މެލްބަންގައި ކުޑަތިން ކުދިންގެ ކުއްލި މަރާއި ގުޅިގެން ފުލުހުން ކުރާ ތަޙްޤީޤުގައި އެންމެ ބޮޑު ތުހުމަތުތަކެއް ކުރެވެނީ ތިން ކުދިންގެ މަންމަ އަށް ކަމަށް ފުލުހުން ބުނެފިއެވެ.

ވިކްޓޯރިއާގެ ފުލުހުން ބުނީ ކެޓީ ނަމަކަށް ކިޔާ އަންހެން މީހާ އޭނާގެ ހަތް އަހަރުގެ ދަރިފުޅު ކްލެރީ އާއި ފަސް އަހަރުގެ ދަރިފުޅު އެނާ އަދި ތިން އަހަރުގެ ދަރިފުޅު މެތިއު މަރާލި ކަމަށް މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބިނާކޮށް ގަބޫލު ކުރެވެއެވެ. 42 އަހަރުގެ ކެޓީ ވަނީ ތިން ކުދިން މަރާލުމަށް ފަހު އަމިއްލަ އަށް މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

ތިން ކުދިންނާއި ކެޓީގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނުނީ އެމީހުން ދިރިއުޅޭ ގެއިންނެވެ. މިމައްސަލައިގައި ފުލުހުން ކެޓީގެ ފިރިމީހާ އަދި ތިން ކުދިންގެ ބައްޕަ ހައްޔަރު ކުރިއެވެ. ނަމަވެސް މިހާރު ވަނީ އޭނާ ދޫކޮށްލާފައެވެ.

"ތަޙްޤީޤު ކުރާ ފަރާތްތަކަށް ގަބޫލެއް ނުކުރެވޭ މިމައްސަލައިގައި ހައްޔަރު ކުރެވުނު 48 އަހަރުގެ މީހާ އާއި މިމައްސަލައާ އެއްވެސް ގުޅުމެއް ވާކަމަކަށް. އެހެންކަމުން އެއްވެސް ދައުވާއެއް ކުރުމެއް ނެތި މިހާރު އޭނާ ވަނީ ދޫކޮށްލާފައި." ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

އަވައްޓެރިން ބުނާ ގޮތުގައި ކެޓީ އަކީ އޭނާގެ ދަރިންނާއިއެކު ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އައި އަންހެނެކެވެ. އޭނާ އަވައްޓެރިންގެ ގެތަކަށް އާއްމުކޮށް ޒިޔާރަތްކޮށް ވަރަށް އެކުވެރިކަމާއިއެކު އުޅެމުން އައިކަމަށް އަވައްޓެރިން ބުނެއެވެ. އެހެންކަމުން ކުއްލި މަރުތަކާއި ގުޅިގެން އަވައްޓެރިންނަށް ވެސް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ.

މިހާދިސާ އާއި ގުޅިގެން ކެޓީގެ އާއިލާގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު