ބޮލީވުޑްގެ ފިލްމީ ތަރީންގެ ތެރެއިން އެންމެ 'ކޫލް' ދެ ތަރީންނަކީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރްއެވެ. ސައިފް އާއި ކަރީނާގެ ދެ ވަނަ ކުއްޖާއަށް ކަރީނާ ބަނޑު ބޮޑު އިރު ސައިފް މިވަނީ އާއިލާ އަށްޓަކައި ޗުއްޓީއެއް ނަގައިފައެވެ.

އާއިލާ އަށް ވަރަށް އިސްކަންދޭ ކަން މީގެ ކުރީން ވެސް ފާހަގަ ވެފައިވާ ސައިފް އިންޑިއާގެ ނޫހަކަށް މައުލޫމަަތު ދެމުން ބުނީ ގެއަށް ދަރިއަކު އިތުރުވާ އިރު ވަޒީފާއިގައި ހުންނަން އެކަކުވެސް ބޭނުން ނުވާނެ ކަމަށެވެ.

ސައިފްގެ މިހާރު ތިން ކުދީން ތިބޭއިރު ތައިމުރް ފިޔަވައި ދެން ތިބީ އެހެން މީހަކާއި ކައިވެނިކޮށް ލިބިފައިވާ ކުދީންނެވެ. ކަރީނާ އާއި ސައިފްގެ ހުންނަނީ ތައިމުރްއެވެ. ސައިފްގެ ދެން ތިބެނީ ސާރާ އަލީ ހާން އާއި އިބްރާހީމް އަލީ ހާންއެވެ.

ކަރީނާ އާއި ސައިފް އެމީހުންގެ ދެ ވަނަ ކުއްޖާ ލިބޭ އިރަށް ތައްޔާރީތައް ވަމުންދާއިރު ކުރިއަށް ހުރި ބައެއް ފިލްމުތަކުގެ ޝޫޓުތައްވެސް ވަނީ މަޑުޖައްސާލައިފައެވެ.

ސައިފް ބުނީ ދަރީން ބޮޑުވަމުން އަންނަ އިރު އެކުދީންނަށް ޗުއްޓީއެއް ނުނަގާ މީހުން އެ ހަދަނީ ގޯހެއް ކަމަށެވެ. އަދި އަމިއްލަ ނަފްސަށްޓަކައި ވެސް ބްރޭކެއް ނެގުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

އަމިއްލަ ނަފްސަށްޓަކައި ކުރާ ކަންތައްތައް ކިޔައި ދެމުން ސައިފް ބުނީ ރަނގަޅު ފިލްމުތައް ހެދުމާއި، ރަނގަޅަށް ކެއުމާއި، ރަނގަޅަށް ނިދުމުގެ އިތުރުން ސިކުނޑި ހަމަޖައްސާލާ ކަމަށެވެ.

ކަރީނާ އާއި ސައިފްގެ ދަރިފުޅު ވިހަން ހަމަޖެހިފައި ވަނީ މިމަހުގެ ތެރޭގައެވެ.