ކާޖަލް އާއި އަޖޭ އަކީ މުޅި ބޮލީވުޑްގައި ވެސް އެންމެ ތަފާތު އެއް ޖޯޑަށް ވާނެއެވެ. ޖާޖަލް އަކީ ވަރަށް އަނގަ ގަދަ، ސަކަ މިޒާޖެއްގެ މީހެެކެވެ. އެއްޗެއް ބުނުމުގެ ކުރިން އެ ބުނަނީ ކީކޭކަން ވެސް ގިނަ ފަހަރު ވިސްނާ ނުލައެވެ. އެހާމެ ސަކަރާތް ބޮޑެވެ. ބާރަށް ހުނުމާއި، މީހުން ހެއްވުމުގައި އެވަރެއް ނޯންނާނެއެވެ. އެކުގައި މަސައްކަތް ކުރި ގިނަ މީހުންވެސް ކާޖަލް ސިފަ ކުރަނީ ބޮލަށް އުދަނގޫ ވާވަރަށް އަގަތަޅާ މީހެއްގެ ގޮތުގައެވެ.

އެއާއި ޚިލާފަށް އަޖޭއަކީ ވަރަށް ސާދާ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. އިންޓަރވިއުތަކުގައި ވެސް އަޖޭ ފާހަގަކުރެވެނީ ބަސް މަދު މީހެއްގެ ގޮތުގައެވެ. އޭނާ ފާހަގަކުރެވެނީ ވަރަށް މަދުން ނޫނީ ކޮންމެހެން ފިލްމްތައް ޕްރޮމޯޓްކުރަން ދާން ޖެހުުމުން ނޫނީ އިންޓަރވިއު އަށް ވެސް ނުދާ މީހެއްގެ ގޮތުގައެވެ.

އެހެންކަމުން މިހާ ތަފާތު ދެ މީހުން އެކުގައި އުޅޭ އިރު އެންމެ ގަޔާވާ ކަަމަކީ ކޮބާތޯ ސުވާލު އުފެދޭނެއެވެ. އެމްޓީވީ ބޮލީވުޑް ބާއި އިން އަޖޭ އާއި ކުރި ސުވާލެއްގެ ޖަވާބުގައި އަޖޭ ބުނީ ކާޖަލް އަނގަ ގަދަވުން ފިޔަވާ އޭނާގެ ހުރިހާ ކަމެއް ކަމުދާ ކަމަށެވެ. ޚާއްސަކޮށް ކާޖަލް އަކީ ބޭކާރު ޚަރަދު ކުރާ މީހަކަށް ނުވުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުނެއެވެ.

" ގޭތެރޭގައި ހުންނަ އިރު އަންނާނެ އިރު އިރުކޮޅާ ބޭބީ ބޭބީއޭ ކިޔަމުން. އައިސް ބުނާނެ ބޭބީ ބަލާބަލާށޭ މިއީ ކިހާރީތި ކުރުތާއެއްހޭ. ހަމައެންމެ ހަހާސް ރުޕީސް އަށޭ. ނޫޅޭނެ ޝޮޕިން އަށް އާއްމުކޮށް އަންހެން ވެރިން ދާހެން ދާކަށް. އަދި އޭނާ ޤަބޫލު ކުރާ މީހުންގެ ތެރެއަށް އާއްމުކޮށް ނުކުމެ އުޅުމަކީ އުނދަނގޫ ކަމެއްކަން ވެސް." އަޖޭ ބުންޏެވެ.

ކާޖަލް އަކީ ޚަރަދު ބޮޑު ދެއްކުންތެރި މީހެއް ނޫންކަން ކައިވެނި ކުރި ދުވަހު އެނުނު ކަމަށް ވެސް އަޖޭ ބުނެއެވެ.

" އަހަރެން ބޭނުމެއް ނުވި އަހަރެން ކައިވެނި ކުރި ވާހަކަ މާބޮޑަށް ދައްކާކަށް. އެހެންވީމަ މީޑީއާ މީހުންނަށް ނުބައި އެޑްރެހެއް ދިނީ ދެމީހުން ވެގެން ދިީފަ ކައިވެނި ކުރީ އަަަހަރެންގެ ގޭގެ ޓެރަހުގައި. ގޭތެރޭގައި ތިބެފައި މައްޗަށް އަރާ ކައިވެނިކޮށްގެން ގެއަށް ފޭބީ. މާބޮޑު ސަކަރާތެއް ނުޖަހާ. އެ ދުވަހު އަހަންނަށް އެނގުުނު މި އިނދެވުނީ ޚަރަދު ކުޑަ މީހަކާއި ކަން." އަޖޭ ބުންޏެވެ.

އަޖޭ ވަނީ އޭނާ އަށް ކާޖަލް އާއި އިނދެވުމަކީ ނިންމުނު ރަނގަޅު ނިންމުމެއް ކަމަށް ވެސް ބުނެފައެވެ.