ފިލުމު ''ހީރޯޕަންތީ''އިން ބޮލީވުޑަށް ތަޢާރަފްވި ކްރިތީ ސަނޯންގެ ކުރިއަށް ފިލުމުގެ ޝޫޓިންގައި ޗަންދިގަރުގައި އުޅެނިކޮށް ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.

ރާޖުކުމާރު ރާއޯއާއިއެކު ކްރިތީ ފެނިގެންދާނެ މި ފިލުމުގެ ޝޫޓިން މެދު ކަނޑާލުމަށްފަހު ކްރިތީ މިހާރުވަނީ އެނބުރި މުމްބާއީއަށް ގޮސްފައި ކަމަށް ފިލުމުގެ ޓީމާއި ގުޅުން ހުރި ފަރާތަކުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ ކުރިން ކްރިތީ ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓްގައި ފޮޓޯއެއް ހިއްސާކޮށް ޝޫޓިން މެދު ކަނޑާލުމަށްފަހު އެނބުރި މުމްބާއީއަށް ދާ ވަހަކަ ބުނެފައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެފައެއް ނުވެއެވެ.

މި މަހުގެ ކުރީކޮޅުގައި ފިލުމު ''ޖުގް ޖުގް ޖިއޯ''ގެ ޓީމު ޗަންދިގަރުގައި ޝޫޓިންގައި އުޅެނިކޮށް ފިލުމުގެ ލީޑު އެކްޓަރުން ކަމަށްވާ ވަރުން ދަވަންއާއި، ނީތޫ ކަޕުރާއި، މަނީޝް ޕައޯލްއާއި އަދި ޑައިރެކްޓަރ ރާޖު މެހެތާ ވެސް ކޮވިޑް-19އަށް ފައްސިވެފައެވެ.

ކްރިތީ ވެސް ކޮވިޑް-19 ފައްސިވެފައިވަނީ ޗަންދިގަރުގައި ޝޫޓިންގައި އުޅެނިކޮށެވެ. އެހެންކަމުން ޗަންދިގަރަކީ ކޮވިޑް-19ގެ މައި މަރުކަޒެއް ކަމަށް ވެސް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު އެކްޓިންގެ ދާއިރާއަށް ވަދެފައިވަނީ ތަމަޅަ ފިލުމަކުން ނަމަވެސް އޭނާގެ ފުރަތަމަ ބޮލީވުޑު ފިލުމަކީ ''ހީރޯޕަންތީ''އެވެ.

އެއަށްފަހު ކްރިތީ ވަނީ ކާމިޔާބު އެތައް ފިލުމެއްގައި މަސައްކަތް ކޮށްފައެވެ. ޝާހުރުކް ޚާނާއި ކާޖޮލް އަދި ވަރުން ދަވަންއާއި އެކު ފެނިގެން ދިޔަ ''ދިލްވާލޭ''އަކީ ކްރިތީގެ ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ.

އޭގެ އިތުރުން ''ހައުސްފުލް 4''، ''ރާބަތާ''، ''ލުއްކާ ޗުޕީ'' ފަދަ ފިލުމުތަކުގައި އޭނާގެ އެކްޓިންގެ މޮޅު ހުނަރު ދައްކުވައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު