ކޮންމެ މީހަކީ ވެސް ވަރަށް ބޮޑު, ކުލަގަދަ ކައިވެނި ޕާޓީއެއް ބާއްވަން ބޭނުންވާނެ މީހަކަށް ވެދާނެއެވެ. ނަމަވެސް ފުދުންތެރިކަމަށް ބަލާއިރު އެންމެންނަކީ އެހައި ބޮޑު ކައިވެނި ޕާޓީއެއް ބޭއްވޭ ފެންވަރުގެ މީހުންކަމަށް ނުވެއެވެ. އެހެންކަމުން ގިނަ މީހުން އިސްކަން ދެނީ އެމީހެއްގެ ފެންވަރުން އެންމެ ރަނގަޅު ކައިވެނި ޕާޓީއެއް ބާއްވާށެވެ.

ނެތް ފެންވަރު މީހުންނަށް ދައްކައިގެން އުޅޭ މީހުން ވެސް މުޖުތަމަޢުން ފެނެއެވެ. މިއީ ވެސް އެފަދަ މީހެކެވެ. އޮންލައިން ފޯރަމެއް ކަމަށްވަ "މަމްސެޓް" ގައި ކާކުކަން ނޭނގޭ ގޮތައް ކޮށްފައިވާ ޕޯސްޓެއްގައި މީހަކު ބުނެފައި ވަނީ އޭނާގެ ރަހުމަތްތެެރިއެއްގެ ކައިވެނި ޕާޓީގައި ބްރައިޑްމެއިޑެއްގެ ގޮތުގައި ބައިވެރިވުމުގެ ދައުވަތު އޭނާ އަށް ލިބުނު ކަމަށެވެ.

ކައިވެނި ކުރާ އަންހެން މީހާ ބުނި ގޮތުގައި ކައިވެނި ޕާޓީގައި ބްރައިޑްމެއިޑުންގެ ގޮތުގައި 18 މީހުން ތިބޭނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށްވީ 18 މީހުން ވެސް ކައިވެނި ކުރާ އަންހެން މީހާ ބޭނުންވާ ވައްތަރެއްގެ ހެދުން އަމިއްލަ އަށް ފަހަން ޖެހުމުންނެވެ.

އަމިއްލަ އަށް ހެދުން ފަހާ، މޭކަޕް ވެސް އަމިއްލަ އަށް ކޮށްގެން ކައިވެނި ޕާޓީ އަށް އައުމަށް އަންހެން މީހާ އެންގިއެވެ.

އަދި އޭގެ އިތުރުން ކައިވެނި ޕާޓީގައި ބޮޑު ކޭކެއް އެޅުމަށް ހުރިހާ ބްރައިޑްސްމެއިޑުން ފައިސާ ދިނުމަށް ވެސް އޭނާ އެންގިއެވެ. އަންހެން މީހާގެ މިއެންގުންތައް ކަމުނުގޮސްގެން ގިނަ މީހުން ވަނީ އެމީހުން ކައިވެނި ޕާޓީގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ.

ފޯރަމްގައި ޚިޔާލުފާޅުކުރި މީހާ ބުނީ ކައިވެނި ޕާޓީއަށް ވެސް ރަހުމަތްތެރިން ޚަރަދު ކުރުމަށް އަންހެން މީހާ އެންގިއެވެ.

"އޭނާ ރަހުމަތްތެރިންގެ އެހީތެރިކަމަށް އެދުނީއެއް ނޫން. ރަހުމަތްތެރިންނަށް އަމުރެއް ކުރީ." ޚިޔާލުފާޅުކުރި މީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު