައިގެން ހުރެއެވެ.

"އަޅުގަނޑު ޤަސްދުގައި ކުރިކަމެއް ނޫން ސަރ!" އެ ޒުވާން ކުއްޖާ އަތްމަތި އަވަސްކޮށް ތަޅައިގެން ގޮސް ބުރަބުރާއިގެން ގޮސްފައިހުރި މުށިތައް ނަގަމުން ދިޔައެވެ.

"ތިއީ ހާދަ ބައިވަރު ތައްޓެކޭ! އެނގޭތަ ތި ތަށިތަކުގެ އަގު؟" ފަރުހާދު މޭ މައްޗަށް ހަށަން ބަދެލިއެވެ. "އެންމެ ކުޑަމިނުން އަހަރެން އައީމަ ކަލެޔަށް ކޮޅަށް ތެދުވަންވެސް ނޭނގުނުދޯ؟"

"ސޮރީ! ސަރ!" އެ ކުއްޖާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ.

"ދެން ކޮންމެހެން ކޮޅަށް ތެދުވާނިކަމެއް ނެތް! ތި ތަށިތައް ނަގައި މުޅި ތަން ސާފުކުރޭ!" ފަރުހާދު ހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރިއިރު އޭނާގެ ފަހަތުގައި އެހެން މުވައްޒަފުން ވާނުވާ ބަލަން ތިއްބެވެ.

"އާދެ!" އެ ކުއްޖާ އަވަސް އަވަހަށް ތަށިތައް ނަގަން އިށީނެވެ.

"ތި ހުރިހާ ތައްޓެއް ނަގައި މުޅި ތަން ސާފުކުރުމަށްފަހު، ރަށަށް ދާން ތައްޔާރުވެގެން ހުރޭ!" ފަރުހާދު އެނބުރި އޭނާ އައި ދިމާއަށް ހިނގައިގަތެވެ. "ތިއީ މިހާރު މި ރިޒޯޓް މުވައްޒަފެއް ނޫން! ކަލޭ ތި ހުރީ ވަޒީފާއިން ވަކިކޮށްފަ!"

ފަރުހާދުގެ ޖުމުލަތަކުން ތަށި ދޮވުމުގެ މަސައްކަތް އިޚްލާސްތެރިކަމާއެކު ކުރަމުން އައި ޒުވާނާއަށް ރޮވުނެވެ. ވީ ދެރައިންނާ ހިތަށް ވީ ތަދަކުން އޭނާ އެ ހުރި ތަނަށް އެނބުރިގެން ވެއްޓުނެވެ. އެޔާއެކު ބަދިގެ ތެރޭގައި މަސައްކަތް ކުރަން ތިބި މުވައްޒަފުން އޭނާ ހޭހަން ކުރެވޭތޯ މަސައްކަތް ފެށިއެވެ. އޭރު ފަރުހާދު ފަސް އެނބުރި ބަލައިވެސް ނުލައި ބަދިގެއިން ނުކުމެގެން ދިޔައީ ބޮޑާވެރިކަމާއެކުގައެވެ.

"އެއީ ކުރިން މިތަނުގައި ތަށި ދޮންނަން އުޅުނު ފަރުހާދެއް ނޫން!" އެތަނުން އެއް މުވައްޒަފަކު ހިތާހިތުން ބުނެލިއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ކިހާދުވަހެށް ނަގާނެ މީގެ ދެވަނަބައި އަންނަން؟

    • މަ

      ??

      ?

    • Anonymous

      ??

    • ކުރިސްމަސް

      ވަގުތުން އެބަ ގެނެސްދޭ ހުރިހާ ވާހަކައެއްގެ ބައިތައް ހަމަ ޖެހިޖެހިގެން. ވަރަށް ސަޅި. ވެލް ޑަން!

  2. ޕޮޕޮ

    ????

  3. ޕޮޕޮ
  4. Anonymous

    ÷ކޮބަަ މިިގެ ދެވަނަ ބައި

    2
    1