އިންޑިއާ އަށް ކުރިމަތިވަމުންދާ ފެނުގެ މައްސަލަތައް ހައްލު ކުރުމަށާއި ފެން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި ކެމްޕެއިނެއްގައި އަކްޝޭ ކުމާރު ބައިވެރިވެއްޖެއެވެ.

ތަރައްގީ ނުވާ އަވަށްތަކުގައި ފެން ގެނައުމަށް އެތައް މޭލެއް ދުރަށް ވެސް ބައެއް އަންހެނުން ހިނގާ ކަމަށާއި އެކަމަށް އެމީހުންނަށް އެއްބާރުލުން ދިނުމަށާއި އެމީހުން އެ ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ހޭލުންތެރި ކުރުވުމަށް އަކްޝޭ ވަނީ ޓްރެޑްމިލްއެއްގައި 21 ކިލޯ މީޓަރަށްވުރެ ގިނައިން ހިނގައިފައެވެ. މިއީ އަވަށްތަކުގައި އަންހެންވެރިން ސާފު ބޯފެން ހޯދުމަށް ހިނގާ ހިނގުމުގެ ދެބައިކުޅަ އެއްބައި ހިނގުމެވެ.

އަކްޝޭ ކުމާރު ބުނެފައިވަނީ ފެން ބަލައިދާ އަންހެންވެރިން އެ ކުރާ ބުރަ މަސައްކަތާއި ދިމާވާ ދަތިތައް ދެނެގަންނަން ވާނެ ކަމަށެވެ.

މި ކެމްޕެއިނުގައި ބައިވެރިވި ސަބަބު އަކްޝޭގެ އިންސްޓަގުރާމު އެކައުންޓުގައި ވީޑިއޯއެއް ހިއްސާކޮށް ބުނެފައިވަނީ ފެނުގެ މި މިޝަންގައި އޭނާ ބައިވެރިވެފައިވަނީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށާއި މިއަދު ވެސް އޭނާގެ މަސައްކަތްތައް ކުރަމުން މިދަނީ ފެނުގެ ސަބަބުން ކަމަށެވެ. ފެނަށްވުރެ ހަށިގަނޑަށް ރަނގަޅު އެހެން އެއްވެސް އެއްޗެއް ނެތް ކަމަށާއި އޭނާ އަކީ މި ކަމުގެ ދިރިހުރި މިސާލެއް ކަމަށް އޭނާ ބުންޏެވެ.

''ކިލާޅިއޯކާ ކިލާޅީ'' ފިލުމަށްފަހު އަކްޝޭއަށް ދިމާވި ސިއްހީ މައްސަލަތައް އެތައް ޑޮކްޓަރުންނަކަށް ދައްކައިގެން ވެސް ރަނގަޅުނުވުމުން ޑޮކްޓަރުން ލަފާދީފައިވަނީ ފެނުގައި ތަފާތު ކަސްރަތުތައް ކުރުމަށް ކަމަށް ވެސް އަކްޝޭ ބުނެފައިވެއެވެ. އަދި އޭނާ މުޅިން ފިޓް މީހަކަށް ވީ އޭގެ ފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.