ޕާސްޕޯޓު އޮފީހުން ޕާސްޕޯޓު ދެވެން ނެތްކަމަށް އެންގުމުން، އެކަމާ އައި ރުޅީގައި ޕާސްޕޯޓު އޮފީސް ގޮއްވާލާނެކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މިކަން ހިނގާފައިވާއިރު، ރުޝްކަރު އަޙުމަދު ނަމަކަށް ކިޔާ މި މީހާވަނީ ތިން ފަހަރެއްގެ މަތިން ޕާސްޕޯޓު އޮފީހަށް ގުޅާ، އެތަނުގައި ބޮމެއް އޮތްކަމަށް ބުނެ އަދި އެތަން ގޮއްވާލާނެކަމުގެ އިންޒާރު ދީފައެވެ.

އެޤައުމުގެ ނޫސް ރިޕޯޓުތައް ބުނާގޮތުގައި ޕާސްޕޯޓު އޮފީހުން، އަޙުމަދަށް ޕާސްޕޯޓެއް ދިނުމަށް ދެކޮޅު ހަދާފައިވަނީ މިހާރުވެސް އޭނާގެ އަތުގައި މުއްދަތު ހަމަ ނުވާ ޕާސްޕޯޓެއް އޮތުމުންނެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާގެ އަސްލު ޕާސްޕޯޓު އޮތީ މައްސަލައެއްގެ ސަބަބުން އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓާފައެވެ. އަދި، ފަހުން އަޙުމަދު ޕާސްޕޯޓު ހެދުމަށް ހުށަހެޅީވެސް، އޭނާގެ ބައެއް ޒާތީ މައުލޫމާތު ބަދަލުކޮށްގެންނެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ބޮމުގެ އިންޒާރު ދޭން ގުޅި މީހަކީ، އަޙުމަދުކަން ފުލުހުން ހޯދާފައިވަނީ ނަމްބަރު ޓްރޭސް ކޮށްގެންނެވެ. އެގޮތުން، އިންޒާރު ދިނުމަށް އެންމެ ފުރަތަމަ އޭނާ ބޭނުންކުރީނ އެހެން މީހެއްގެ ސިމް ކާޑުކަންވެސް ވަނީ އެނގިފައެވެ.

މި މައްސަލައާ ގުޅިގެން އަޙުމަދު މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު

    ތުއްތު ތުއްތު މަޢްޞޫމް ކުދިންކޮޅެއްގެ ބޮލުގައި ރިޝްވަތުހިފި ކަމުގެ ތުހުމަތު އަޅުވަން ކަލޭ ތިޔައީ ކާކު.

  2. ޕޮޕޮ

    ???????