އަލީ ޚާލިދުގެ ފިލްމީ ޙަޔާތް ކުރެވެ. އޭނާ ކުޅުނީ އެންމެ ތިން ފީޗަ ފިލްމެވެ. އޭނާ ކުޅުނު އެ ތިން ފިލްމުވެގެން ދިޔައީ، އޭރު ހުއްޓުމަކަށް އައިސް އޮތް ދިވެހި ފިލްމް އިންޑަސްޓްރީ އަށް ގެނުވި އިންގިލާބަކަށެވެ. އަދި ދިވެހި ފިލްމް އިންޑަސްޓްރީ އަލުން ހިނގައިގަތުމުގެ މެދުވެރިޔަކަށްވެސްވީ މަސައްކަތްތަކަށެވެ. އެއީ ރާއްޖޭގައި މިއަދާއި ހަމައަށްވެސް ފަނޑުކަމެއް އައިސްފައިނުވާ ތިން ފިލްމެވެ.

ފަންސާގެ އަހަރުތައް މިހާރު ގުނަމުން އަންނަ އަލީ، އާންމުންނަށް ބޮޑަށް މަޝްހޫރުވެގެން ދިޔައީ ފިލްމު "ދެރިޔާ" އިންނެވެ. ފިލްމީ ޙަޔާތް ކިތަންމެ ކުރުވިޔަސް، ބެލުންތެރިން އޭނާ ބަލައިގަތީ ލޯތްބާއެކުއެވެ.

އަލީ، އޭނާގެ ފިލްމީ ޙަޔާތް ސިފަކޮށްދެމުން ބުނެފައި ވަނީ ދާއިރާގައި މަސައްކަތް ކުރެވުނު މުއްދަތު ގުޅިފައި ވަނީ ހަޔާތުގެ އެންމެ ފުން ހަނދާންތަކާ ކަމަށެވެ. 27 ވަރަކަށް އަހަރު މާޒީވެ ގޮސްފައިވިޔަސް ވެސް، ފިލްމީ ދާއިރާގައި ކުރެވުނު ކާމިޔާބު މަސައްކަތްތައް އިއްޔެ ހިނގި ކަމެއް ފަދައިން އަދިވެސް އޭނާގެ ހަނދާނުން ފިލައިނުގޮސް ހުރީ އެހެންވެގެންނެވެ.

އަލީ ޚާލިދު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ފިލްމީ ޙަޔާތް ކުރުކޮށް ސިފަކޮށްދެމުން އަލީ ބުނެފައިވަނީ އެއީ ގިނަ ތަޖުރިބާތަކެއް ކުރެވުނު، ޙަޔާތުގެ މުޙިންމު ސަފުޙާއެއް ކަމަށެވެ. އަދި ފިލްމީ ދާއިރާގައި ފިޔަޖަހަން ފަށާ އެހެން ތަރީންނެކޭވެސް އެއްފަދައިން، އަލީއަށްވެސް ދާއިރާގައި މަސައްކަތް ކުރެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި ހީވެސް ނުކުރާފަދަ ބޮޑެތި ބަދަލުތަކަކާ ކުރިމަތިލާން ޖެހުނުކަމަށް އޭނާ ބުނެއެވެ.

ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި ދެވަނައެއް ނުވާ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ފިލްމް، "ދެރިޔާ" އަކީ އަލީ އަލަށް ވެސް އެކްޓިންގެ ދާއިރާއަށް ނިކުތް ފުރަތަމަ ފިލްމެވެ. އެހެންވެ އެ ފިލްމު ކުޅުމަށް ވެސް ގިނަ "ޗެލެންޖު" ތަކާއި އޭނާއަށް ކުރިމަތިލާން ޖެހުނެވެ. މިގޮތުން ފިލްމުގެ ފުރަތަމަ ޝޫޓުގައި ވެސް ކުރު ތަންކޮޅެއް ހެދުމަށް އެއްރޭ ހަތަރުދަން ހޭދަކުރަން ޖެހުނު ހަނދާން އޭނާ ފާހަގަކުރިއެވެ.

"ވަރަށް އުނދަގޫވި ފުރަތަމަ ފަހަރަށް، އޭރު އެއްވެސް ވަރަކަށް ނުވެސް ދަންނަ ބަޔަކާއެކު އެގޮތަށް އެކްޓު ކުރަން ޖެހުނީނަމަ. އެރޭ ގާތްގަނޑަކަށް 11:00 އިން ފެށިގެން ގޮސް ފަތިސް ވަންދެން މާލޭގެ ގެއެއްގައި ފުރަތަމަ ޝޫޓު ކުރިޔަށް ގެންދަން ޖެހުނު. އެކަމަކު ފިލްމުގެ ޓީމުގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނު. އެހެންވެ ޓެޑް ބޭނުންވާ ގޮތަށް ފިލްމް ކުޅެ ނިންމާލެވޭނެ ކަމާއި މެދުވެސް ފުރަތަމަ ދުވަހުން ފެށިގެން ވެސް ޝައްކެއް ނުކުރަން،" އަލީ ކިޔައިދިނެވެ.

އަލީ ބުނި ގޮތުން "ދެރިޔާ" ކުޅުމަށް އެ ފިލްމުގެ ސްކްރިޕްޓު ކިޔާފައި ވެސް ފިލްމުގައި ކުޅެން ޖެހޭ ރޯލް ހިތަށް ގެނެވުނު ކަމަށެވެ. އަދި އެއީ ކުޅެންވެސް ހެޔޮވާވާރު ރޯލެއް ނޫންކަން ފަހުން ފިލްމު ބަލާފައި ހިތަށް އެރި ކަމަށާއި، ފުރަތަމަ މަސައްކަތް ކަމުގައި ވީނަމަވެސް އޭގައި އެކްޓު ކުރެވިފައި ވަނީ އެހާވެސް ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ. އެފަދަ "ނުބައި މީހެއްގެ" ރޯލެއް ކުޅެން އޭނާ އެއްބަސްވީ، އެއީ ދިވެހި މުޖުތަމަޢުގެ ތެރޭގައިވެސް ވަރަށް އާދަކޮށް ހިނގާ ކަމަކަށްވެފައި، ބެލުންތެރީންނަށް އެއީ ކިހާވަރެއްގެ ކަމެއްކަން އަންގައިދޭން ބޭނުންވާތީ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ހަނދާން ހުންނަނީ ދެރިޔާ ޝޫޓިން ތެރެއިން އެކްސިޑެންޓެއްގެ މަންޒަރު ނަގަން އުޅެނިކޮށް ހިނގި ހާދިސާ. އެދުވަހު ވަރަށް ބިރުވެސް ގަތް. ކާރަކުން ޖެހޭ މަންޒަރު ނަގަން އުޅެނިކޮށް ކާރު ކޮންޓްރޯލް ނުވެ އައިސް ޖެހުނީ. ދެން އަޅުގަނޑު އޭގެ ބޮނެޓު މަތީގައި އަތް އަޅާލުމުން ކާރު މަތީގައި ޖެހިފައި އަނެއްކާ ކުއްލިއަކަށް ކާރު މަޑުކޮށްލި ވަގުތު ކައްސާލައިގެން ބިންމައްޗަށް ވެއްޓުނީ. އެހާ ހިސާބުން ހޭނެތިގެން ޝޫޓިންވެސް މެދުކަނޑާލަން ޖެހުނީ. އެކަމަކު ފަހުން ގޮސް އެ ޝޮޓު ބަލާލިއިރު އިނީ ބަރާބަރަށް. އަލުން ނަގާކަށްވެސް ނުޖެހުނު. އެއީ ހަމަ އަސްލު އެކްސިޑެންޓެއް ފިލްމުން އެ ފެންނަނީ،" ފިލްމީ ޙަޔާތުގައި ކުރިމަތިވި ހަނދާނުން ފޮހެނުލެވޭ އެންމެ ބޮޑު އެއް ތަޖުރިބާ ޙިއްސާކުރަމުން އަލީ ކިޔައިދިނެވެ.

"ދެރިޔާ" އަށްފަހު ކުޅުނު ފިލްމް "އަމާނާތް" އަކީ އަލީ އެންމެ ބޭނުންވާ ގޮތަށް، އެންމެ ހިތްހަމަ ޖެހިގެން ކުރި މަސައްކަތެވެ. ފުރަތަމަ ފިލްމުގެ ކާމިޔާބާއި ތަޖުރިބާއާއެކު ފިލްމް "އަމާނާތް" ގެ މަންޒަރުތައް ނަގަން އޭނާއަށް ވަރަށް ފަސޭހަވި ކަމަށާއި، އެ ފިލްމަކީ، ކުޅުނު ތިން ފިލްމުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ގޮތަށް ކުޅެވުނު ފިލްމު ކަމަށް އަލީ ބުންޏެވެ.

އެކްޓް ކުރުމަކީ އަލީ އަބަދުވެސް ވަރަށް ކުރާހިތުން ކުރި ކަމެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ބަދަލެއް ނައިސް އެހާ ކުރާހިތުން ކުރި ކަމެއް ދޫކޮށްލަން ޖެހުމަކީ އޭނާ އުންމީދު ކުރި ކަމެއް ނޫނެވެ. އެކްޓިންގެ އިތުރުން ޕްރެޒެންޓު ކުރުމަކީވެސް އަލީގެ ހުވަފެނެކެވެ. އެހެންވެ އެފަދަ ފުރުސަތެއް ދެންވެސް ލިބިއްޖެ ނަމަ ބެލުންތެރީންނަށް އޭނާ ފެނިދާނެ ކަމަށް އަލީ ބުނެއެވެ.

"ވަރަށް ފަހުންވެސް މާލެއިން އައި ޓީމަކުން އަޅުގަނޑާއި ބައްދަލުކޮށް ލަވައެއް ކުޅެދޭން އެދުނު. އެކަމަކު އޭރު ކަންދިމާކުރި ގޮތުން އަޅުގަނޑު ބުނީ މިވަގުތު އެހާ ރެޑީއެއް ނޫނޭ ކުއްލިއަކަށް އެކަހަލަ މަސައްކަތެއް ކުރަން. އެކަމަކު މިހެން އުޅެމުން ލިބޭ ފުރުސަތެއްގެ ބޭނުން ނުހިފަން ގަސްދުކޮށްގެން ނެތިން،" އަލީ ބުންޏެވެ.

ދިވެހި ފިލްމީ ދާއިރާއައް ބޮޑު އިންގިލާބެއް ގެނައުމަށްފަހު އަލީ އެންމެންގެ ލޯމަތިން "ގެއްލުން" ވީ ވަރަށް ގިނަ ބަޔަކަށް ލިބުނު "ޝޮކަކަށެވެ". އަދި އޭގެ ފަހުން އެކްޓް ކުރުމާ މުޅީން ދުރުވީ ކީއްވެކަންވެސް ގިނަ ބަޔަކު އެނގެން ބޭނުންވިއެވެ. ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު އޭނާގެ ފޭނުންނަކަށް ނުލިބެއެވެ.

ފިލްމީ ޙަޔާތާ ވަކިވާން ޖެހުނު ގޮތް އަލީ ކިޔައި ދެނީ ކުރު ގޮތަކަށެވެ. އޭނާ ސިފަކުރަނީ ފިލްމީ ދާއިރާއަށް ފަހު އޭނާއާ ކުރިމަތިލާން ޖެހުނީ "ވަރަށް އަނދިރި ދުވަސްތަކެއް" ގެ ގޮތުގައެވެ. އެ އަނދިރިކަމުގެ ތެރޭގައި އެތައް އަހަރެއް ވަންދެން އުޅުމަށްފަހު ހަޤީޤީ ދުނިޔެއަށް އެނބުރި އާދެވުނީ މީގެ ހަތަރުވަރަކަށް އަހަރުކުރީން ކަމަށް އަލީ ބުނެއެވެ.

އަލީ ޚާލިދު "ވަގުތު" އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އުފަން ރަށް އައްޑޫ ސިޓީ ހިތަދޫގައި މިހާރު އާއިލީ ވިޔަފާރިއެއް ހިންގުމުގެ މަސައްކަތް ކުރާ އަލީ ދިރިއުޅެމުން އަންނަނީ އާދައިގެ ދިރިއުޅުމެއްގައެވެ. ކެރިއަރުގައި ހޯދި ގިނަ ކާމިޔާބީތައް އޭނާ ފަޚުރުވެރިކަމާއެކު ކިޔައިދޭއިރު، އަދިވެސް ދާއިރާއިން ފެނިލިމުގެ އުންމީދު އޭނާގެ އެބައޮތެވެ. ނަމަވެސް ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެކަމަށް އަދި މާބޮޑު އަހަންމިއްޔަތުކަމެއް ނުދެވެނީއެވެ.

ފިލްމީ ދާއިރާއަކީ އަލީގެ ހަޔާތާވެސް ވަރަށް ބޮޑަށް ގުޅިފައިވި ދާއިރާއެކެވެ. އޭނާ އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އަދި ދާއިރާގެ ފުރަތަމަ މަސައްކަތް ކަމަށްވާ "ދެރިޔާ" އިން އޭނާއާއެކު ފެނިގެންދިޔަ ހައްވާ ޒާހިރާއަކީ އޭރު އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. ނަމަވެސް ފަހުން އެ ކައިވެނި ވަނީ ރޫޅިފައެވެ. އޭގެ ފަހުން އޭނާގެ މުޅި ޙަޔާތްވެސް ބަދަލުވީއެވެ.

އަލީ ބުނެފައިވާ ގޮތުން ދިރިއުޅުމަށް އައި ހިތްނޭދޭ ބަދަލުތަކުގެ ސަބަބުން ފިލްމީ ޙަޔާތާއި ދުރުވާން ޖެހުނީ އޭނާގެ "ރަންޒަމާނުގަ" އެވެ. އަދި އޭރު މާލޭގައި ހުރިގޮތަށް ހުރެވުނުނަމަ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވި މިހާތަނަށް އިތުރު އެތައް ކާމިޔާބީތަކެއް ލިބިފައިވާނެ ކަމަށް އޭނާއަށް ޤަބޫލުކުރެއެވެ.

އަލީ މިހާރު ކައިވެނިކޮށްގެން އުޅެނީ އޭނާގެ އުފަން ރަށު މީހަކާއެވެ. "އަނދިރި ދުވަސްތަކުން" އަލުން ދުނިޔެއަށް ލޯ ހުޅުވައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދިނީ މިހާރުގެ އަނބިމީހާ ކަން އަލީ ފާހަގަކުރަނީ ޝުކުރުވެރިކަމާއެކުއެވެ. ލޯބިން އެކުގައި މި ދެމަފިރިން އުޅޭތާ މިހާރު 15 ވަރަކަށް އަހަރު ވެފައި ވާއިރު ދަރީންވެސް ބޮޑެތިވެއްޖެއެވެ.

ފިލްމީ ދާއިރާއިން ދިވެހީންގެ ހިތްތައް ފަތަޙަ ކުރުމަށްފަހު މިހާރު ދާއިރާއާ ދުރުގައި ހުއްޓެއް ކަމަކު އަލީ އަކީ އަބަދުވެސް މި ދާއިރާގެ މަސައްކަތްތައް ގާތުން ބަލަމުން އަންނަ މީހެކެވެ. އަދި އޭނާ ފަދައިން ފިލްމީ ދާއިރާއަށް އަލަށް ނިކުންނަ ފަރާތްތަކާ މިވަގުތުވެސް ދާއިރާގައި ފިޔަޖަހާ ފަންނާނުންނަށް އޭނާ އެދެނީ ގިނަ ކާމިޔާބީތަކާއި ކުރިއެރުން ލިބުމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މުޅި ދިވެހި ފިލްމް އިންޑަސްޓްރީ އަށްވެސް އިތުރު އިންގިލާބުތައް އައުން އެއީ އޭނާވެސް އެހެން ފަންނާނުންނާއެކު ދެކެމުން އަންނަ ހުވަފެނެކެވެ.

އެންމެ ފުރަތަމަ އަލީ ދިވެހީންނަށް ފެނިގެން ދިޔައީ "ދެރިޔާ" އިންނެވެ. ޓެޑްރީ 1994 ވަނަ އަހަރު ޑައިރެކްޓުކުރި އެ ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބަލާފައިވާ އެންމެ ކާމިޔާބު އެއް ފިލްމުވެސް މެއެވެ. ޤައުމީ އެވޯޑުގެ އިތުރުން ރާއްޖޭގެ ފުރަތަމަ ފިލްމީ އެވޯޑްގައި ތަފާތު އެތައް އިނާމްތަކެއް މި ފިލްމަށް ލިބިފައި ވެއެވެ. އަދި މި ފިލްމު އޮލިމްޕަހުގައި އެޅުވި 36 ޝޯގެ ތެރެއިން ހައުސް ފުލް 34 ޝޯ ދައްކާފައި ވެއެވެ.

އަލީގެ ދެ ވަނަ ފިލްމް، "އަމާނާތް" އަކީ ވެސް "ދެރިޔާ" ފަދައިން ދާއިރާ ގުގުމާލި ފިލްމެކެވެ. އެގޮތުން 1998 ވަނަ އަހަރު ރިލީޒްކުރި އެ ފިލްމަކީވެސް ޓެޑްރީގެ ފިލްމެކެވެ. ފިލްމީ ކުރު ހަޔާތުގައި ދެން އަލީ ފެނިފައި ވަނީ "ހިމޭން ދުނިޔެ" އިންނެވެ. ދެހާސް ވަނަ އަހަރު ރިލީޒްކުރި އެ ފިލްމަކީ ޑައިރެކްޓަރު އަބްދުލްފައްތާހުގެ ފުރަތަމަ ފިލްމެވެ. އެއީ އަލީގެ އެންމެ ފަހު ފެނިލުންވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަމޭދާން ބުނި ގަތޫރާ

    އައއއްޔަތީ ރާއްޖޭގެ އަނިލް ކަޕޫރު. އެކަމަކު ކޮންމެސްވަރަކަށް ސަރުބީތައް ވިރުވާލައިގެން ދެން ނުކުންނަންޖެހޭނީ. މިހާރު ތިހުރީ މީހާގެ ސިފަގެއްލިފާ.

    25
    3
  2. މުބީނު

    ޔާމިނު ގެ ޑްރައިވަރު ކަން ކުރި މީހެއް. ހާދަ ބުރަ ވާނެއޭ ދޯ ޑްރައިވަރުކަން ކުރަން.😊

    11
    1
  3. ހަސަން

    ޙެޔޮނުވާނެ ދެން ފިލްމު ނުކުޅޭތި ތިގޮތައް ހުރެ

    10
    2
    • ފިލްމީ ހަސަނު

      އޭނަ ނުޅޭ ޅަކުއްޖަކަށްވެގެން ކުޅޭކަށް ފިލްމެއް. އުމުރާ ގުޅޭ ރޯލަކުން ފެންނަން އަދިވެސް ހަމަ ވަރަށް ކަމުދާނެ.

      9
      4
  4. ސިނބޭ

    މިހާރުދެން ތަރުކާރީ ހެއްދުން ހުއްޓާލީތަ؟

  5. ކުނބު

    މިހާރު ހީވަނީ ކޮންމެވެސް ލަޝްކަރެއްގެ އަމީރުހެން

    13
    • ސަންޑާނު

      ދެން އޭނާ ކުޅޭނީ ހަމަ އަމީރެއްގެ ބައި.

      5
      1
  6. ާދަލޭކް

    ޢެކަމަކު ކުރީގެ އަންހެނުން ކުދިން ތަރުބިއްޔަތު ކުރީ ހާދަ ބުރަ މަސައްކަތުން ނޭ. %100 ޒާާާހިރާާގެ މަސައްކަތް .ފިސާރި ހިއްވްރު ގަދަ ކަނބަލެއް.

    • Minaa

      Kobaa tha mihaaru

  7. ވާނުވާ

    ގައިމު އަކްޝޭމެން އަޖޭ މެން ޝާހު މެން މީ 1990 ގަ ފިލް ކުޅޭން ފެށި މީހުން. އަދިވެސް ބަތަލް ރޯ ކުޅެނީ. އައްޔަ އަދި އޭގެ 4 އަހަރު ފަހުން 1994 ގަ ފިލްމް ކުޅެން ފެށީ. އެހެންވީމަ އަދިވެސް ހަމަ ބަތަލް ރޯލް ކުޅެވޭނެ

  8. ޖުހާބެ

    ތަމަޅަ ފިލްމަކަށް ސަޅިވާނެ

  9. ނަސީމާ..

    އަދިވެސް ކުޅެވޭނެ...ހަމަ 18، 19 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަތަލްގެ ރޯލަކުން ވަރަށް ދެކިލަން ބޭނުން ....އަދިވެސް އައްޔައަކީ ރާއްޖޭގެ ހުރި މުޅު އެކްޓަރެއް..

  10. ދޮން ބަބުރު ސޮރު

    މީނަ ފެނުމަށް ވުރެން ދެން ރަނގަޅީ ނުފެނުނިއްޔާ ދޯ