މުޅި ދުނިޔެއަށް އެކި ގޮތްގޮތުން މަޝްހޫރު ކާޑޭޝިއަން އާއިލާގެ އެކި ކަންކަން ގެނެސްދޭ ރިއަލިޓީ ޝޯވ ''ކީޕިން އަޕް ވިތް ކާޑޭޝިއަންސް'' ނިންމާލަން ތައްޔާރުވެއްޖެއެވެ.

2007 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ސޯވ ނިންމާލާކަން އެ ޝޯވ އިން މަޝްހޫރުކަން ހޯދި ކިމް ކާޑޭޝިއަން ވަނީ ހާމަކޮށްފައެވެ. މިހާތަނަށް އެ ކީޕިން އަޕް ވިތް ކާޑޭޝިއަންސްގެ 20 ސީޒަނެއް ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ކިމް އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ މި ޝޯވ ނިންމާލާތީ އޭނާ ހިތާމަ ފާޅުކޮށް ރޯ މަންޒަރެވެ. އުމުރުން 40 އަހަރުގެ ކިމް އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓު މިހާރު އަންނަނީ ވަރިވުމަށް ތައްޔާރުވަމުންނެވެ. ކީޕިން އަޕް ވިތް ކާޑޭޝިއަންސްގެ އެންމެ ފަހު އެޕިސޯޑްގެ ތެރެއިން މިކަމާއި ގުޅުންހުރި ހުރިހާ ''ޑްރާމާ'' އެއްވެސް ފެނިގެން ދާނެ އެވެ.

މި އެޕިސޯޑް ބެލުންތެރިންނާއި ހަމައަށް ގެނައުމަށް ނިންމާފައި ވަނީ އަންނަ މާޗް މަަހުގެ 18 ވަނަ ދުވަހުއެވެ.

ކިމް އާންމުކުރި ވީޑިއޯ އިން އެ ޝޯވ ނެގުމަށް ހަރަކާތްތެރިވަމުން އަންނަ ކްރޫއަށް އޭނާ ޝުކުރު އަދާކުރެއެވެ.

''ތީގެ ތެރެއިން ކޮންމެ މީހަކީވެސް އަހަރެންނަށް ވަރަށް މުހިންމު މީހެއް. އަހަރެން ތިއިން ކޮންމެ މީހަކަށްވެސް ޝުކުރު ދަންނަވަން'' ކްރޫ އާއި މުހާތަބުކޮށް ކިމް ވަނީ ބުނެފައެވެ.