ކޮވިޑް-19 ޖެހިގެން މަރުވާނެ ކަމަށް ބުނެ އައިސީޔޫއަށް ލާފައިވާ އުމުރުން ދުވަސްވީ މީހަކު އިނގިރޭސިވިލާތުގައި ރަނގަޅުވެއްޖެއެވެ.

އުމުރުން 58 އަހަރުގެ ކާލް ލީދަމްއަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގިފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކުއްލި ގޮތަކަށް ބަލިވެގެން ހެދި ޓެސްޓުންނެވެ. އެހެން ކަމުން އޭނާ ވަނީ އަނބިމީހާއާއި ދެކުދިންނާއި ކައިރިން އެކަހެރިވެފައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ބަލީގެ އަލާމާތްތައް ފެނި މި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ ހާލު ދެރަވެގެން ޗެސްޓަރފީލްޑް ރޯޔަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭރު ހުން އަހުމާއި ގައިގައި ރިއްސުމާއި ކެއްސުން ފަދަ އަލާމާތްތައް އޭނާގެ ގައިން ފެނުނެވެ.

އޭގެ އެއް ދުވަސް ފަހުން ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ފުރަމޭއަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އޭނާ މަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އެގޮތަށް ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ހާލަތު ކުއްލި ގޮތަކަށް ދަށަށް ގޮސްފައިވާތީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެގޮތަށް ހާލަތު ދަށްވުމުން އޭނާއަށް ފަހުން ދީފައިވަނީ ހުޅުހުޅުގައި ރިއްސާ ބޭހެއް ކަމަށްވާ "ޓޮކިލިޒުމަބް" އެވެ. ހޮސްޕިޓަލުގައި އޭނާއަށް ފަހުން ފަރުވާ ދީފައިވަނީ އެ ބޭސް ދެވޭ ކަހަލަ މެޝިނަކަށް ގުޅައިގެންނެވެ. އެ މެޝިނުން އޭނާއަށް އޮކްސިޖަންވެސް ވަނީ ދީފައެވެ.

ޑޮކްޓަރުން އޭނާ މަރުވާނެ ކަމަށް ބުނި ދުވަސް ނޫން އޭގެ ދެ ދުވަސް ފަހުން އޭނާ ވަނީ އެޗްޑީޔޫ އަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ބަލި ޖެހިގެން ފަރުވާދޭ ވޯޑަށް ބަދަލު ކޮށްފައެވެ. އޭނާ ބަލިން އެއްކޮށް ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހައެވެ.