އެމެރިކާގެ ކެލިފޯނިއާ އަށް ނިސްބަތްވާ އުމުރުން އެންމެ 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށްވާ ޖޮނަތަން އަކީ ވެސް އޭނާގެ މުސްތަގުބަލަށްޓަކައި ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުން އައި ޒުވާނެކެވެ. ނަމަވެސް އެއުއްމީދުތަކަށް ކުރިމަތިވި ހުރަހަކީ ކެންސަރު ބައްޔެވެ. ކެންސަރު ބަލީގައި ދެން ރަނގަޅު ނުވާނެކަން ކަށަވަރުވެ "ކަރު ކައިރިވުމުން" ޖޮނަތަން ބޭނުންވީ ކައިވެނި ކުރާށެވެ.

އެހެންކަމުން އޭނާގެ ލޯބިވެރިޔާ އުމުރުން 19 އަހަރުގެ ކްރިސްޓީނާ އާއި ކައިވެނިކޮށް ކައިވެންޏެއް ކުރުމުގެ އުއްމީދު ވަނީ ހާސިލް ކޮށްފައެވެ. ނަމަވެސް ކުރިން ވެސް ލަފާކުރެވުނު ގޮތައް މާގިނަ ދުވަހު ދެމަރިފިރިންނަށް އެކުގައި އުޅެވޭ ގޮތެއް ނުވިއެވެ. ކައިވެނި ކުރިތާ ދެހަފްތާ ފަހުން ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ޖޮނަތަން ވަނީ މަރުވެފައެވެ.

ޖޮނަތަން އަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ 2017 ވަނަ އަހަރުއެވެ. އެއީ އޭނާގެ 17 ވަނަ އުފަންދުވަސް ފާހަގަކުރިތާ ހަފްތާއެއް ފަހުންނެވެ. ޖޮނަތަންއަށް ޖެހުނީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރެއް ކަމަށްވާ ރަންޑޫމޯސާކޯމާ (އާރްއެމްއެސް) އެވެ.

އޭރުވެސް ކްރިސްޓީނާ އާއި ޖޮނަތަންގެ މެދުގައި ވަނީ ލޯބި އުފެދިފައެވެ. ކެންސަރުގެ ސަބަބުން ޖޮނަތަންގެ ފައިންނާއި އެއްއަތުން ވާގިނެތި އޭނާ އެނދުމަތިވިއެވެ. ނަމަވެސް ޖޮނަތަން ދޫކޮށްލަން ކްރިސްޓީނާ ބޭނުމެއް ނުވިއެވެ. ޖޮނަތަން ބޭނުންވި ކޮންމެ ވަގުތަކު އޭނާ އަށް އެހީވުމުގައި ކްރިސްޓީނާ ހުއްޓެވެ.

ޖޮނަތަން އާއި ކްރިސްޓީނާގެ ކައިވެނި ޕާޓީގައި ދެފަރާތު އާއިލާ މެންބަރުންނާއި ބައެއް ރަހުމަތްތެރިން ބައިވެރިވިއެވެ. ކިތައްމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ލިބުނު އުފަލުގައި އެމީހުން ބައިވެރިވިއެވެ.

މިހާރު ޖޮނަތަން އާއި ކްރިސްޓީނާގެ ކައިވެނި ފޮޓޯތަކަށް އިންޓަނެޓްގައި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު