ޕްރިންސަސް ޑަޔާނާ އެކި މުނާބަސަތުތަކުގައި އެޅުއްވި އެމެތިސްޓު އަދި އަލިމަހުގެ ފަށް، "އަތައްލާ ކްރޮސް"، އެމެރިކާގެ ރިއަލިޓީ ޓީވީގެ ތަރި ކިމް ކާޑޭޝިއަން ގަނެފިއެވެ.

މި ފަށް ވިއްކާލާފައި ވަނީ ލަންޑަންގައި އޮތް ޝާހީ ތަކެތީގެ ނީލަމެއްގައެވެ. 1920 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ ގަހަނާ ހަދާ މީހަކު ތައްޔާރުކޮށްފައިވާ މި ފަށް، ނީލަމުގައި ވިއްކާލާފައިވަނީ 202،300 އެމެރިކާ ޑޮލަރަށް ކަމަށް ނީލަން އިންތިޒާމުކުރި ސޮތެބީސް އިން ބުނެފައިވެއެވެ.

1987 ވަނަ އަހަރު އޮތް ޗެރިޓީ ގާލާ އެއްގައި ޑަޔާނާ ބޭނުންކުރެއްވި މި ފަށް ވިއްކާލާފައިވަނީ ނީލަމުގެ ކުރިން ލަފާކުރެވުނު އަގަށްވުރެ ދެ ގުނަ ބޮޑު އަގަކަށް ކަމަށް ސޮތެބީޒް އިން ބުނެފައިވެއެވެ. އަދި މި ފަށް ގަނެފައިވަނީ ކިމްގެ ފަރާތުން އޭނާ ތަމްސީލުކުރި ފަރާތަކުން ކަމަށްވެސް ސޮތެބީޒް އިން ވަނީ ޔަގީން ކޮށްދީފައެވެ.

ސޮތެބީސް ގެ ފަރާތުން ކްރިސްޓިއަން ސްޕޮފޯތް، ނީލަމުގެ ކުރިން ބުނެފައިވަނީ، ޕްރިންސެސް ޑަޔާނާގެ އަމިއްލަ، އަދި ޑަޔާނާ ބޭނުންކުރެއްވި ގަހަނާތައް ބާޒާރައް އަންނަނީ ވަރަށް މަދުން ކަމަށެވެ. އަދި ހާއްސަކޮށް އަތައްލާ ކްރޮސްފަދަ އެހާ ކުލަގަދަ، ތަފާތު ގަހަނާތައް ބާޒާރުން ވަރަށް ނުފެންނާނެ ކަމުގައެވެ.

ކްރިސްޓިއަން ބުނެފައިވަނީ މި ތަފާތު ފަށަކީ، ޑަޔާނާގެ ދިރިއުޅުމުގެ އެ ދުވަސްވަރު، ހެދުމާއި ގަހަނާ އެޅުއްވުމުގައި ޑަޔާނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބޮޑުވަމުންދިޔަ ޔަގީންކަމާއި އިތުބާރު ރަމްޒުކޮށްދޭ ފަށެއް ކަމުގައެވެ.

އަތައްލާ ކްރޮސްއަކީ ޑަޔާނާ އާންމުކޮށް އެޅުއްވި ހާރުތަކާއި ވަރަށް ތަފާތު ފަށެކެވެ. ރަނާއި، ރިއްސާއި، އެމެތިސްޓާއި އަލިމަހުގެ މި ފަށުގެ ފުލުގައި އިންނަނީ ބޮޑު ޞަލީބެކެވެ.

މި ފަށަކީ ފެޝަންގެ ތާރީހުން ކިމް ކާޑޭޝިއަންއާ ކުރިމަތިލީ ފުރަތަމަ އެއްޗެއް ނޫނެވެ.

އުމުރުން 42 އަހަރުގެ ކިމް ވަނީ މިދިޔަ އަހަރު މެޓް ގާލާއަށް، ކުރީގެ މަޝްހޫރު ތަރި މެރިލިން މޮންރޯގެ ހެދުމެއްގައި ހާޒިރުވެ، ހަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯދާފައެވެ. އެ ހެދުމަކީ މެރިލިން 1962 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީ ގެ އުފަންދުވަހުގެ މުނާބަތުގައި ހުށައަޅަދިން ހަރަކާތުގައި ލީ ހެދުމެވެ.

ސްކްރީން ލެޖެންޑުގެ ހެދުމަށް ކިމް ގެއްލުންދީފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކޮށްފައިވީ ނަމަވެސް، އެ ހެދުމުގެ ވެރި ފަރާތް ކަމަށްވާ ލޮސް އެންޖެލިސްގައި ހުންނަ ދާރުލްއާސާރަކުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.