ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ޖޯން އަބްރަހަމް އޭނާ ފުރަތަމަ ލޯބީގެ ނަޒަރަކުން ދެކިފައިވަނީ ކާކާއި ކަން ހާމަކޮށްފިއެވެ.

އެގޮތުން އޭނާ އެންމެ ފަހުން ކުޅުނު ފިލްމު ޕަރްމާން ރިލީޒްކުރުމަށް އިއްޔަ ބޭއްވި ރަސްމިއްޔާތުގައ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޖޯން އަބްރަހަމް ވަނީ އޭނާގެ ފުރަތަމަ ލޯބިވެރިޔާގެ ވަނަވަރު ހާމަކޮށްފައެެވެ.

އެގޮތުން ޖޯން އަބްރަހަމްއަށް ލޯބީގެ ނަޒަރަކުން އެންމެ ފުރަތަމަ ދެކެވުނީ އޭނާގެ ސުކޫލު ދައުރުގެ ޓީޗަރެއް ކަމަށްވާ އަނާންޑް އާއި ކަމަށް ޖޯން ބުނެފައިވެއެވެ. އަނާންޑަކީ ޖޯން އަބްރަހަމްއަށް ހިސާބު ކިޔަވައިދޭ ޓީޗަރެވެ.

" އަހަންނަށް އެންމެ ފުރަތަމަ ލޯބީގެ ނަޒަރަކުން ދެކެވުނީ ސުކޫލު ދައުރުގައި ހިސާބު ކިޔަވާދިން މިސް އަނާންޑްއާއި. އަހަންނަށް ވަރަށް ކަމުދޭ މިސްގެ ކިޔަވައިދިނުން. އަދި މިސް އަކީ ސިފަ ރީތި އަދި އެހާމެ ވިސްނުން ތޫނު މީހެއް." ޖޯން ބުނެފައިވެއެވެ.

އަދި ހިސާބު ޓީޗަރު އަނާންޑް ދެކެ ލޯބިވާކަން އޭނާގެ ބައްޕަ ކައިރީގައި އަބަދުވެސް ދައްކާ ކަމަށާއި ނަމަވެސް ބައްޕަ އެކަން ނެގީ ޖޯކަކަށް ކަމުގައި ޖޯން އަބްރަހަމް ބުނެފައިވެއެވެ.

އުމުރުން 46 އަހަރުގެ ޖޯން އަބްރަހަމް މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުން ގެންދާ މަސައްކަތަކީ މިއަހަރުގެ އޮގަސްޓު މަހުގައި ރިލީޒް ކުރާ ފިލްމު " ސަޓަޔަމެވް ޖަޔާޓޭ" ގެ މަސައްކަތެވެ.