ބޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ޕްރޮޑިއުސަރު، ކަރަން ޖޯހަރުގެ ފިލްމަކުން އަނެއްކާވެސް ވަރުން ދަވަން އަށް ފުރުޞަތު ދީ، ފިލްމު އިޢުލާންކޮށްފިއެވެ.

2020 ވަނަ އަހަރުގެ ދިވާލީގައި ބެލުންތެރިންނާ ހަމައަށް ގެނައުމަށް ހަމަޖެހިފައިވާ މި ފިލްމު އިޢުލާންކޮށް، ފިލްމުގެ ނަންވެސް މިއަދު ހެނދުނުވަނީ އާއްމުކޮށްފައެވެ. ފިލްމަށް ދީފައި ވަނީ "ރަންބޫމީ" ގެ ނަމެވެ.

ޓްވިޓަރ މެދުވެރިކޮށް މި ފިލްމި އިޢުލާންކުރުމަށްފަހު ކަރަން ޖޯހަރު ބުނެފައި ވަނީ، ރަންބޫމީގައި ވަރުން ދަވަން ފެނިގެންދާކަމާއި، ފިލްމު ޝާޝަން ޚައިތަން ޑައިރެކްޓް ކުރާކަން އަންގަން ވަރަށް އުފާވާކަމަށެވެ. އަދި، މިއީ ތިން މީހުން އެކުގައި ކުރިއަށް ގެންދާ ތިންވަނަ މަސައްކަތްކަމަށްވެސް ބުނެފައިވާއިރު، ފިލްމުގެ އެހެން ތަރިން ވަރަށް އަވަހަށް އިޢުލާންކުރާނެކަމަށްވެސް ޕްރޮޑިއުސަރު ބުނެފައިވެއެވެ.

ވަރުން ދަވަން ބޮލީވުޑަށް ތަޢާރަފްވެފައިވަނީ ކަރަންގެ "ސްޓޫޑަންޓް އޮފް ދަ އިޔަރ" އިންނެވެ. ވަރުން ދަވަން ފެނިގެންދާ "ހަމްޓީ ޝަރުމާ ކީ ދުލަނިޔާ" އާއި "ބަދްރިނާތް ކީ ދުލަނިޔާ" ޑައިރެކްޓްކޮށްފައިވަނީ ޝާޝަން އެވެ.