ބޯ ކޮށުމަކީ ރީތިވުމަށް އަދި ސާފުތާހިރުވުމުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ކަމެކެވެ. އެކި ގޮތް ގޮތަށް ބޯކޮށައިދޭ މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި އިރު ޗައިނާގެ ރައްޔިތެއް ކަމަށްވާ ވަންގް ވެއިބޫ އަކީ ވެސް ތަފާތު ގޮތަކަށް ބޯކޮށައިދޭ މީހެކެވެ.

ވެއިބޫ ބޯކޮށައިދޭ ވީޑިއޯތައް އާންމު ވެފައިވާ އިރު އޭނާގެ ބޯކޮށުމުގެ ހުނަރު ތަފާތު ވަނީ އަލިފާން ބޭނުންކުރާތީއެވެ. ވަންގްގެ ބޯކޮށައިދިނުމުގެ ހުނަރަކީ ޗައިނާގެ ކުރީގައި ވަރަށް މަޝްހޫރުވި ހުނަރެކެވެ. ދަހޫޖިއަގެ ނަމުން މަޝްހޫރު މި ހުނަރު ހުންނަ މީހުން ޗައިނާގައި މިހާރު ވަރަށް މަދެވެ.

ހޫނުކޮށްފައިވާ ޓޮންގް އެއް ބޭނުންކޮށްގެން ބޮލުގައި ހުންނަ އިސްތަށިތައް އަންދައި ބޯ ކޮށައިދޭއިރު ބޯ މާ ދިގުވެއްޖެ ނަމަ ބޯ ކޮށަނީ ހޫނު ކަތުރަކުންނެވެ.

ވެއިބޫ ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ މި ވިޔަފާރި ވަރަށް ރަނގަޅު ކަމަށާއި އެންމެ ގިނައިން އަންނަނީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ.

ފޮޓޯ: ގޫގުލް

އަލިފާން ބޭނުންކޮށްގެން ދަގަނޑު އެއްޗެއް ޖައްސައި ބޮލުގެ އިސްތަށިގަނޑު އަންދައިގެން ބޯކޮށައިދިނުމަކީ 1980 ގެ ކުރީގައި ޗައިނާގައި ވަރަށް ފުޅާކޮށް ކުރަމުން އައި ކަމެކެވެ. ނަމަވެސް އޭގެ ފަހުން ޒަމާނަށް އައި ބަދަލާއެކު މިކަން ބަދަލުވެގެން ދިޔައެވެ.

ފޮޓޯ: ގޫގުލްއުމުރުން 73 އަހަރުގެ ވެއިބޫ ބުނީ މި އުކުޅު ބޭނުންކޮށްގެން ބޯކޮށުމުން ތިން މަސް ވަންދެން ބޯ ރީއްޗަށް ބެހެއްޓޭ ކަމަށެވެ. ބައެއް މީހުންނަށް މިގޮތަށް ބޯކޮށައިދިނުމުން ދުވާ ވަހުން މައްސަލަ ޖައްސާ ކަމަށް ވެއިބޫ ވަނީ ބުނެފައެވެ.

ނަމަވެސް އޭނާ ކައިރިއަށް ގަވައިދުން ބޯކޮށުމަށް އަންނަ ކަސްޓަމަރުން މައްސަލަ ނުޖައްސާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު